ޒިނޭކުރުމަށްފަހު ތަޢުބާވެފައިހުރި މީހަކާ އިއްފަތްތެރިއަކު ކައިވެނިކުރުން ހުއްދަވާނެތޯ؟
ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ.
(التائب من الذنب كمن لا ذنب له)
މާނައަކީ: "ކުށަކުން ތައުބާވެއްޖެމީހާ ކުށެއް ނުކުރާ މީހެއްފަދައެވެ".
އެހެންކަމުން، ޒިނޭކުރުމަށްފަހުގައި ރަގަޅު ތައުބާ އަކުން ތައުބާވެފައިވާނަމަ އެފަދަ މީހަކާ ޢިއްފަތްތެރިއަކު ކައިވެނި ކުރުމަކީ ހުއްދަ ކަމެކެވެ. والله أعلم
އިތުރު ސުވާލެއް-
އަނބިމީހާ ކުރި ކުށަކާ ހުރެ ރުޅި އައިސްގެން ފިރިމީހާ އަނބިމީހާއާ ދިމާއަށް "ކަލޭ ތިކުށް ކުރުމުގެ ސަބަބުން އަހަރެންނާ ދެން ގުޅުމެއް ނޯންނާނެއޭ ތީހަމަ ހިލޭ މީހެއް ފަދައިންނޭ ދެން އަހަރެން ދެކޭނީ" ބުނުމުން ވަރިވާނެތޯ؟ ފިރިމީހާ ބުނާ ގޮތުން އޭނަ އެހެން ބުނީ އެއްވެސް ވަރިކުރުމުގެ ނިޔަތުގައެއް ނޫން. އަނބިމީހާ ކުރި ކުށުގެ ސަބަބުން އޭނާއަށް އެއްޗެއް ވިސްނަދިނުމުގެ ގޮތުން ކަމަށް. މިހާލަތުގައި މިކައިވެނި ރޫޅޭނެތޯ؟
ވަރިކުރުމުގައި ދެގޮތެއްވެއެވެ. އެއީ: ޞަރީޙަ ބަހުން ވަރިކޮށްފީމޭ ބުނުން، މިޙާލަތުގައި ފިރިމީހާގެ ނިޔަތަށް ބެލުމެއް ނެތި ވަރިވާނެއެވެ.
ދެވަނަ ގޮތަކީ: ޞަރީޙަ ނޫން ބަހަކުން ވަރިކޮށްފިކަމަށް ދޭހަވާ ފަދަ ބަހެއް ބުނުމެވެ. މިޙާލަތުގައި ފިރިމީހާގެ ނިޔަތަށް ބަލަން ޖެހޭނެއެވެ. އޭނާގެ ނިޔަތަކީ ވަރިކުރުން ކަމަށް ވަނީ ނަމަ ވަރިވާނެއެވެ. ނޫންނަމަ ވަރިއެއް ނުވާނެއެވެ.والله أعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް