ޢަލީ އިޙްޞާން ފިރާޤް
އެންމެފަހުގެ ވަދާޢު ކިޔަމުން އަމީރު މުޢާވިޔަތު
އެންމެފަހުގެ އަހުދޭ އެއީ ދެކެވަޑައިގެން ޢާއިޝަތު
އަމީރުލް މުއުމިނީން ޢަލީ ބިން އަބީ ޠާލިބު ރަޟިޔަﷲ ޢަންހު ޝަހީދުވުމަށްފަހު، މުސްލިމުންގެ ޚަލީފާއަކަށް އިސްކުރެވުނީ އެކަލޭގެފާނުގެ ދަރިކަލުން ޙަސަންގެފާނެވެ. އެއަށްފަހު ޚަލީފާކަން ލިބިވަޑައިގަތީ އަމީރު މުޢާވިތަގެފާނަށެވެ. މުޢާވިޔަތުގެފާނުގެ ޚިލާފަތުގައި ޢާއިޝަތުގެފާނު އެކަލޭގެފާނަށް ކަންތައްތަކުގައި މަޝްވަރާ ދެއްވައެވެ. ޚުދު މުޢާވިޔަތުގެފާނުވެސް ޢާއިޝަތުގެފާނަށް ސިޓީ ލިޔުއްވައިގެން އެކަމަނާގެ ނަޞޭޙަތްޕުޅުތައް ހޯއްދަވައެވެ.
އެގޮތުން އެއްފަހަރަކު މުޢާވިޔަތުގެފާނު، ޢާއިޝަތުގެފާނަށް ލިޔުއްވި ސިޓީފުޅެއްގެ ވާހަކަ އިމާމު ތިރުމިޒީ ރިވާ ކުރައްވައިފައިވެއެވެ. މުޢާވިޔަތުގެފާނު އެކަލޭގެފާނުގެ ސިޓީފުޅުގައި ލިޔުއްވައިފައިވެއެވެ. [ތިމަންކަލޭގެފާނަށް ނަޞޭހަތެއް ލިޔުއްވައިފައި ފޮނުއްވައި ދެއްވާށެވެ. ނަމަވެސް އެހާ ދިގު ނުކުރައްވައްޗެވެ.] ޢާއިޝަތުގެފާނު ލިޔުއްވިއެވެ. [ކަލޭގެފާނުގެ މައްޗަށް ސަލާމް ހުއްޓެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވި އަޑު ތިމަންކަމަނާ އެހީމެވެ. މީސްތަކުންގެ ނުހުރުމުގައިވެސް މާތްﷲ ގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރާ މީހަކު ދަންނާށެވެ. މާތްﷲ، އޭނާ މީސްތަކުންގެ ކިބައިން ރައްކާތެރި ކުރައްވާނެއެވެ. އަދި މާތްﷲ ރުހިވޮޑިނުގަންނަވާ ގޮތަށް ޢަމަލުކޮށް، މީސްތަކުންގެ ރުހުން ހޯދަން މަސައްކަތް ކުރާމީހަކު ދަންނާށެވެ. ފަހެ މާތްﷲ އޭނާ ކަންތައް އެމީސްތަކުންނާ ޙަވާލުކުރައްވަވާނެތެވެ.]
{جامع الترمذي،كتاب الزهد عن رسول الله صلى الله عليه وسلم،2414}
ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ގެ ގިނަ އަނބިއަނބިކަނބަލުންތަކެއް އަވަހާރަވުން:
މުޢާވިޔަތުގެފާނު ޚިލާފަތުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ވަރަށް ގިނަ އަނބިއަނބިކަނބަލުން އަވަހާރަވިއެވެ. އެގޮތުން އެކަލޭގެފާނުގެ ޚިލާފަތުގައި އެންމެ ފުރަތަމަ އަވަހާރަވީ އެކަލޭގެފާނުގެ އުޚުތު އުއްމުލް މުއުމިނީން އުއްމު ޙަބީބާ ރަޟިޔަﷲ އަންހާއެވެ. ޠަބަޤާތު އިބްނު ސަޢުދުގައި ރިވާވެގެންވެއެވެ. ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. އުއްމު ޙަބީބާ އަވަހާރަވި އާލާސްކަންފުޅުގައި އޮންނަވައި ތިމަންކަމަނާ ބަލައިފޮނުއްވައިގެން ގެންދަވައި ވިދާޅުވިއެވެ. [އެކަކާ ކާވެނިކޮށްގެން އުޅުނު ބައެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ މެދުގައި ކުދިކުދި މައްސަލަ ޖެހިފައި ހުރެދާނެއެވެ. އެފަދަ ކަމެއް އަޅުގަނޑުގެ ފުށުންވެފައި އޮތްނަމަ އެކަމަށް މަޢާފު ދެއްވުން އެދެމެވެ.]
ޢާއިޝަތުގެފާނު ވިދާޅުވިއެވެ. ދެން ތިމަންކަމަނާ އުއްމު ޙަބީބާއަށް ދެންނެވީމެވެ. [މާތްﷲ ކަމަނާގެ ފާފަފުއްސަވައި ދެއްވާށިއެވެ. އަޅުގަނޑުގެ ހިތުގައި ކަމަނާއާމެދު އެއްވެސް ކޫރުމެއް، ކިލަނބުކަމެއް ނުވެއެވެ.] އުއްމުޙަބީބާ ވިދާޅުވިއެވެ. [މާތްﷲ ކަމަނާ އުފަލުގައި ލަހައްޓަވާށިއެވެ.]
އަދި އުއްމު ސަލަމަތުގެފާނު ބަލައިފޮނުއްވައިގެން ގެންނަވައި ހަމަ މިމޭރުމުން އެކަމަނާއާ ވާހަކަފުޅު ދެއްކެވިއެވެ. އުއްމު ޙަބީބަތުގެފާނު އަވަހާރަވީ އެ އާލާސްކަންފުޅުގައި އޮންނަވައި ހިޖުރައިން 44 ވަނަ އަހަރުގެ ތެރޭގައެވެ.
ޖެހިގެން އައި ހިޖްރައިން 45 ވަނަ އަހަރުގެ ތެރޭގައި އުއްމުލް މުއުމިނީން ޙަފްޞާގެފާނު އަވަހާރަވެއްޖެއެވެ. އެކަމަނާއަކީ ޢާއިޝަތުގެފާނުގެ ޚާއްޞަ އެކުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަނބަލެކެވެ.
އިބްނު ސަޢުދު ރިވާކުރައްވައިފައިވެއެވެ. ހިޖުރައިން 50 ވަނަ އަހަރު އުއްމުލް މުއުމިނީން ޞަފިއްޔަތު ބިންތު ޙުޔައްޔު އަވަހާރަވިއެވެ. އެކަމަނާ ތަރިކައިގެ ގޮތުގައި ދޫކުރެއްވި ފައިސާއިން ބައެއް އެކަމަނާގެ ތިމާގެފުޅު ޔަހޫދީއަކަށް ދިނުމަށް އެކަމަނާވަނީ ވަޞިއްޔަތްކުރައްވައިފައެވެ. ނަމަވެސް މީސްތަކުން އެބައި އޭނާއަށް ދޭން ދެކޮޅު ހެދިއެވެ. އެވާހަކަ ޢާއިޝަތުގެފާނަށް އެނގިވަޑައިގެންނެވުމުން އެކަމަނާ ވިދާޅުވިއެވެ.
[އޭ މީސްތަކުންނޭވެ. ތިޔަބައިމީހުން މާތްﷲ ބިރުވެތިވާށެވެ. ޞަފިއްޔާގެ ވަޞިއްޔަތް ފުރިހަމަ ކުރާށެވެ.]
ޢާއިޝަތުގެފާނު މިހެން ވިދާޅުވުމުން އުއްމުލް މުއުމިނީން ޞަފިއްޔަތުގެފާނުގެ ވަޞިއްޔަތާ އެއްގޮތަށް އަމަލު ކުރެވުނެވެ.
މުޢާވިޔަތުގެފާނުގެ ޚިލާފަތުގައި އުއްމުލް މުއުމިނީން މައިމޫނާ ރަޟިޔަﷲ ޢަންހާވެސް އަވާހަރަވިއެވެ. އެކަމަނާއަށް އަވަހާރަވުމުގެ އާލާސްކަންފުޅު ޖެހިވަޑައިގަތީ ޙައްޖަށް ވަޑައިގެން އިންނަވަނިކޮށެވެ. ޔަޒީދު ބުނުލް އަޞުމްއަށް ޙަވާލާ ދެއްވައި އިބްނު ކަޘީރު އަލްބިދާޔާ ވައްނިހާޔާގައި ލިޔުއްވައިފައިވެއެވެ. މައިމޫނަތުގެފާނަށް އަވަހާރަވުމުގެ އާލާސްކަންފުޅު ޖެހިވަޑައިގަތުމުން އެކަމަނާ ވިދާޅުވިއެވެ. [އަހަރެން މައްކާއިން ނެރެދޭށެވެ. އަހަރެން މައްކާގައި މަރުނުވާނެކަމަށް މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘު ކުރެއްވި އަޑު އެހީމެވެ.] ދެން އެކަމަނާއަށް ބޮޑުދައިތަ ވިދާޅުވާބޭފުޅުން އެކަމަނާ ގޮވައިގެން ސަރިފު އަށް ދެވުނުތަނާ އެކަމަނާ އަވަހާވިއެވެ. އެކަމަނާ އަވަހާރަވީ ހިޖުރައިން 51 ވަނަ އަހަރުގައެވެ.
ސިޔަރު އަޢުލާމުއްނުބަލާއުގައި އިމާމު ޛަހަބީ ރިވާ ކުރައްވައިފައިވެއެވެ. މައިމޫނަތުގެފާނުގެ އަވަހާރަވި ޚަބަރު ޢާއިޝަތުގެފާނަށް ލިބިވަޑައިގެންނެވުމުން ވިދާޅުވިއެވެ. [މައިމޫނާ އަހަރެމެންނާ ވަކިވެވަޑައިގެންނެވީއެވެ. ތިމަންބޭކަނބަލުންގެ ތެރެއިން އެންމެ ތަޤުވާވެރި، އެންމެ ބޮޑަށް ގާތްތިމާގެ ކަމުގެ ގުޅުން ޤާއިމު ކުރެއްވި ބޭކަނބަލަކީ މައިމޫނާއެވެ.]
މުޢާވިޔަތުގެފާނުގެ ޚިލާފަތުގައި އުއްމުލް މުއުމިނީން ޖުވައިރިއްޔަތުގެފާނުވެސް އަވަހާރަވިއެވެ. އެކަމަނާ އަވަހާރަވީ ހިޖްރައިން 50 ވަނަ އަހަރުގައެވެ. އެހެން ބައެއް ރިވާޔަތްތަކުގައިވަނީ އެކަމަނާ އަވަހާރަވީ ހިޖްރައިން 56 ވަނަ އަހަރުގައި ކަމަށެވެ. ކޮންމެއަކަށް މިބޭކަނބަލުން އަވަހާރަވުމަށްފަހު ދެން ކީރިތި ރަސޫލާގެ އަނބިއަނބިކަނބަލުންގެ ތެރެއިން ދުނިޔޭގައި ތިއްބެވީ ޢާއިޝަތުގެފާނާއި އުއްމުސަލަމަތުގެފާނު ގިނިކަންޏާއެވެ.