ކަންބޮޑުވާންވީ ހަށިގަނޑު ޗިސްޗިސްވެގެން މަރުވެދާނެތީއެއް ނޫނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ކަންބޮޑުވާންވީ ހަށިގަނޑު ޗިސްޗިސްވެގެން މަރުވެދާނެތީއެއް ނޫނެވެ!

ކޮންމެ ދުވަހަކުހެން އެތައް ބައަކު ދުނިޔެއާއި ވަކިވެގެންދެއެވެ. މަރުވެ ވަޅުލެވެއެވެ. އެއިގެ ތެރޭގައި ޒުވާނުންވެސް ހިމެނެއެވެ. ބައެއް ޒުވާނުން އެކްސިޑެންޓްވެ ހަށިގަނޑު ޗިސްޗިސްވެގެންވެސް މަރުވެއެވެ. 

އަބަދުވެސް ބުނާފަދައިން މުހިންމީ މަރުވާ ވަޤުތު ހަށިގަނޑަށް މެދުވެރިވި ގޮތެއް ނޫނެވެ. އެމީހަކު މަރުވި ޙާލަތެވެ. އެމީހަކު މަރުވީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ކުރަން ޖެހޭ ކަންކަން ކުރަނިކޮށް ކަމެވެ. އެހެނީ މަރުވުމަށްފަހު ހަށިގަނޑުގެ ބޭނުން އެވަނީ ކެނޑިފައެވެ. ފައިދާއެއް ކުރަން އޮތީ ފުރާނައަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިއްޖެނަމައެވެ. 

މިރޭ އަހުރެން މިއުޅެނީ ވަރަށް މުހިންމު ސުވާލެއް ކުރާށެވެ! ފޯނާއި ގުޅުންހުރި ސުވާލެކެވެ. ވީމާ އެންމެންވެސް ފޯނުގައި އިހަށް އަތްނުލާށެވެ! އަހުރެން ސުވާލުކުރީމާ ޖަވާބުދެވޭނެ ނަމަވެސް ފޯނުގައި އަތްނުލައި ފަހަރަކު މީހަކު އެންމެ ކުރިމަތީގައި އިން ގޮޑިން ތެދުވެގެން އައިސް އަހުރެންގެ ގާތުގައި ހުއްޓިހުރެ ކެމެރާއަށް ފޯނުދައްކައިލާށެވެ! 

ފުރަތަމަ ސުވާލަކީ ކުރަން މިއުޅޭ ސުވާލުގެ ކުރިއަށް ކުރާ ސުވާލެކެވެ. ސުވާލަކީ ކަލޭމެން ހަނދާނުގައި ބަހައްޓައިގެން ކޮންމެ ދުވަހަކު ނުވަތަ މިވެނި ދުވަހަކު ކުރަންޖެހޭ ކަންކަން ފޯނުގެ ނޯޓްޕޭޑްގައި ނޯޓްކޮށް އެދުވަހަކު އެކަން ހަނދާންކުރެވޭނެ ގޮތް ހަދަމުހެއްޔެވެ؟ އެކަންކުރާ މީހުން ނިކަން އަތްމައްޗަށް އުފުލާލަބަލާށެވެ!

ވަރަށް ރަނގަޅެވެ. ވަރަށް ގިނަ ބައަކު އެކަންކުރާތީ އަތް އުފުލައިފީމުއެވެ. ދެން މިކުރަނީ ކުރަން ބޭނުންވާ ސުވާލެވެ. ފޯނަށް ބަންގި އެޕް އަޅައި ދުވާލަކު 5 ބަންގިއަށް ޢިޖާބަދީ 5 ނަމާދުކުރާ މީހުންނާއި ސުންނަތް ރޯދަހިފަން އޮތް ދުވަސްތަކުގައި ރޯދަހިފަން ހަނދާންކުރަން ނޯޓްކޮށްގެން ތިބި މީހުން ފަހަރަކު މީހަކު ތެދުވެގެން އަވަހަށް އަންނާށެވެ! އައުމުން އަންނަ ބައަކަށް ސާޕްރައިޒެއްވެސް އެބަ އޮތެވެ! 

ވަރަށް އުފާވެއްޖެއެވެ. މިތަނުގައި މިތިބަ އެތައް ސަތޭކަބައެއްގެ ތެރެއިން ޒުވާނުން ކޮޅަކަށް  އަންނަން ކެރުނީތީއެވެ. އައި ޒުވާނުންނަށް އޮތް ސާޕްރައިޒަކީ އަންނަ ޒުވާނުންނަށް ތަނަވަސް މީހަކު ވަނީ 5000 ޑޮލަރު ހަދިޔާކޮށްފައެވެ. މިއޮތީއެވެ. ހަމައަށް ބަހައިލާށެވެ! 

މީގެ މާނައަކީ ދެން މިތިބަ ހުރިހާ ޒުވާނުން ނަމާދު ނުކުރުމެއް ނޫނެވެ. ސުންނަތް ރޯދަ ނުހިފުމެއްވެސް ނޫނެވެ. ކޮންމެ ނަމާދަކަށް ބޮޑު ޖަމާޢަތެއް ލިބިފައި ސުންނަތް ރޯދަ ވީއްލާނެ ބައަކު ކޮްނމެ ދުވަހަކު ތިބެނީ ބައަކު އެކަންކަން ކުރާތީއެވެ. މައްސަލައަކީ އެކަމަށް ދޭންޖެހޭ ސަމާލުކަން ކުޑަކުރެވޭކަމެވެ. 

ދެން މިކުރެވެނީ އެންމެ މުހިންމު ސުވާލެވެ. މިތަނުގައި މިތިބަ އެންމެންނަކީވެސް ސުވަރުގެދާން މަސައްކަތްކުރާ މީހުންނެވެ! ނަމާދުތަކަށާއި އެހެންވެސް އަޅުކަމަށް ދޭންޖެހޭ ސަމާލުކަން ނުދެވި ސުވަރުގެ ވަދެވޭނީ ކިހިނަކުންހެއްޔެވެ؟ 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ފަރުޟު 5 ނަމާދުތަކަށާއި ސުންނަތް ނަމާދުތަކަށް ރައްކައުތެރިވާށެވެ! ސުންނަތް ރޯދަތައްވެސް ހިފަމުންގެންދާށެވެ! ވީވަރަކުން ޞަދަޤާތްދީ އަދި އެހެންވެސް އަޅުކަން ކުރަމުން ގެންދާށެވެ. ކޮންމެ ވަޤުތަކު ދުނިޔެ ދޫކުރަންޖެހުނަސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންވާ އަޅެއްގެ ގޮތުގައި ދުނިޔެއިން ނުކުމެވޭނީ އެއިރުންނެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން