ބަލިވެ އިނުމުންވެސް، ދަރިން ލިބުމުންވެސް ދަރިންނަށް ނަންކިޔާފައިވެސް އެންމެ ފުރުތަމަ ކަމަކަށް ދުޢާކުރަން ހަނދާންނައްތައިނުލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ބަލިވެ އިނުމުންވެސް، ދަރިން ލިބުމުންވެސް ދަރިންނަށް ނަންކިޔާފައިވެސް އެންމެ ފުރުތަމަ ކަމަކަށް ދުޢާކުރަން ހަނދާންނައްތައިނުލާށެވެ!

ދިރިއުޅުމުގެ ކަންކަމަށް އަންނަމުން މިދާ ބޮޑެތި ބަދަލުތަކާއިއެކު ދަރިން ލިބުމުން ދަރިން ދެއްވެވީ ކޮންފަރާތަކުންވެސް އޮންނަނީ އޮޅިފައެވެ. ބަލިވެ ނުއިނދެ ލަސްވާނަމަ ﷲ ތަޢާލާގެ މަތިން ހަނދާންވެ ދުޢާކުރެއެވެ. ބަލިވެ އިނުމުން ހަނދާން ހުންނަނީ މަދު މީހެކެވެ. ގިނަބައަކަށް އޮންނަނީ ހަނދާންވެސް ނެތިފައެވެ. މިއީ ތިމާއަށް ﷲ ތަޢާލާ ދެއްވެވި މަތިވެރި ނުޢްމަތެއްކަން ހަނދާނުގައި ހުންނަނީ މަދުމީހެކެވެ. އެހެނަސް ކަމުގެ ޙަޤީޤަތަށް ބަލައިލަމާހެއްޔެވެ

ތިމާއަށް ދެއްވަވާ ކޮންމެ ނިޢްމަތެއް ދެއްވެވުމުންވެސް ﷲ ތަޢާލާއަށް ޙަމްދުކޮށް ޝުކުރުވެރިވެ ދުޢާކުރަން ޖެހޭނެއިރު ދަރިންނަކީވެސް ﷲ ތަޢާލާ ދެއްވަވާ ނިޢްމަތެކެވެ. ވީމާ ދަރިން ލިބުމުން ވެސް ދުޢާކުރަންވާނެއެވެ. އަދި ދަރިންނަށް ނަން ކިޔާފައި ވެސް ދުޢާކުރަންވާނެއެވެ.

އެ ދަރިފުޅަކީ ހެޔޮލަފާ ޞާލިޙް އަޅަކުކަމުގައި ލައްވަވައިދެއްވެވުން އެދިއެވެ. މިބުނާ ބަހުގެ މާނައަކީ އެއަށްފަހު ދަރިންގެ މައްޗަށް ހެޔޮ ދުޢާ ނުކުރުމެއް ނޫނެވެ. ދަރިންގެ މައްޗަށް ގިނަގިނައިން އަބަދުވެސް ހެޔޮ ދުޢާކުރަންވާނެއެވެ.

ދަރިންނަކީ ހެޔޮ ލަފާ ޞާލިޙް އަޅުން ކަމުގައި ވުމަކީ ތިމާއަށް ލިބޭނެ އެންމެ ބޮޑު އެއް ނިޢްމަތެވެ. އެހެނީ ތިމާ މަރުވުމަށްފަހު ތިމާއަށް ފައިދާ ކުރާނެ މަދު ކަންކަމުގެ ތެރޭގައި ޞާލިޙް ދަރިންގެ ހެޔޮ ދުޢާ ހިމެނޭތީއެވެ.

ކަން މިހެން އޮތް ނަމަވެސް ބައެއް އެހެން ދީންތަކުގެ މީހުން އަމަލުކުރާފަދައިން ދަރިން ލިބުމާއި ދަރިންނަށް ނަން ކިޔުމަކީ މުނާސަބަތަކަށް ބައަކު ހަދައިފިއެވެ. މުނާސަބަތުތައް ފަށައި ފާހަގަކޮށް ނިންމައިލާއިރުވެސް ﷲ ތަޢާލާގެ މަތުން ހަނދުމަވެސް ނުކުރެއެވެ.

އެގޮތަށް އެކަން ނުކުރާށެވެ! ދަރިއަކު ލިބުމުން ތަނަވަސްކަން ހުރިނަމަ އުފާފައުޅުކުރުމުގެ ގޮތުން ކިތަންމެ ބޮޑު ހަފްލާއެއް ބޭއްވި ނަމަވެސް ﷲ ތައާލާގެ މަތިން ހަނދުމަކުރުމާއި ﷲ ތަޢާލާއަށް ދުޢާކުރުން ހަނދާން ނައްތައިނުލާށެވެ! ބަރަކާތް އިތުރުވާނީ ދުޢާކުރުން ގިނަކުރިވަރަކުންނެވެ!

ދަރިފުޅު އުފަންވީންސުރެ ދަރިފުޅަށް ހެޔޮދުޢާކުރަންވާނެއެވެ! ޝައިޠޯނާގެ ކިބައިން ދަރިފުޅު ސަލާމަތްކުރަން މަސައްކަތްކުރަންވާނެއެވެ. ދެމަފިރިންވެސް އެކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ.

--ޝައިޚް މުޢިއްޒު ބުޚާރީގެ ދަރުސަކުން

މިއަދު އޮންލައިން