ވަރަށް ބޮޑަށް ސަމާލުކަންދޭތި!: ޢާއިލާގެ ތެރޭގަ ޙަސަދަވެރިކަން އުފައްދުވަން ޝައިޠޯނާ ބޭނުންކުރާ ބައެއް އުކުޅުތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 17ސ
ވަރަށް ބޮޑަށް ސަމާލުކަންދޭތި!: ޢާއިލާގެ ތެރޭގަ ޙަސަދަވެރިކަން އުފައްދުވަން ޝައިޠޯނާ ބޭނުންކުރާ ބައެއް އުކުޅުތައް-

ޢާއިލާގެ ތެރޭގައި ފިތުނަ އާއި ޙަސަދަވެރިކަން އޮންނަނަމަ ފުރަތަމަ ކަމަކަށް ޝައިޠޯނާގެ ކިބައިން ސަލާމަތްވާން މަސައްކަތްކުރަންޖެހޭ ބައެއް ސަބަބުތައް ބުނެލާނަމެވެ. 

މިޘާލަކަށް ބައްޕަ އާއި ދަރިފުޅާއި ދެމެދުގައި މައްސަލަތަކެއް ހުރެދާނެއެވެ. އެކަން މެދުވެރިކުރުވަން ޝައިޠޯނާ ފުރަތަމަ ކުރާނެ ކަމަކީ ބައްޕަ ދަރިފުޅަށް ދޭންޖެހޭ ސަމާލުކަން ނުދޭކަމާއި އަޅާލަންޖެހޭ ވަރަށް އަޅާނުލާކަން ދަރިފުޅަށް ވިސްނައިދޭނީއެވެ. އެކަންކުރުމަށްފަހު ބައްޕައަށްވެސް ހަމަ މިމޭރުމުން ވިސްނައިދޭނީއެވެ. އެހިސާބުން އޮންނާނީ ބައްޕަ އާއި ދަރިފުޅާއި ދެމެދުގައި މައްސަލަތައް ޖެހެން ފަށައިފައެވެ. 

މައިންނާއި ދަރިންނާއި ދެމެދުގައިވެސް މައްސަލަތައް އުފައްދުވާނީ ހަމަ މިފަދަ ގޮތަކަށެވެ. އަދި ކީއްހެއްޔެވެ؟ އަނބިންނާއި ފިރިންނާއި ދެމެދުގައިވެސް މައްސަލަތައް އުފައްދުވަނީ ހަމަ މިފަދަ ގޮތަކަށެވެ. އެއްވެސް ކަމަކަށް ވާން ނުޖެހޭނެ ވަރުގެ ކުދިކުދި ކަންކަން ބޮޑެތި ފަރުބަދަތައްވަރުގެ ބިޔަ މައްސަލަތަކަށްވެގެންދަނީ ހަމަ ޝައިޠޯނާގެ ސަބަބުންނެވެ. 

މިއީ މިއަދު ޢާއިލާތަކުގައި ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. ބައެއް ޢާއިލާތަކުގައި ފިތުނައިގެ ހުޅު ބޭރަށް ފަޅައިގެން ނުދިއަ ނަމަވެސް އެހުޅުން ސަލާމަތްވެފައިވާ ޢާއިލާއެއް މިހާރު ވަރަށް މަދުވާނެއެވެ. އެކަމުގެ ކުޑަކުޑަ ހެއްކެއްވެސް ދައްކައިފާނަމެވެ. 

މިޘާލަކަށް ޢާއިލާގެ އެންމެން ތިބީ ރެސްޓޯރަންޓަކަށް ގޮސް އެކުގައި ކާށެވެ. ނަމަވެސް ހިނިތުންވުން ފެންނާނީ މަދުމޫނަކުންނެވެ. ތިބޭނީ ސީރިއަސްވެފައެވެ. ކެއުން ނިމުން ލަސްވެގެން ކަންބޮޑުވެފައެވެ. އެހެން ތިއްބައި ކޮންމެވެސް ރައްޓެއްސަކު ފޯނުކޮށްފާނެއެވެ. ނުވަތަ މެސެޖެއްކޮށްފާނެއެވެ. އެހިސާބުން މޫނުގެ ކުލަވަރު އެކުގައި ބަދަލުވެގެންދާނެއެވެ. އުފާވެރިކަން ފެންނާނެއެވެ. ހިނިތުންވެވޭނެއެވެ. 

ސުވާލަކީ ހިނިތުންވާންވީ އެކުވެރިޔާއަށް ހެއްޔެވެ؟ ނޫނީ އަމިއްލަ ޢާއިލާއަށް ހެއްޔެވެ؟ 

އަދިވެސް ވަރަށް ގިނައިން ކުރިމަތިވާ ކަމެއް ބުނެފާނަމެވެ. ދަރިއަކު އޭނާގެ ބޮޑުދައިތަ ނުވަތަ ބޮޑުބޭބެ އާއި ބައްދަލުކުރާނަމަ ހިތްހަމަނުޖެހުން އުފެދެއެވެ. "އޭނާއަކީ މިވެނި އެވެނި ކަމެއް" ކޮށްފައި ހުރި މީހަކުކަމަށް ބުނެ ބައްދަލުކުރުން އެބަ މަނާކުރެއެވެ. 

"އަދި އޭގެފަހުން إيمان ވެ، هجرة ކޮށް، ތިޔަބައިމީހުންނާއެކުގައި جهاد ކޮށް އުޅުނުމީހުން (ދަންނާށެވެ!) ފަހެ، އެއުރެންވަނީ ތިޔަބައިމީހުންގެ ތެރެއިންނެވެ. އަދި اللَّه ގެ ފޮތުގައި ކަނޑައަޅުއްވާފައިވާގޮތުގައި، ގާތްތިމާގެ މީހުން އޭގެ އެއްބަޔަކު އަނެއްބަޔަކާ أولى ކަން ބޮޑެވެ. ހަމަކަށަވަރުން، اللَّه އީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

(އަލް އަންފާލް: 75)  

މިއާޔަތުގައި މިފަދައިން ވަޙީކުރައްވަވާފައި ވަނިކޮށް މިއީ ކިހިނަކުން ހުއްދަވާނެ ކަމެއް ހެއްޔެވެ؟ ޢާއިލާގެ މީހުން ކަނޑައަޅުއްވަވަނީ ﷲ ތަޢާލާއެވެ. އަދި ޢާއިލާގެ މީހުންނާއި ގުޅުން ބާއްވަންޖެހޭނެކަން އަންގަވާފައިވަނީވެސް ހަމަ ﷲ ތަޢާލާއެވެ. ވީއިރު ޢާއިލާގެ މީހުންނާއި ބައްދަލުނުކުރަން އެންގޭނީ ކިހިނަކުން ހެއްޔެވެ؟

ކޮންމެއަކަސް ޢާއިލީ ގުޅުންތައް ކަނޑުވަން ޝައިޠޯނާ ފިތުނަ އުފައްދުވާނެކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ. 

"އެކަލާނގެ وحى ކުރެއްވިއެވެ. ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކާ عداوة ތެރިން ކަމުގައިވާ حال، ތިޔަބައިމީހުން (ބިމަށް) ފައިބާށެވެ! އަދި ބިމުގައި ތިޔަބައިމީހުންނަށްޓަކައި، قرار ވެ ތިބެނިވި ތަނަކާއި، ހިނދުކޮޅަކަށް ދުނިޔޭގެ ވަގުތީ އުފަލެއްވެއެވެ."

(އަލް އައްރާފް: 24) 

މިއާޔަތުގައިވާ ޢަދާވާތްތެރިކަމަކީ ޝައިޠޯނާ އުފައްދުވާނެ ޢަދާވާތްތެރިކަމެވެ. އެހެންކަމުން އެނގިގެން މިދިއައީ ޢާއިލީ ގުޅުން ކަނޑުވަން ޝައިޠޯނާ ކުރާ މަސައްކަތަކީ އާދަމްގެފާނާއި ޙައްވާގެފާނު ދުނިޔެއަށް ފޮނުއްވެވީންސުރެ ދެމިގެން އަންނަ މަސައްކަތެއް ކަމެވެ. ވީމާ އަހުރެމެންނަށް އޮތީ ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްވެގެން ތިބެން މަސައްކަތްކުރުމެވެ. ޢާއިލީ ގުޅުން ބަދަހިކުރުމަށާއި އެގުޅުން ދަމަހައްޓަން ﷲ ތަޢާލާ ކުރައްވަވާފައިވާ އަމުރުފުޅަށް ޢަމަލުކުރަން މަސައްކަތްކުރުމެވެ. 

- އުސްތާޛް ނޫމާން ޢަލީ ޚާންގެ ދަރުސަކުން

 

މިއަދު އޮންލައިން