މަރުވުމަކީ ނިމުމެއް ނޫނެވެ. މަރުވުމަކީ ޙަޔާތެއްގެ ފެށުމެވެ. މަރުވެ ވަޅުލެވުމުން އެމީހަކު އެންމެ ލޯބިވީ މީހުންނާއިއެކުގައި ވެވޭނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
ރަސޫލް ﷺ ގެ ދަރިކަނބަލުން ފާޠީމަތުގެފާނަށް ޙަދީޘްފުޅު ކުރެއްވެވިއެވެ. "އެންމެ ފުރަތަމަ ތިމަންކަލޭގެފާނާއި ބައްދަލުކުރައްވަވަނީ ދަރިކަނބަލުންނެވެ. އެކަންމެދުވެރިވީވެސް ހަމަ އެފަދައިންނެވެ. ޞަޙާބީންގެތެރެއިން އެންމެ ފުރަތަމަ އަވަހާރަވީ ފާޠިމަތުގެފާނެވެ.
އަބޫބަކުރުގެފާނު އަވަހާރަވުމުން ފަސްދާނުލުން ލަސްނުކޮށް އަވަސްކުރުމަށް ވަޞިއްޔަތްކުރެއްވެވިއެވެ. އަދި ރަސޫލް ﷺ ފަދައިން ޙައްޖުގައި ބޭނުންފުޅު ކުރެއްވެވި 2 އިޙްރާމާއި އިތުރުފޭރާމަކުން ކަފުން ކުރުމަށްވެސް ވަޞިއްޔަތްކުރެއްވެވިއެވެ.
ފަސްދާނުލުން އަވަސްކުރުމަށް އެވިދާޅުވީ ވީހައި އަވަހަކަށް ރަސޫލް ﷺ އާއި ބައްދަލުކުރެއްވެވުމަށް އޮތް ބޭނުންފުޅު ބޮޑުކަމުންނެވެ.
ޢުޘްމާންގެފާނު އަވަހާރަވި ދުވަހު ހުވަފެންފުޅުގައި ރަސޫލް ﷺ ، އެދުވަހުގެ ރޯދަ ޢުޘްމާންގެފާނު ވީއްލަވާނީ ރަސޫލް ﷺ އާއި އަބޫބަކުރުގެފާނާއި ޢުމަރުގެފާނާއިއެކުގައިކަމަށް ޙަދީޘްފުޅުކުރެއްވެވިއެވެ.
އަދި ކީއްހެއްޔެވެ؟ ބިލާލްގެފާނު އަވަހާރަވުމުގެ ދުވަސް އައިސް ޖެހުމުން އެކަމަށް އުފާފުޅު ކުރެއްވެވިއެވެ. އެއީ ރަސޫލް ﷺ އާއި މިތުރު ޞަހާބީންނާއި ބައްދަލުވެވަޑައިގަންނަވާނެތީކަމަށް ވިދާޅުވިއެވެ.
ވީމާ އެނގިގެން މިދަނީ ކައްވަޅުގައިވެސް އެމީހަކު އެންމެ ލޯބިވާ މީހުންނާއި ބައްދަލުވާނެކަމެވެ. ނަމަވެސް އެ ނިޢްމަތް ލިބޭވަރަށް އެކަމަށް މަސައްކަތްކުރެވިގެންނެވެ. މަރުވުމުން ރަސޫލް ﷺ އާއި ބައްދަލުވެވުމުގެ ފުރުޞަތު އަހަރެމެންނަށްވެސް އެބަ އޮތެވެ. ފިރިންނާއި، އަނބިދަރިންނާއި މައިންބަފައިންނާއި އެކުވެރިންނާއި ބައްދަލުވުމުގެ ފުރުޞަތުވެސް އެބައޮތެވެ. އޮތީ އެކަމަށް އެދިގެން މަސައްކަތްކުރުމެވެ.
- ޢުމަރު ސުލޭމާނުގެ ދަރުސަކުން