މީސްތަކުންނަށް ނަރަކައަށް ވަންނަންޖެހޭ 2 ސަބަބާ ސުވަރުގެ ވައްދަވާނެ 2 ސަބަބު-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
މީސްތަކުންނަށް ނަރަކައަށް ވަންނަންޖެހޭ 2 ސަބަބާ ސުވަރުގެ ވައްދަވާނެ 2 ސަބަބު-: މުފްތީ މެންކް

ޞަޙާބީން ރަސޫލް (ﷺ) އަށް ދެންނެވިއެވެ. "ސުވަރުގެ ވަދެވޭނީ ކޮންކަމަކުންތޯއެވެ؟" ނުވަތަ "ސުވަރުގެ ވައްދަވާނީ ކޮންކަންތައްތަކެއްކުރާމީހުންތޯ؟" އެވެ.

ޖަވާބުގައި ރަސޫލް (ﷺ) ޙަދީޘްފުޅުކުރެއްވެވީ 2 ކަމެކެވެ. އެއީ ﷲ ތަޢާލާއަށް ތަޤްވާވެރިވުމާއި ރިވެތި އަޚްލާޤެއް ލިބިފައިވުމެވެ.

ރިވެތި އަޚްލާޤެއް ލިބިފައިވުން މިހައި މަތީދަރައަކަށް އެގެންދެވީ ކީއްވެގެން ހެއްޔެވެ؟ ސަބަބަކީ އަޚްލާޤް ރިވެތިވުމަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ލޯޞިފުޅުވެވޮޑިގަންނަވާ އެއްކަންތައްކަމުގައިވާތީއެވެ. ރަނގަޅު އަޚްލާޤެއްގެ މަތީގައި ދުނިޔޭގައި އުޅޭ މީހުންނަށް ސުވަރުގޭގެ އެންމެ މަތީދަރަޖަ ދެއްވަވަނީ އެ ސަބަބަށްޓަކައެވެ. ރިވެތި އަޚްލާޤްގެ މަތީގައި ދުނިޔޭގައި އުޅޭނަމަ އެމީހަކީ ﷲ ތަޢާލާގެ މިތުރެއްކަމުގައި ލައްވަވަތެވެ.

އަދި އަޚްލާޤް ގޯސް، ދޫނުބައި މީހުންނާއި ﷲ ތަޢާލާ ދުރުހެލިވެވޮޑިގަންނަވަތެވެ. އެއީ ﷲ ތަޢާލާ އުފެއްދެވި މީހުންނަށް އޭނާއަކީ ނުބައި މީހަކުކަމުގައިވުމުންނެވެ. އެހެން މީހުންނަށް އިޙްތިރާމް ނުކުރާ އެހެން މީހުންނަށް ލޯބިނުކުރާ މީހަކުކަމުގައިވުމުންނެވެ.

މީސްތަކުންނޭވެ! ތިބާގެ ތަޤްވާވެރިކަން ގުޅިފައިވަނީ ތިބާގެ އަޚްލާޤާއިއެވެ. ރިވެތި އަޚްލާޤެއް ނެތްނަމަ އެމީހާގެ ކިބައިގައި ތަޤްވާވެރިކަމެއް ނުވެއެވެ.

ހަމަ އެޙަދީޘްފުޅުގައިވެއެވެ. މީސްތަކުންނަށް ނަރަކައަށް ވަންނަން ޖެހޭނެ ސަބަބުތައް، ނުވަތަ ޢަމަލުތަކާއި ގުޅިގެން ޞަޙާބީން ސުވާލުކުރެއްވެވުމުންވެސް ޙަދީޘްފުޅު ކުރެއްވެވީ 2 ކަމެކެވެ. އެމީހާގެ ދުލާއި އަޢުރަ ގުނަވަންތަކެވެ.

މިސަބަބަށްޓަކައި އިތުރު ޙަދީޘްފުޅެއްގައިވެއެވެ. "މީހަކު އެމީހާގެ ދުލާއި އަޢުރަ ގުނަވަނަށް ގަރަންޓީ ދީފިނަމަ އެމީހަކަށް ސުވަރުގެއިން މަޤާމެއް ގަރަންޓީކުރައްވަވައި ދެއްވަވަމެވެ." ތަޤްވާވެރިވެ ހެޔޮ ޢަމަލުތައްކޮށް ރިވެތި އަޚްލާޤްގެމަތީގައި ދުނިޔޭގައި އުޅުނު ކޮންމެ މީހެއްގެ ގާތަށް މަރުވުމުގެ ވަގުތު މަލާއިކަތުން ވަޑައިގެން އޭނާއަށް އުފާވެރިކަމުގެ ޚަބަރު ދެއްވަވާނެތެވެ. ދުނިޔެއިން ނުކުންނަންޖެހޭތީ ކަންބޮޑުވެ ދެރަ ނުވުމަށާއި ތިއަދެވެނީ ނިޢްމަތްތަކުން ފުރިގެންވާ ﷲ ތައާލާގެ ރަޙްމަތަށްކަން އަންގަވާނެތެވެ. އުފާވެރިކަން ލިބިގެންވާ ބައަކީ އެއީ ނޫންހެއްޔެވެ؟

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން