ވާހަކައެއް ދައްކާނަމަ އެކަމަކާއި ގުޅުންހުރި އެންމެ ނުބައި ބައެއްގެ ވާހަކައިން ފެށުމަކީ ގިނަބައަކުކުރާ ކަމެކެވެ. އެކަން އެގޮތަށްވުމުގައިވެސް ސަބަބުތަކެއްވެސް ހުރެއެވެ. ކޮންމެއަކަސް އަހުރެން ފަށަން ބޭނުންވަނީ މައިންބަފައިންދެކެ ލޯބިވާ، ހެޔޮލަފާ ދަރިންގެ ވާހަކައިންނެވެ.
ގިނަދަރިން އެންމެ ލޯބިވާނީ އެމީހާގެ މައިންބަފައިންދެކެއެވެ. އެހެންވެ ވަރަށް ގިނަ ދަރިން އެމީހުންގެ މައިންބަފައިންނަށްޓަކައި ވަރަށް ގިނަ ހޭދަތައްކުރެއެވެ. އަތުގައި ހުރިވަރަކުން މައިންބަފައިންނަށްޓަކައި ހޭދަކުރާ ދަރިން ވަރަށް ގިނައެވެ.
މައިންބަފައިންނަށް ޚަރަދުކުރުމަކީ ކުރަން ކިތަންމެހައިވެސް ރަނގަޅުކަމެކެވެ. މަތިވެރި ވާޖިބެއްވެސްމެއެވެ. މައިންބަފައިންނަށްޓަކައި ހޭދަކުރުމަކީ ﷲ ތަޢާލާގެ ރަޙްމަތާއި ބަރަކާތް އިތުރުވެގެންދާކަމެކެވެ. އެހެންކަމާއިއެކުވެސް ނަޞޭޙަތަކީ ހަމައެކަނި ޚަރަދުކުރުމުން ފުއްދައި ނުލާށެވެ! އެންމެ މުހިންމީ އެމީހުންގެ ފާފަތައް ފުއްސަވައިދެއްވެވުންއެދިގެން ކުރާ މަސައްކަތެވެ.
މައިންބަފައިންގެ ފާފަފަތައް ފުއްސަވައި ދެއްވެވުން އެދި ދަރިންނަށް ކުރެވިދާނެ 2 ކަމެއް ފާހަގަކޮށްލާނަމެވެ!
ފާފަތަށް ފުހެވިގެންދާ ގޮތްތަކާ ބެހޭ ގޮތުން ޝައިޚުލް އިސްލާމް އިބްން ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
1. އެމީހެއްގެ މައްޗަށް އެމީހެއްގެ ޞާލިހު ދަރިން ކުރާ ހެޔޮ ދުޢާ އަދި އެމީހެއްގެ ފާފަ ފުއްސަވައިދެއްވުމަށް އެދި އެ ދަރިން ކުރާ ދުޢާގެ ސަބަބުން ދުނިޔޭގައި ހުންނަ އިރުވެސް އަދި މަރުވުމަށްފަހުވެސް އެމީހެއްގެ ފާފަ ފުހިވެގެން ދިޔުން
2. ނުވަތަ އެމީހެއްގެ ޞާލިހު ދަރިންގެ ހެޔޮ ޢަމަލުތަކުން އެމީހެއްގެ މައްޗަށް އަޖުރު ލެއްވުމަށް އެދި ﷲ އަށް އެ ދަރިން ދެންނެވުމުގެ ސަބަބުން އެމީހަކަށް ލިބިގެންދާ އަޖުރުގެ ސަބަބުން
މި 2 ކަންތަކަކީ ކޮންމެ ދަރިއަކަށްނަމަވެސް ކުރެވިދާނެ ކަންކަމެވެ. ތަނަވަސްކަން ހުރިނަމަ މިސްކިތް އެޅުމާއި އެނޫން ކަންކަންވެސް ކުރެވިދާނެއެވެ. މިސްކިތް އެޅުން، ސްކޫލްމަދުރަސާއެޅުން، ދަރިވަރުންގެ ތައުލީމަށް އެހީތެރިވުން، މީސްތަކުންނަށް ބޯފެން ލިބުން ފަސޭހަވާނެ މަގެއް ހޯދައިދިނުން ފަދަ ކަންކަމަކީ މައިންބަފައިންނަށްޓަކައިވެސް ކުރެވޭނެ ދެމިހުންނާނެ ހެޔޮ ޢަމަލުތަކެވެ.
އެދަރިއަކަށް ކުރެވެން އޮތްވަރަކުން މިފަދަ ކަންކަންވެސް ކުރާށެވެ! އަދި ދުޢާކުރުމާއި ހެޔޮ ޢަމަލުކުރުމުގައި ށާބިތުވާށެވެ! އެކަންކަމުގެ ސަބަބުން މައިންބަފައިންގެ ފާފަތައް ފުއްސަވައިދެއްވެވުމަށް އުންމީދުކުރާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން