ޢަލީ އިޙްޞާން ފިރާޤް
އަމީރު މުޢާވިޔާ ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ ޚިލާފަތުގެ ދުވަސްވަރުގައި އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާއާ ވާހަކަފުޅު ދައްކަވައިގެން އެކަމަނާ ކޮޓަރިކޮޅު ބައްލަވައިގެންނެވިއެވެ. އެ ކޮޓަރިކޮޅު ބައްލަވައިގެންނެވީ އެކަމަނާ ދުނިޔޭގައި އިންނެވި ހާ ދުވަހަކު އެކޮޓަރިކޮޅުގައި އުޅުއްވޭނެކަމުގެ މައްޗަށް ޝަރުތުކުރައްވައިފައެވެ. މިކަމާ ބެހޭ ގޮތުން ابن أبي سبرة ވިދާޅުވެފައިވެއެވެ.
[ޝާމުކަރައިގެ މީހަކު ތިމަންނާއަށް ކިޔައިދިނެވެ. މުޢާވިޔަތުގެފާނު، ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅު ބައްލަވައިގަންނަވައި، އޭގެ އަގު ދެއްވިއެވެ. އެއީ 180،000 ދިރުހަމެވެ. 100،000 ދިރުހަމު ކަމުގައިވެސް ބުނެވެއެވެ. އެކަމަނާ ބޭނުންފުޅުނަމަ އެ ކޮޓަރިކޮޅުގައި އުމުރު ދުވަހަށް އުޅެވޭނެ ގޮތަށް އެކަލޭގެފާނުވަނީ ޝަރުތުކުރައްވައިފައެވެ. އެކަމަނާގެ އަރިހަށް އެހުރިހާ ފައިސާތަކެއް ގެންދެވުމުން ތަނެއްގައި އިށީންގެވަޑައިގެންނެވީވެސް އެހުރިހާ ފައިސާތައް ބައްސަވާ ހުސްކުރައްވައިފައެވެ.]
ابن أبي سبرة ވިދާޅުވެފައިވެއެވެ. [އަދި ބައެއް މީހުން ބުނާގޮތުގައި ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅު ބައްލަވައިގެންނެވީ އިބްނުޒުބައިރުގެފާނެވެ. އެކަލޭގެފާނު އެ ކޮޓަރިކޮޅު ބައްލަވައިގެންނެވީ އުމުރުދުވަހު އެކަމަނާ އެ ކޮޓަރިކޮޅުއި އިންދެވޭނަކަމަށް ޝަރުތުކުރައްވައިފައެވެ. އެކަމަނާގެ އަރިހަށް އެކޮޓަރިކޮޅުގެ އަގު ފޮނުއްވުނީ ފަސްޖަމަލަށް އަރުވައިގެންނެވެ. އެހުރިހާ ފައިސާތައް ލިބިވަޑައިގެންނެވުމުން އެންމެ ފައިސާ ފޮއްޗެއްވެސް ނުބަހައްޓަވާ އެތަކެތި މީސްތަކުންނަށް ބައްސަވާ ހުސްކޮށްލެއްވިއެވެ. ޢާއިޝަތުގެފާނު އަވަހާރަވަންދެންވެސް ދިރިއުޅުއްވީ އެކޮޓަރިކޮޅުގައެވެ.]
އުއްމުލް މުއުމިނީން ޞަފިއްޔަތުގެފާނުގެ ވާރުތަވެރިން އެކަމަނާ އާއި މާތް ރަސޫލާ صلّى اللّـه عليه وسلّم ދިރިއުޅުއްވި ކޮޓަރިކޮޅު އަމީރު މުޢާވިޔަތުގެފާނަށް ވިއްކަވައިލެއްވިއެވެ. ވިއްކަވައިލެއްވީ 180،000 ދިރުހަމަށެވެ.
{އިބްނު ސަޢުދު، ޠަބަޤާތު، ތަރުޖަމާ ޑރ ޢާއިޝާ ބިވްލީ، ޞަފްޙާ 120}
އަމީރު މުޢާވިޔަތުގެފާނު އެއްފަހަރަކު ޢާއިޝަތުގެފާނަށް އެއްލައްކަ ދިރުހަމު ފޮނުއްވިއެވެ. އެދުވަހުގެ އިރު އޮއްސުމުގެ ކުރިން އެކަމަނާ އެހުރިހާ ދިރުހަމްތަކެއް ފަޤީރުންނާއި މިސްކީނުންނާއި، މުހުތާދުވެރިންނަށް ބައްސަވައި ހުސްކުރެއްވިއެވެ. އެކަމަނާގެ ޚާދިމާ ދެންނެވިއެވެ. [ކަމަނާ އެތަނުން ދިރުހަމްކޮޅަކަށް ގޭގައި ކައްކާނެ މަސްކޮޅެއް ބައްލަވައިގެންނަމަ، ކިހާ ރަނގަޅުވީސް ހެއްޔެވެ؟ ޢާއިޝަތުގެފާނު ވިދާޅުވިއެވެ. [ކަނބުލޭގެ ކުރިން ހަނދާން ނުކޮށްދިނީ ކީއްވެހެއްޔެވެ؟ ކުރިން ހަނދާންކޮށްދިން ނަމަ ދިރުހަމުކޮޅެއް ބެހެއްޓީމެވެ.]