އަނބިމީހާ ނަމަވެސް ފިރިމީހާ ނަމަވެސް އަނެކާގެ ގާތުން އެދޭ ކަމެއް ފުއްދައިދެވެން އޮވެމެ ފުއްދައި ނުދެވި އެތައް ދުވަހެއް ފާއިތުވެގެންދާނަމަ އެކަމަށް ދެއްކޭނެ އެއްވެސް އުޒުރެއް ނުއޮންނާނެއެވެ. އެދޭ ކަންކަމުގެ ތެރެއިން ފުއްދައިދެވެން ހުންނަ ކަންކަން ފުއްދައިދިނުން ލަސްވެގެން އިތުރަށް ހަނދާންކޮށްދޭން ޖެހުމަކީ އަނެކާގެ އެންމެ ބޮޑު ފޭލިވުމެވެ.
ޚާއްޞަކޮށް އަނބިންނަށް މި މައްސަލަ ބޮޑުވެގެންދެއެވެ. އެއީ އެމީހުންނަށް ބޭނުންވާ ކަންކަމުގައި ބުނަން ހުރީ ފިރިމީހާ އެކަނި ކަމުގައިވުމުންނެވެ. އެހެން މީހެއްގެ ގާތު ކަމަކަށް އެދިއްޖެނަމަ އެކަމުގެ ނާޖާއިޒު ފައިދާ ނަގާނެތީއެވެ.
އެންމެ ހިތާމަހުރި އެއްކަމަކީ އަނބިން ބޭނުންވާ ކަންކަން އަމިއްލައަށް ކޮށްނުދެވޭއިރު، އަނބިމީހާ އެދޭ ކަންކަމަށް ފަރުވާކުޑަކުރެވޭއިރު ވެސް އަނބިމީހާ އެހެން މީހެއްގެ ގާތު ކަމަކަށް އެދިއްޖެނަމަ އަންނަ ރުޅީގައި އެބަ ވަރިފަށަށް އަރުވާލައެވެ.
އަނބިމީހާ ކަމަކު އެދުމުން އެއީ ކޮށްދެވެން އޮތް ކަމެއްނަމަ ވަގުތުން އެކަން ފުއްދައިދޭންވާނެއެވެ. އެއިރުން އެނގިގެން އެދަނީ ފިރިމީހާ އަނބިމީހާއަށް ދޭ ސަމާލުކަމެވެ. ހަމައެފަދައިން ކޮށްދެވެން ހުންނަ ކަންކަން ކޮށް ނުދީ ލަސްކުރާނަމަ އެކަމުން އަންގައިދެނީ އަނބިމީހާ އާއި ދެމެދު އެއްވެސް އަޅައިލުމެއް ނެތްކަމެވެ. ޝައުޤުވެރިކަމެއްވެސް ނެތްކަމެވެ.
ކޮންމެއަކަސް ބައިވެރިޔާ އެދޭ ކަންކަން ކޮށްދިނުމުގައި އަވަސްވެގަތުމަކީ ބައިވެރިޔާގެ ކިބައިން ތިމާ އެދޭ ކަންކަން ވެސް އަވަހަށް ޙާޞިލުވެގެންދާނެ ސަބަބެކެވެ. އެކަންވެގެންދާނީ ހަމަ އނެއްކޮޅަށް އެއްލޭ ބޯޅައަކަށެވެ!
--އަލަފް