ޢަލީ އިޙްޞާން ފިރާޤް
ޙަސަންގެފާނަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ކާފަ ދަރިކަލެކެވެ. އެކަލޭގެފާނުގެ މައިކަނބަލުންނަކީ ފާޠިމަތުގެފާނެވެ. ބައްޕާފުޅަކީ ޢަލީގެފާނެވެ. ޙަސަންގެފާނުގެ މޫނުފުޅު އެންމެ ވައްތަރުކޮޅީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ބަރަކާތްތެރި މޫނުފުޅާއެވެ. ޙަސަންގެފާނު އުފަންވެވަޑައިގަތީ ހިޖްރައިން ތިންވަނަ އަހަރުގެ ރަމަޟާންމަހުގެ މެދުތެރޭގައެވެ.
ޢަލީގެފާނަށްފަހު މުސްލިމުންގެ ޚަލީފާއަކަށް އިންތިޚާބުވެވަޑައިގެންނެވީ ޙަސަންގެފާނެވެ. މިކަމާއެކު އަމީރު މުޢާވިޔަތުގެފާނާއި ޙަސަންގެފާނާ ދެމެދުގައި ވަރަށް ބޮޑު ހަނގުރާމައެއް ހިނގުމަށް ތައްޔާރުވިއެވެ. ނަމަވެސް، ޙަސަންގެފާނު ނިންމެވީ ޚަލީފާކަން ދޫކޮށްލައްވައި މިދެންނެވި ލޭ އޮހޮރުވުމުން އިސްލާމީ އުއްމަތް ސަލާމަތް ކުރެއްވުމަށެވެ. އެއަށްފަހު އިސްލާމީ ޚިލާފަތު ރަސްކަމަކަށް ބަދަލުވިއެވެ.
ޙަޤީޤަތުގައި މިކަމަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ނަބީކަމުގެ ތެދުކަން ހާމަވާ ހާދިސާއެކެވެ. އަބޫ ބަކްރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم މިންބަރުގައި ހުންނަވައި ޙަދީޘް ކުރައްވާ އަޑު ތިމަންކަލޭގެފާނު އެއްސެވީމެވެ. އޭރު އެކަލޭގެފާނުގެ އަރިހުގައި ޙަސަންގެފާނު އިންނެވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އެއްފަހަރު މީސްތަކުންނާ ދިމާއަށް އަނެއްފަހަރު ޙަސަންގެފާނާ ދިމާއަށް ބައްލަވަމުން ޙަދީޘް ކުރެއްވިއެވެ. [އަހަރެން މިދަރިފުޅަކީ ސައްޔިދެކެވެ. މުސްތަޤުބަލުގައި ދެކޮޅުވެރިކަން އުފެދިފައިވާ މުސްލިމުންގެ ދެ ޖަމާޢަތެއްގެ މީސްތަކުން މީނާގެ ޒަރިއްޔާއިން ޞުލްޙަވެރިކުރައްވާނެއެވެ.]
{ صحيح البخاري كتاب فضائل أصحاب النبى صلى الله عليه وسلم، باب مَنَاقِبُ الْحَسَنِ وَالْحُسَيْنِ رضى الله عنهما، ޙަދީޘް 3746}
ޙަސަންގެފާނަކީ، އުއްމުލް މުއުމިނީން ޢާއިޝަތުގެފާނުގެ ދޮންމާމަދަރިކަލެކެވެ. އެދެބޭފުޅުން އެއްބޭފުޅަކު އަނެއްބޭފުޅަކަށް ނުހަނު އިޙްތިރާމު ކުރައްވައެވެ. ޙަސަންގެފާނު އަވަހާރަވުމުގެ ކުރިން އެކަލޭގެފާނުވަނީ އެކަލޭގެފާނު އަވަހާރަވުމުން ކާފާފުޅުގެ އަރިހުގައި ފަސްދާނުވެޑުވުމަށް ވަޞިއްޔަތް ކުރައްވައިފައެވެ. ނަމަވެސް މީސްތަކުން އެކަމާ ދެކޮޅު ހަދަންފަށައިފިނަމަ ބަޤީޢުގައި ފަސްދާނުވެޑުވުމަށް އަންގަވައިފައެވެ.
ޙަސަންގެފާނުގެ ވަޞިއްޔަތާ އެއްގޮތަށް އަމަލުކުރެއްވުމަށްޓަކައި، ޙުސައިންގެފާނު ވަޑައިގެން ޢާއިޝަތުގެފާނުގެ އަރިހުން އެކަމަނާގެ ކޮޓަރިކޮޅުގައި ޙަސަންގެފާނު ފަސްދާނުވެޑުވުމުގެ ހުއްދައަށް އެދިވަޑައިގެންނެވިއެވެ. އެކަމަނާ ނުހަނު އޯގާވެރިކަމާއެކު އެ ހުއްދަ ދެއްވިއެވެ.
ޙަސަންގެފާނު އަވަހާރަވުމުން އެކަލޭގެފާނު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ފަސްދާނުވެޑުވުމަށް މަސައްކަތް ފެށުމުން މީސްތަކުން އެކަމާ ދެކޮޅު ހަދަން ފެށިއެވެ. ޙުސައިންގެފާނު ބޭނުންފުޅުވެވަޑައިގެންނެވީ މީސްތަކުން އެކަމާ ދެކޮޅު ހެދިނަމަވެސް މާތް ރަސޫލާގެ އަރިހުގައި ބޭބޭފުޅު ޙަސަންގެފާނު ފަސްދާނުވެޑުމަށެވެ. އެހިނދު އަބޫހުރައިރަތުގެފާނު ޙުސައިންގެފާނަށް ވިދާޅުވިއެވެ.
[ބޭބޭފުޅުގެ ވަޞިއްޔަތް ހަނދާން ކުރައްވާށެވެ. ބޮޑު ލޭ އޮހޮރުވުމަކަށް ގޮސްގެންނޫނީ މީސްތަކުން އެކަމެއް ޤަބޫލެއް ނުކުރާނެއެވެ.]
އެންމެ ފަހުން ޙުސައިންގެފާނު، އަބޫހުރައިރަތުގެފާނުގެ ބަސްފުޅު ޤަބޫލުފުޅު ކުރައްވާ ޙަސަންގެފާނު ބަޤީޢުގައި ފަސްދާނުވެޑުމަށް ނިންމެވިއެވެ.
{ޑރ. ޢަލީ މުޙައްމަދު އައްޞަލާބީ، ޙަސަން ބިން ޢަލީ، ޞަފްޙާ 354-353}
ބައެއް ރިވާޔަތްތަކުގައި ވާގޮތުން ޙަސަންގެފާނު އަވަހާރަވީ ހިޖްރައިން 50 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް އިބްނު ކަޘީރު ވިދާޅުވަނީ އެންމެ މަޝްހޫރު ބަހަކީ ޙަސަންގެފާނު އަވަހާރަވީ ހިޖްރައިން 49 ވަނަ އަހަރުކަމުގައި ކަމަށް ބުނާ ރިވާޔަތެވެ.