ކިސަޑުން ހުރި ގެއެއްގަ 11 ދަރިން ބެލެހެއްޓި އެކަނިވެރި މައަކު އެ ދަރިން އެޅި ގެއެއްގެ ބާރަ ވަނަ ފަންގިފިލާއަށް! ގިނަ ވަގުތު ރޫފް ޓޮޕްގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 54ސ
ކިސަޑުން ހުރި ގެއެއްގަ 11 ދަރިން ބެލެހެއްޓި އެކަނިވެރި މައަކު އެ ދަރިން އެޅި ގެއެއްގެ ބާރަ ވަނަ ފަންގިފިލާއަށް! ގިނަ ވަގުތު ރޫފް ޓޮޕްގަ!

"އަޅުގަނޑަކީ ޢުމުރުން އަދި 30 އަހަރުވެސް ނުވާ އަންހެނަކީމެވެ. ފިރިމީހާ އަޅުގަނޑާއި 3 ކުދިން އެއްލާލާފައި ދިއަ ގޮތަށް ޚަބަރެއްވެސް ނުވާތާ 2 އަހަރުވެއްޖެއެވެ. މައިންބަފައިންގެ ކިބައިން ބޯހިޔާވަހިކަން ލިބެއެވެ. 4 މައިން މިނިދަނީ ކުޑަކުޑަކޮޓަރިއެއްގައި ވަރަށް ދަތިގޮތަކަށެވެ. ކާނެ އެތިކޮޅު ލިބިއެވެ. ނަމަވެސް އެމީހުންގެ ވެސް ޙާލަތުހުރި ގޮތުން އިތުރު ކަމެއް ކޮށެއް ނުދެވެއެވެ.

ދަރިންގެ ކިޔެވުމަށް ރުފިޔާ ބޭނުންވެއެވެ. އެންމެ ކުޑަމިނުން އިންޓޯލެއް ގަނެދެވޭނެ ފަދަ ގޮތެއްވެސް ނެތެވެ. މަންމަ މުސްކުޅިވެ، ބަލިޙާލުގައި އުޅޭތީ ދަރިން ޙަވާލުކޮށްފައި ނޯކިރީއަކަށް ދެވޭކަށް ނެތެވެ. ފިރިހެނުން ލާރިދޭން ބުނެއެވެ. ނަމަވެސް ވިއްދައިގެން އެދެނީ ޙަރާމް ކަންކަމަށެވެ. 3 ދަރިން ތިބީތީ ކައިވެނިކުރަން ބޭނުމެއް ނުވެއެވެ.

މިފަދަ ޙާލަތުގައި ޢަމަލުކުރާނެ ގޮތެއް ބުނެދެއްވިދާނެތޯ؟"

ކިޔުންތެރިޔާއަށް ކުރިމަތިވެފައިވާ ދަތިޙާލަތަށްޓަކައި ވަރަށް ހިތާމަކުރަމެވެ. ތިއަ ޙާލަތުން އަރައިގަނެވޭނެ މަގެއް ދައްކަވައި ދެއްވެވުން އެދި ދުޢާކުރަމެވެ. ބުނެލަން ބޭނުންވަނީ ކިތަންމެ ދަތިޙާލެއްގައި އުޅެންޖެހިފައިވީނަމަވެސް މިހާރުވެސް ދެއްވަވާފައިވާ ނިޢްމަތްތައްމަތިން ވިސްނައިލާށެވެ. ކިތަންމެ ދަތިގޮތަކަށް ނަމަވެސް ބޯހިޔާވަހިކަން އެބަލިބެއެވެ. ކާނެ އެތިކޮޅު އެބަލިބެއެވެ. މިފަދަވެސް ނުލިބޭ އެތައްހާސް އެކަނިވެރިމައިން އެބަތިބިކަން ހިތަށް އަރުވާލައި ޝުކުރުވެރިވާށެވެ!

ދެން ބުނެލަން ބޭނުންވަނީ ތަޤްވާވެރިކަމުގައި އިތުރަށް ޘާބިތުވާން މަސައްކަތްކުރާށެވެ! މައިންބަފައިންނަށް ޚިދުމަތްކުރުމުގައި ކުރިއަރައިދާށެވެ. ﷲ ތަޢާލާގެ މަގުގައި ޘާބިތުވެހުރެ ރޭއަޅުކަންކޮށް ދުޢާކުރަމުން ގެންދާށެވެ. ލަސްތަކެއް ނުވެ އުފާވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ

ތިރީގައިވާ ލިޔުން ކިޔައިލާށެވެ! އިތުރު ހިތްވަރު ލިބޭނެއެވެ. އިން ޝާ ﷲ

އުފުލަންޖެހޭ ތަކްލީފްތައް ބޮޑުވުމުން އެންމެންހެން ކަންބޮޑުވެއެވެ. ނަމަވެސް އެގޮތަށް އެކަން އެވަނީ އެމީހާ ވިސްނާ ގޮތުންނެވެ. ކަމުގެ ޙަޤީޤަތަށް ވިސްނުމުން ކަންބޮޑުވުންތައް މަދުވާނެއެވެ!

ތަކްލީފެއް ނުވަތަ މުޞީބާތެއް ކުރިމަތިވުމުން އެހައިބޮޑަށް ކަންބޮޑުއެވެވެނީ ބުރަ އުފުލަންހުރީ ތިމާއެކަނި ކަމަށް ޤަބޫލުކުރެވޭތީއެވެ. ކުޑަކުޑަ މިސާލެއް ބުނެލާނަމެވެ.

ކައިވެންޏަށް 5 ވަރަކަށް ދަރިން ލިބޭތަނާ ކުއްލިއަކަށް ފިރިމީހާ މަރުވެދާނެއެވެ. ދަރިން ބެލެހެއްޓޭނެގޮތަކާއިމެދު ވަރަށް ބޮޑަށް ކަންބޮޑުވެވޭނެއެވެ. ނަމަވެސް ވިސްނައިލާށެވެ! ތިމާ އާއި އަދި ދަރިންނާއިއެކު ﷲ ތަޢާލާ ވޮޑިގެންވެއެވެ. މަގެއް ދައްކަވާނެއެވެ!

ލޮބުވެތި ކަނބަލުންނޭވެ! މިބުނި ފަދަ ނިކަމެތި ޙާލެއް ކުރިމަތިވިނަމަވެސް ﷲ ތަޢާލާގެ އިމުން ބޭރުނުވާށެވެ! އިމުގައި ސާބިތުވާށެވެ! ސަލާންޖަހަން ޖެހުނު ނަމަވެސް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ގޮތުގައި އެއްވެސް އެއްޗެއް ނުހޯދާށެވެ! ދަރިންގެ ބަނޑުފުރާނަ މުއްތިކުރަން ނަމަވެސް ޙަރާމްއެއްޗެއް ދަރިންނަށް ކާންނުދޭށެވެ! ހަމައެކަނި ފެންފޮދެއްބޯލައިގެން ތިބެންޖެހުނު ނަމަވެސްމެއެވެ.

ﷲ ތަޢާލާއަށް ވަކީލުކޮށް އަޅުކަމުގައި ސާބިތުވެ ދުޢާކުރުމާއިއެކު މަސައްކަތްކުރުމުން ރިޒްޤް ދެއްވަވާނެތެވެ. އެހެން ބޭނުންތައްވެސް ފުއްދަވައިދެއްވަވާނެތެވެ! ﷲ ގެ މަގުގައި ސާބިތުވުމުން އުފާވެރިކަމާއި ތަނަވސްކަން ދެއްވަވާފައިވަނީ ކިތައް މައިންނަށްކަން ހިތަށް އަރުވާލައި ސާބިތުވާށެވެ!

ކިސަޑުން ހުރި ގެއެއްގައި 11 ދަރިން ބެލެހެއްޓި އެކަނިވެރި މައަކު މިހާރު ދިރިއުޅެނީ އޭނާގެ ދަރިން އެޅި 12 ފަންގިފިލާގެ ގެއެއްގެ 12 ވަނަ ފަންގިފިލާގައެވެ. ވަގުތުތައް ހޭދަކުރަނީ ރޫފްޓޮޕްގައެވެ.

6 ދަރިންނާއިއެކު އެކަނިވެރިމައަކަށްވި އަންހެނަކު ކުރި ކައިވެނީގައި ލިބުނު ފިރިމީހާ އޭނާ އާއި ދަރިން ބަލަހައްޓަމުން އެގެންދަނީ އެކުދިންގެ ބައްޕަ ބެލެހެއްޓިވަރަށްވުރެ ފުރިހަމައަށެވެ. މާތަނަވަހުގައެވެ. ފޯ މިފަދަ ކިތަންމެ މިސާލުތަކެއް ދެއްކިދާނެއެވެ.

ޔަޤީންކުރަންވީ ހަމަ އެންމެ ކަމެކެވެ! ﷲ ތަޢާލާގެ މަގުގައި ސާބިތުވުމުން ނިޢްމަތްތައް ދެއްވަވާނެ މަގު ނުވެސް އެނގޭނެކަމެވެ. އެކަމުގެ ޔަޤީންކަމުގައި ހުންނަ މީހާ އަބަދުވެސް ހުންނާނީ އުފަލުންނެވެ.

ވީމާ މާޔޫސްނުވާށެވެ! ﷲ ތަޢާލާގެ މަގުގައި ސާބިތުތުވާށެވެ! ދެއްވަވާ ނިޢްމަތްތައް މާފުރިހަމަވާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން