ޢާއިޝަތުގެފާނުގެ ސީރަތު: މުޢާވިޔަތުގެފާނުގެ ދަރިކަލުން ޔަޒީދަށް ބައިޢަތު ހިފުމުގެ ކަންތައް-

ކިޔުމަށް ހޭދަވާނީ 3މ 22ސ
ޢާއިޝަތުގެފާނުގެ ސީރަތު: މުޢާވިޔަތުގެފާނުގެ ދަރިކަލުން ޔަޒީދަށް ބައިޢަތު ހިފުމުގެ ކަންތައް-

ޢަލީ އިޙްޞާން ފިރާޤް

 

މުޢާވިޔަތުގެފާނު ޚިލާފަތުގައި މަދީނާގެ ގަވަރުނަރަކަށް އައްޔަނުކޮށްފައި ހުރީ މަރުވާނު ބުން ޙަކަމެވެ. މުޢާވިޔަތުގެފާނު ނިންމަވައިފައި އޮތީ އެކަލޭގެފާނު އަވަހާރަވުމަށްފަހު ޚަލީފާކަން އެކަލޭގެފާނުގެ ދަރިކަލުން ޔަޒީދު ބިން މުޢާވިޔާއަށް ދެއްވާ ގޮތަށެވެ. އެގޮތުން އެކަލޭގެފާނު ގަވަރުނަރުންނަށް އަންގަވާ އެގޮތުގެ މައްޗަށް މީސްތަކުން ބައިއަތު ހިފުމަށް އަންގަވަމުން ގެންދެވިއެވެ. 

ޞަޙީޙުލް ބުޚާރީގައި މިވާހަކަ ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. މުޢާވިޔަތުގެފާނު، ޙިޖާޒުގެ ގަވަވަރުނަރަކަށް މަރުވާނު އައްޔަން ކުރެއްވިއެވެ. އޭނާ އެއްފަހަރަކު ޚުތުބާއެއްގައި ޔަޒީދަށް ބައިއަތު ހިފުމަށް މީސްތަކުންނަށް ގޮވައިލިއެވެ. އެވަގުތު މިސްކިތުގައި ޢާއިޝަތުގެފާނުގެ އަޚު ޢަބްދުއްރަޙްމާނު ބިން އަބީބަކުރުވެސް ހުންނެވިއެވެ. އެކަލޭގެފާނު އެކަމާ ދެކޮޅަށް އެއްޗެއް ވިދާޅުވުމުން މަރުވާނު، އެކަލޭގެފާނު ހައްޔަރު ކުރުމަށް އޭނާގެ ސިފައިންނަށް އަމުރުކުރިއެވެ. 

އެވަގުތު ޢަބްދުއްރަޙްމާނު ދުވެވަޑައިގެންފައި ވަޑައިގެން ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅަށް ވަދެވަޑައިގެންނެވިއެވެ. އެހެންކަމުން އެބައިމީހުންނަކަށް ޢަބްދުއްރަޙްމާނު ހައްޔަރެއް ނުކުރެވުނެވެ. މަރުވާނު މިސްކިތުގައި ހުރެ ޢާއިޝަތުގެފާނަށް އަޑުއިވޭ ވަރަށް ބުންޏެވެ. ކީރިތި ޤުރްއާނުގައިވާ އަހަރެން މިބުނާ އާޔަތް ބާވައިލެއްވީ ޢަބްދުއްރަޙްމާނުއާ މެދުގައެވެ. އެހެންބުނެ އޭނާ އަޙްޤާފު ސޫރަތުގެ 17 ވަނަ އާޔަތް ކިޔެވިއެވެ. 

"وَالَّذِي قَالَ لِوَالِدَيْهِ أُفٍّ لَّكُمَا أَتَعِدَانِنِي أَنْ أُخْرَجَ وَقَدْ خَلَتِ الْقُرُونُ مِن قَبْلِي وَهُمَا يَسْتَغِيثَانِ اللَّهَ وَيْلَكَ آمِنْ إِنَّ وَعْدَ اللَّهِ حَقٌّ فَيَقُولُ مَا هَٰذَا إِلَّا أَسَاطِيرُ الْأَوَّلِينَ ﴿١٧﴾"

މާނައީ: [އެމީހެއްގެ މައިންބަފައިންނާ ދިމާޔަށް ތިޔަ ދެމީހުންނަށް ނުބައިކަންހުށްޓޭ ބުނިމީހާ (ދަންނާށެވެ!) ތިމަންގެކުރިން އެތައް ޖީލެއް ފާއިތުވެގޮސްފައިވާއިރު (ކަށްވަޅުން) ތިމަން ނެރުއްވާނެކަމަށް، ތިޔަ ދެމީހުން ތިމަންނައަށް وعد ކުރަނީ ހެއްޔެވެ؟ اللَّه ގެ حضرة ން ސަލާމަތަށްއެދި، އެދެމީހުން دعاء ކުރަމުން (ބުނެތެވެ.) ކަލެޔަށް ހަލާކުހުށްޓެވެ! ކަލޭ ނިކަން إيمان ވެބަލާށެވެ! ހަމަކަށަވަރުން، اللَّه ގެ وعد ފުޅަކީ حق ތެދެވެ. ފަހެ، އޭނާ ބުނެތެވެ. ތިޔައީ އެވޭލާމީހުން ދައްކައިއުޅުނު ފުލޯކު ވާހަކަތައް ކަމުގައި މެނުވީ ނުވެތެވެ.]

މަރުވާނުގެ ވާހަކަތައް އަޑުއައްސަވައި ޢާއިޝަތުގެފާނު ފަރުދާގެ ނިވަލުގައި ހުންވައި އޭނާއަށް އަޑު އިވޭވަރަށް ބާރަށް ވިދާޅުވިއެވެ. [އަރަހުށި މާތްﷲ އަހަރެމެންގެ ޢާއިލާގެ މީހުންނާ ބެހޭ ގޮތުން އެއްވެސް އާޔަތެއް ބާވައެއް ނުލައްވައެވެ. އެކަލާނގެ އަހަރެންމެންގެ ޢާއިލާގެ މީހުންނާ ބެހޭގޮތުން ބާވައިލެއްވި އާޔަތެއް ބާވައިލެއްވީ މީސްތަކުން ދެއްކި ނުބައި ވާހަކަތަކުން އަހަރެން ބަރީއަވެގެންވާކަން ބަޔާން ކޮށްދެއްވުމަށެވެ.]

 

 

 

މިއަދު އޮންލައިން