ބައިވެރިޔާ ގައިގަ އަލިފާން ޖައްސަމުން ހިނިތުންވުމަށް އެދުނަކަސް އެކަމެއް ނުކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ބައިވެރިޔާ ގައިގަ އަލިފާން ޖައްސަމުން ހިނިތުންވުމަށް އެދުނަކަސް އެކަމެއް ނުކުރެވޭނެ!

މިހާރަކަށް އައިސް ހޭލުންތެރިކަން އިތުރުވެ ރޭ ބެލި ފިލްމުގައި ފެނުނު ފަދައިން ދެމަފިރިން އަބަދުވެސް ބޭނުންވަނީ ހިނިތުންވެގެންތިބެ އިސްތިޤްބާލްކުރާށެވެ! ނަމަވެސް ފީލްމުގައި ދެމަފިރިންގެ ކިބައިން ފެނުނު އެކުވެރިކަމާއި ވަފާތެރިކަމާއި އޯގާތެރިކަމާއި ލޯބިދިނުން މަތިން ހަނދާނެއް ނުހުރެއެވެ.

ފިރިމީހާ ގެއަށް އައުމުން ހިނިތުންވުމާއިއެކު މަރުހަބާ ކިޔުމަކީ ވަރަށް ގިނަ މައްސަލަތަކުގެ ހައްލެވެ. އެހެންކަމުން މިއީ އިތުރަށް ވިސްނައިލަން ޖެހިފައިވާ ކަމެކެވެ. ގިނަ ފަހަރު އަނބި މީހާ ހިނިތުން ނުވަނީ ކޮންމެވެސް ކަމަކާއިމެދު ހިތް ހަމަނުޖެހި ހުރުމުން ކަމަށްވެދާނެއެވެ. ފިރިމީހާ ގެއަށް އައުމުން މަޝްވަރާކޮށް މައްސަލަ ހައްލުކުރުމަށްފަހު ފަހުން ހިނިތުންވެލަން ކަމަށްވެސް ވެދާނެއެވެ. ނަމަވެސް ކަންކަން ބަދަލުވަނީ އެގޮތަކަށް ނޫނެވެ. ހިނިތުން ވުމާއިއެކު މަރުޙަބާ ނުކިޔާ ހިސާބުން ރޯވާ ހުޅުގަނޑު ދާނީ ބޮޑުވެ ބާރުވަމުންނެވެ.ވީމާ އެއްވެސް މައްސަލައެއްގެ ޙައްލު ފެނުމަކީ ވަރަށް ދުރު ކަމެކެވެ.

ފިރިމީހާ ގެއަށް އައުމުން ހިނިތުން ނުވުމަކީ ފިރިމީހާ އާއިމެދު އަންތބަކަށް ހިންގޭނެ އެންމެ ބޮޑު ޖަރީމާއެވެ. އަދި އެއީ ދެވޭނެ އެންމެ ބާރު ގަދަ ހަމަލާ ކަމަށްވެސް ބެލެވެއެވެ. ފިރިމީހާއަށް އެންމެ ބޮޑު އަނިޔާއެއްވެސް ލިބޭނީ އެކަމުންނެވެ. ފިރިމީހާ އެވަގުތު އެކަމާއިމެދު އެއްވެސް ނުބުނެފާނެއެވެ. ނަމަވެސް މުޅި ހަވީރާއި އެރޭ އެކަމުގެ ހަމަލާތައް ދާނީ އަމާޒުވަމުންނެވެ.

އަނބިމީހާއަށް ކުރެވޭ ކޮންމެ ކަމަކުން ކުށްތައް ފެންނާނެއެވެ. ރޭގަނޑު ކާ ވަގުތު ލޮނު ގަދަ ނޫނީ މަޑުވާނެއެވެ. ނިދަން އޮށޯތުމާއިއެކު ބޮލުގައި ރިއްސާތީ ވާހަކަ ދައްކަން ބޭނުމެއް ނުވާނެއެވެ. އެނބުރޭނީ ބިއްދޮށަށެވެ.

ހިނިތުން ވުމަކީ ޞަދަޤާތެކެވެ. ދެމަފިރިންގެ މައްސަލަތައް ޙައްލުކުރުމަށްޓަކައި އޮތް އެންމެ ރަނގަޅު އެއް ވަސީލަތެވެ. ހިނިތުން ވެލުމަކީ އެއްވެސް ޚަރަދެއްވެސް ކުރަން ޖެހޭ ކަމެއް ނޫނެވެ. ހަމައެއާއިއެކު އަނބިމީހާ އެދޭ ކަންކަމުގެ ތެރެއިން ކޮށްދެވެން ހުންނަ ކަންކަން ކޮށް ނުދީ ލަސްކުރުމުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟ 2، 3 ދުވަސް ފަހުން ނަމަވެސް ޖެހޭނީ ހަމަ ކޮށްދޭން ނޫން ހެއްޔެވެ؟ ވީއިރު އެކަމުގެ މަންފާ އެންމެ ބޮޑަށް ތިމާއަށް ކުރާނެ ގޮތަށް ވީހައި އަވަހަށް ކޮށް ނުދޭންވީ ކީއްވެގެން ހެއްޔެވެ؟

ކޮންމެ ދެމަފިރިއަކުވެސް މި 2 ކަންތަކަށް އެކަނި ސަމާލުކަން ދިން ނަމަވެސް ކައިވެނި އުފާވެރިކަމުގައި ދަމަހައްޓަން ބޮޑެތި ކުރިއެރުންތްކެއް ލިބިގެންދާނެކަން ޔަޤީނެވެ! އަޅެ ނިކަން އަޖުމަ ބަލައިލަ ބަލާށެވެ!

--އުސްތާޛް ނޫމާން ޢަލީ ޚާންގެ ދަރުސަކުން

މިއަދު އޮންލައިން