ދަރިންނަށް ކާންދޭނެ އެއްޗެއް ލިބޭތޯ އަތުގައި ހުރި ވަކިލާރިކޮޅު ހިފައިގެން ބާޒާރަށް ދަނިކޮށް ސަލާންޖެހި މީހަކަށް އެލާރިކޮޅު ދިން މީހަކަށް ވަގުތުން ލެއްވެވި ބޮޑު ރަޙްމަތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ދަރިންނަށް ކާންދޭނެ އެއްޗެއް ލިބޭތޯ އަތުގައި ހުރި ވަކިލާރިކޮޅު ހިފައިގެން ބާޒާރަށް ދަނިކޮށް ސަލާންޖެހި މީހަކަށް އެލާރިކޮޅު ދިން މީހަކަށް ވަގުތުން ލެއްވެވި ބޮޑު ރަޙްމަތުގެ ވާހަކަ-

ޞަދަޤާތް ކުރާށޭ ބުނާއިރަށް ގިނަ ބައަކު އެކަން މާނަކުރަނީ އެއީ ވަރަށް ތަނަވަސް މީހުންނަށް އެކަނި ކުރެވޭނެ ކަމެއް ކަމަށެވެ. އެހެންވެ މިކިވައުދެނީ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. މިވާހަކައިގައި ހަމަ ކޮންމެ މީހަކަށްވެސް ޢީބްރަތެއްވެއެވެ. އަޑުއަހައިލާށެވެ! 

"އެއީ މީހަކަށް ވަރަށް އަތްމަތި ދުވަސްކޮޅެކެވެ. ނަމަވެސް ގެއިން ކާބޯތަކެތި ހުސްވާން ކައިރިވުމުން މާރުކޭޓަށް ދިއައީ ގޭގައި ހުރި ވަކިލާރިކޮޅު ހިފައިގެންނެވެ. މާރުކާޓާއި ކައިރިވެސް ނުވެވެނީސް މީހަކު އައިސް ރޮއިގެންފައި ބުނީ އޭނާގެ ގޭގައި ކާނެ އެއްވެސް އެއްޗެއް ނެތް ކަމަށާއި ކުޑަ 2 ދަރިން މިހާރުވެސް ތިބީ ބަނޑުހައިވެގެން ގޮސް ހޭނެތެނބް ގާތްވެފައި" ކަމަށެވެ. 

އެވަގުތު އޭނާއަށް ހުއްޓިލެވުނެވެ. އަދި ކަންތައް ކުރާނެ ގޮތަކާއިމެދު ވިސްނައިލިއެވެ. އޭނާ ހިތަށް އެރީ އަދިވެސް އެއް ދުވަހު ކާނެ ތަކެތި ގޭގައި އެބަހުރި ކަމަށެވެ. ނަމަވެސް އެމީހާގެ 2 ދަރިން ބަނޑަށް މަރުވަނީ ކަމަށެވެ. އެގޮތަށް ހިތަށް އެރުމުން ގެންދިއަ ވަކިލާރިކޮޅު ނަގާފައި އެމީހާއަށް ދީފައި ބުންޏެވެ. "ތިއައީ މިވަގުތު އަހަރެންގެ އަތުގައި އޮތް މިންވަރެވެ. ދަރިންގެ ފުރާނަ ސަލާމަތްކުރެވޭތޯ އަވަހަށް މަސައްކަތް ކުރާށެވެ! ލިބުނު އެއްޗެއް ގަނެގެން ގެންގޮސް އަވަހަށް ކާންދެވޭތޯ ބަލާށެވެ!" 

އެހެން ބުނެފައި ނިންމައިލީއެއް ނޫނެވެ. އޭނާއަށާއި ޢާއިލާއަށް ތަނަވަސްކަން ދެއްވަވައި ހެޔޮ ރަޙްމަތް ލެއްވެވުން އެދި ދުޢާވެސް ކުރިއެވެ. 

އެމީހާ އެވަގުތު އޭގައި ހިފިއެވެ. އަދި ޖީބުން އެއްޗެއް ނަގާފައި ވަރަށް ސިއްރުން އެމީހާގެ މުށުތެރެއަށް ލައިދީފައި ބުންޏެވެ. "ޞަދަޤާތެއް ދޭން ޙައްޤު މީހަކު ފެނޭތޯ މިތަނުގައި އުޅޭތާ އިރުކޮޅެއް ވެއްޖެއެވެ. ތިއައިން ތިބާއަށް ބޭނުމެއް ފުދޭތޯ ބަލައިލާށެވެ!" އެހެން ބުނުމަށްފަހު އެމީހާ ގޮސް އެތަނުގައި އޮތް ކާރަކަށް އަރައިގެން ދިއައީއެވެ. 

އެމީހާ ދިއުމުން މުށް ހުޅުވާފައި ބަލައިލިއިރު އެމީހާ މުށުތެރެއަށް ލައިދީފައިވަނީ 1000 ދިރުހަމެވެ." 

މީހަކު ހާލުގައި ޖެހިގެން އެހީތެރިކަމަށް އެދި ދިއުމުން އެ ބޭނުމެއް ފުއްދައިދެވެން އޮވެމެ އެހީތެރި ނުވެ ހުސްއަތާ އަނބުރައި ފޮނުވައިލަނީ ﷲ ގެ އެހީތެރިކަމަށް ބޭނުން ނުވާ މީހުންނެވެ. އެހެނީ ރަސޫލް () ޙަދީޘްފުޅު ކުރައްވަވާފައިވަނީ "އަޅާ، އޭނާގެ އަޚާގެ އެހީތެރިކަމުގައި ވާހައި ހިނދަކު ﷲ ތައާލާ ވޮޑިގެންވަނީ އެމީހަކަށް ވާގިވެރިވެ ޑިގަތުމުގައެވެ." 

މިކަމުގައި ބައެއް މީހުން ކުރާ ސުވާލެކެވެ. "އޭނާ އެހީއަށް އެދިގެން އައީ ވަރަށް ބޮޑު ކަމެއްގައެވެ. އެވަރުގެ ކަމެއް ކޮށްދެވޭކަށް ނެތެވެ. ދެން ހަދާނީ ކިހިނަކުންތޯއެވެ.؟" 

މީހަކު އެހީއަކަށް އެދިގެން ކިތަންމެ ބޮޑު ކަމެއްގައިވެސް އަތުވެދާނެއެވެ. އެވަގުތު ތިބާއަށް ދިއްކޮށްލެވެން އޮތީ އެންމެ ރިޔާލައެއް ނަމަވެސް އަވަހަށް ހަދިޔާކުރާށެވެ! އެއީ މަތިވެރިވެގެންވާ ޞަދަޤާތެކެވެ. އެހެނީ ދަތިޙާލުގައި އުޅެމުން ކުރާ ޞަދަޤާތުގައި ބަރަކާތް އިތުރުވާނެއެވެ! ވީމާ ކޮންމެހެން އެމީހާ އެދިގެން އައި އައި ކަންތައް އެކުގައި ފުރިހަމަކޮށްދެވެން ނެތިގެން އެހީތެރިނުވެ ނުހުންނާށެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން