ތިއަ ކަނބަލުންނަށް ރަމަޟާން މަހު ރޯދަ ނުހިފުނީތީ ކަންބޮޑު ނުވާށެވެ! "ރައްޔާން" ދޮރުކޮޅަކީ ހަމައެކަނި ރޯދަ މަހަށް ހުރި ދޮރުކޮޅެއް ނޫނެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 37ސ
ތިއަ ކަނބަލުންނަށް ރަމަޟާން މަހު ރޯދަ ނުހިފުނީތީ ކަންބޮޑު ނުވާށެވެ! "ރައްޔާން" ދޮރުކޮޅަކީ ހަމައެކަނި ރޯދަ މަހަށް ހުރި ދޮރުކޮޅެއް ނޫނެވެ!: މުފްތީ މެންކް

ވަރަށް ގިނައިން އަންހެނުން ކުރިމަތިކުރުވާ ސުވާލެކެވެ. ރަމަޟާން މަހު މައްސަރު ކަންތައް ޖެހިގެން ނުވަތަ ވިހެއުމަށްފަހު ހިނައި ޠާހިރު ނުވެވިގެން ގެއްލޭ ރޯދައިގެ ޘަވާބު ލިބޭނީ ކިހިނަކުން ކޮން ގޮތަކުން ހެއްޔެވެ؟ 

ފުރަތަމަ ވިސްނައިލަންވީ ރޯދަ ހިފާ ސަބަބަށެވެ. ރޯދަ ހިފަނީ އެކަމަށް ﷲ ތަޢާލާ އަމުރުފުޅު ކުރެއްވެވުމުންނެވެ. ރޯދަ ހިފުން މަނާ ކުރައްވަވާ ދުވަސްތަކުގައި ރޯދަ ނުހިފަނީވެސް ﷲ ތަޢާލާ އެކަމަށް އަމުރުފުޅު ކުރެއްވެވުމުންނެވެ. މުސްލިމުންނަށް ސަވާބު ދެއްވަވަނީ ﷲ ތައާލާއެވެ! ސަވާބު ދެއްވަވަނީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަން ގަތުމުންނެވެ. ވީމާ މުސްލިމުންނަށް ކުރަން ޖެހޭނެ ކަމަކީ ރޯދަ ހިފުމަށް އަނގަވާފައިވާ ދުވަސްތަކުގައި ރޯދަ ހިފުމާއި ނުހިފަން އަނގަވާފައިވާ ދުވަސްތަކުގައި ރޯދަ ނުހިފުމެވެ. 

މިސާލަކަށް އަންހެނަކު ހާރުވެސް ކެއެވެ. ފަތިސް ނަމާދާއި މެންދުރު ނަމާދާއި ޢަޞްރު ނަމާދުވެސް ކުރިއެވެ. އިރު އޮއްސެން ދާދި ގާތްވެފައިވަނިކޮށް އެނގުނީ މައްސަރުކަންތައް ޖެހިއްޖެ ކަމެވެ. ދުވާލަކު 15، 18 ގަޑިއިރު ރޮދައަށް ތިބެން ޖެހޭ ޤައުމެއްގައި އެވަގުތު އެ އަންހެނަކަށް ވަރަށް އަސަރުކުރާނެއެވެ. ނަމަވެސް ދެރަ ނުވާށެވެ! ﷲ ތަޢާލާ މިންވަރު ކުރައްވަވާނީ ތިބާއަށް އެންމެ ފައިދާހުރި ގޮތަށް ކަމަށް ޤަބޫލުކުރާށެވެ. އަވަހަށް ރޯދަ ވީއްލާށެވެ! ރޯދަ ދޫކޮށްލަން އެންގެވިކަން އެނގުނު ވަގުތުން ފެށިގެން ރޯދައަށް ހުރެގެން ނުވާނެއެވެ! ހަމަ އެއާއިއެކު ޤަޟާ ކުރެވޭނެ ގޮތް ވީހައި އަވަހަކަށް ޤަޟާކުރާށެވެ! 

ދެން އޮތީ އެކަމަށް ދެއްވަވާނެ ޘަވާބުގެ ވާހަކައެވެ! ﷲ ތަޢާލާ އެންގެވި ގޮތަށް އަމަލުކުރުމުން ދެއްވަވާނީ ކޮން ސަވާބެއްކަމެއް ކިހައިވަރެއްގެ ސަވާބެއްކަން އެނގޭނެ ގޮތެއް ނެތެވެ. ނަމަވެސް ރޯދަވެރިންނަށް ސުވަރުގޭގައި ޚާއްޞަ ދޮރުކޮޅެއްވާކަން އެބައެނގެއެވެ. ވީމާ އެ ދޮރުކޮޅަކީ ހަމައެކަނި ރަމަޟާން މަހު ރޯދަ ހިފި މީހުންނަށް ހުރި ދޮރުކޮޅެއް ކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ. "ރައްޔާން" ދޮރުކޮޅު ޚާއްޞަވެގެންވަނީ ރޯދަ ހިފާ މީހުންނަށެވެ. ވީމާ އެދޮރުކޮޅުން ވަނުމުގެ ނަޞީބު ހޮދުމަސްޓަކައި ކުރަންޖެހޭ ކަމަކީ ވީހައި ގިނައިން ރޯދަހިފުމެވެ. ރަމަޟާން މަހުގައި ނޫން ނަމަވެސް މިހިފަނީ ރޯދައެވެ. އެއިގެ ތެރޭގައި ޤަޟާ ރޯދައާއި ސުންނަތް ރޯދަތައްވެސް ހިމެނެއެވެ. ވީމާ ﷲ ތަޢާލާގެ އަމުރުފުޅަކަށް ތަބަޢަވުމުގެ ގޮތުން ރަމަޟާން މަހު ރޯދަ ނިހިފިގެން ކަންބޮޑުވާން ޖެހެންވީ އެއްވެސް ސަބަބެއް ނެތެވެ. 

ރޯދައަށް ހުއްޓައި މައްސަރު ކަންތައް ޖެހިއްޖެ ނަމަ ﷲ ތައާލާއަށް ދަންނަވާށެވެ! "ޔާﷲ! މިއަޅާ ރޯދައަށް ހުރީވެސް އިނބަ ﷲ ގެ އަމުރުފުޅަށް ކިޔަމަންގަތުމަށެވެ. ރޯދަ މިދޫކޮށްލަނީވެސް އިނބަ ﷲއަށް ކިޔަމަން ގަތުމަށެވެ! އިނބަ ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގެ ސަވާބު މިއަޅާއަށް ދެއްވަވާނދޭވެ!" 

އެހެން އަހަރުތަކެކޭ އެއްފަދައިން ނިމިގެންދިއަ ރަމަޟާން މަހުގެ ރޯދަވެސް ތިއަ ލޮބުވެތި ކަނބަލުންނަށް ވާނީ އެކި މިންވަރަށް ގެއްލިފައެވެ. ވިހެއުމުގައި ދިމާވާ ގޮތަކުން ނިފާސްކަމުގެ ލެއިން ޠޯހިރުނުވެވިއްޖެ ނަމަ މުޅި މަހުގައިވެސް ރޯދަ ނުހިފި ހިނގައިދާނެއެވެ. އެއިން އެއްވެސް ކަމަކާއިމެދު ކަންބޮޑުނުވާށެވެ! ރަމަޟާން މަސް ނިމުމާއިއެކު ޤަޟާ ރޯދަ ހިފަން އަވަސްވެގަންނާށެވެ! އަދި ރަމަޟާން މަހު ގެއްލުނު ރޯދަތައް ޤަޟާކޮށް އަވަހަށް ނިންމާށެވެ! އެއިރުން ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމަން ގަތުމަށް އަވަސްވެގަތްކަމުގެ ޘަވާބު ވެސް ﷲ ތަޢާލާ އިތުރަށް ދެއްވަވާނެތެވެ! އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސްކުން 

 

 

 

މިއަދު އޮންލައިން