އަނބިމީހާ ގޮވައިގެން ގޮސް ބާޒާރުކުރާއިރު ސަމާލުކަންދޭންޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
އަނބިމީހާ ގޮވައިގެން ގޮސް ބާޒާރުކުރާއިރު ސަމާލުކަންދޭންޖެހޭ ކަމެއް!

މިވާހަކަ އަނބިންގޮވައިގެން ބާޒާރުކުރުމުން މިފަށާ ސަބަބަކީ ބައެއް މީހުން އެމީހުންގެ އަނބިން ގޮވައިގެން ބާޒާރުކުރާއިރު ކަންކަންކުރާ ގޮތާއި ތިމާ އެކަނި ގޮސް ބާޒާރުކުރާ ގޮތާއި ތަފާތުކުރާތީއެވެ. އެކަނިގޮސް ބާޒާރުކުރާނަމަ އަގުހެޔޮކުރުވަން، ނުވަތަ އަގުހެޔޮތަނަކުން ބާޒާރުކުރަން ސަމާލުކަންދީފައި އަނބިން ގޮވައިގެން ގޮސްބާޒާރުކުރާއިރު އެކަމަށް ސަމާލުކަން ނުދޭތީއެވެ.

މިކަންމެދުވެރިވާ އެއް ސަބަބަކީ އަނބިމީހާ ގޮވައިގެން ގޮސް އުޅޭ ވަޤުތު މަދުކުރަން ކަމަސްވެދާނެއެވެ. އެހެންކަމަށްވާނަމަ އެއީ ހެދޭ ބޮޑު ގޯހެކެވެ. އަނެއް ސަބަބަކީ ދެއްކުންތެރިކަން ކަމުގައިވާނަމަ އެއީވެސް ހެދޭ ވަރަށް ބޮޑު ގޯހެކެވެ.

ބައެއް ފިރިން އެމީހުންގެ އަނބިން ގޮވައިގެން ފިހާރަތަކާއި މާރުކޭޓުތަކަށް ގޮސް ކިޔާހައި އަގަކަށް ތަކެތިގަތުމަކީ ކުރާކަމެކެވެ. އެއީ މޮޅުކަމެއްކަމަށް ދެކުނު ނަމަވެސް އެއީ އެއްވެސް މޮޅުކަމެއް އަދި ސަޅިކަމެއްވެސް ނޫނެވެ. އަތުގައި ކިތަންމެ ގިނައިން ފައިސާހުރިނަމަވެސް މެއެވެ.

މިއަދުގެ ޙާލަތަށް ބަލައިފިނަމަ ދިރިއުޅުމެއް އުޅެވެން އޮތީ ވަރަށް ގިނަ ޚަރަދުތައްކޮށްގެންނެވެ. އެކަންކަމަށް ފައިސާ ބޭނުންވެއެވެ. މުހިންމީ އެކަންކަމަށް ޚަރަދުކުރާނެ ފައިސާ އަތުގައި ރައްކައުކޮށްފައި ބެހެއްޓުމެވެ.

ފަހަރެއްގައި އެގޮތަށް އެޚަރަދުކުރަނީ ފައިސާ ލިބޭލެއް ފަސޭހަކަމުންކަމަށްވެދާނެއެވެ. ނުވަތަ ގިނަކަމުންކަމަށްވެސް ވެދާނެއެވެ. އެހެނަސް ކަމުގެ ޙަޤީޤަތަށްބަލައިފިނަމަ އަބަދުވެސް އުޅެން މިޖެހެނީ އަތުގައި ފައިސާ މަދުވެގެންނެވެ. މިއަދު ތަނަވަސްކަމުގައި އުޅޭ ގިނަ މީހުން މާދަމާ އުޅެންޖެހެނީ ޚަރަދުކުރާނެ ފައިސާ އަތުގައި ނެތިގެންނެވެ.

މީހަކު ބުންޏެވެ. "އަހަރެން ހަމަ ހައިރާނަވަމެވެ. ބާޒާރުމަތީ މާރުކޭޓާއި އެއްގަމު މާރުކޭޓުގެ އަގުތައް އެހައި ތަފާތުއިރުވެސް އަދި އެއް މާރުކޭޓުގައި ވެސް ވަރަށް ތަފާތު އަގުތަކުގައި ތަކެތި ވިއްކާއިރުވެސް އެއްވެސް ވަރަކަށް ބަލައިލުމެއް ނެތި މީހުން ތަކެތި ގަނެއެވެ. އެގޮތަށް ގިނައިން ގަންނަނީ އަނބިން ގޮވައިގެންދާ މީހުންނެވެ. ދެވަނަ ތަނަކުން އަގުބަލައިލުމަކީ ލަދުގަންނަކަމަކަށް ވަނީކަމަށްވެދާނެއެވެ! މިއަދުވެސް އަހަރެން 35 ރުފިޔާއަށް ކިލޯއެއްގެ ރޭޓުން ދޮންކެޔޮ އަރިއެއް ގަނެގެން ހުއްޓައި ހަމައެފެންވަރުގެ ކެޔޮ މީހަކު 55 ރުފިޔާއަށް ގަތީ އެއްވެސް ވަރަކަށް ބަލައިލުމެއް ނެތިއެވެ."

މިފަދަ ކަންކަމަށް ވިސްނައިލުމަކީ މުހިންމުކަމެކެވެ. އެންމެ ރުފިޔާއެއް އަގުހެޔޮކޮށް ގަނެވުނު ނަމަވެސް ޢާއިލާއަށް ކުރަންޖެހޭ އެހެން ޚަރަދުތައް ކުރަން ފައިސާ އިތުރުވާނެތީއެވެ.

--އަލަފް

މިއަދު އޮންލައިން