އަޅުކަންކުރަމުންވެސް ފާލުބެލުން ފަދަ ކަންކަން ކުރާނަމަ އެކަންކަން ތިބާ ކޮއްޕައި ނަރަކައަށް ވައްދުވާނެ ކަމުގެ ބިރު ވަރަށް ބޮޑު!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
އަޅުކަންކުރަމުންވެސް ފާލުބެލުން ފަދަ ކަންކަން ކުރާނަމަ އެކަންކަން ތިބާ ކޮއްޕައި ނަރަކައަށް ވައްދުވާނެ ކަމުގެ ބިރު ވަރަށް ބޮޑު!: މުފްތީ މެންކް

ޤިޔާމަތް ދުވެހު އެންމެ ބޮޑަށް ހިތްދަތިވާނެ، ރޮއި ކަރުނައަޅަން ޖެހޭނެ އެއްބައަކީ ބޮޑެތި ބިޔަ ފަރުބަދަތައްހައި ގިނަ އަޅުކަން ހިފައިގެން ދިއުމުން ﷲ ތަޢާލާ އެޢަމަލުތައް ޤަބޫލުފުޅު ނުކުރައްވަވައި ކުޑިތަކެއް ފަދައިން ބުރުއްސަވައިލައްވަވާނެ މީހުންނެވެ. ވީމާ އަޑުއަހާށެވެ.

މުސްލިމެއްގެ ޙަޔާތުގެ ކޮންމެ ދުވަހަކީވެސް ވީހައި ގިނައިން އަޅުކަންކުރަން މަސައްކަތްކުރާ ދުވަހެކެވެ. ދުވާލާއި ރޭގަނޑުވެސް އެބަ އަޅުކަން ކުރަމުއެވެ. ހިތާމައަކީ މިކުރާ މަސައްކަތް މިކުރެވެނީ ތިމާއަށް ފައިދާކުރާނެ ގޮތަށް ހެއްޔެވެ؟

މިސާލަކަށް ތިބާ ފާލުބަލާ މީހެއްގެ ގާތަށް ގޮސް ކަމެއް ބެލީއެވެ. އެދުވަހުން ފެށިގެން 40 ދުވަސްވަންދެން ތިބާ ކުރާ ނަމާދު ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެއެވެ. "އަހަރެން ހަމަ ގޮސްލީއެވެ. އޭނާ ދެއްކި އެއްވެސް ވާހަކައެއް އަހަރެން ޤަބޫލެއް ނުކުރަމެވެ. އެއީ ހަމަ މަޖަލަކަށް ކޮށްލި ކަމެކެވެ." މިފަދަ ބަހަނާތައް ދެއްކުމަކުން މައްސަލަ ހައްލެއް ނުވާނެއެވެ.

ޤަބޫލުކުރި ނަމަވެސް ނުކުރި ނަމަވެސް، އަދި މަޖަލަކަށް ނަމަވެސް ފާލުބަލާ މީހެއްގެ ގާތުން އެއްވެސް ކަމެއް އޮޅުންފިލުވައިފިނަމަ ކުރިން މިބުނި ފަދައިން 40 ދުވަސްވަންދެން އެމީހަކު ކުރާ ނަމާދު ޤަބޫލުފުޅު ނުކުރައްވަވާނެކަމަށް ރަސޫލް ރަސޫލް ﷺ ވަނީ ހަދީޘް ކުރައްވަވައިފައެވެ. އެހެންކަމަށްވާއިރު މިކަމުގައި ދެއްކޭނީ ކޮން އިތުރު ބަހަނާއެއް ހެއްޔެވެ؟

ފާލުބަލާ ރަމަލުބަލާ މީހުންގެ ގާތަށް ގޮސް ކަންކަން އޮޅުންފިލުވުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫނެވެ. އެއީ އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ކަމަށްވީ ނަމަވެސްމެއެވެ. މިކަމާއި ރަމަޟާން މަހާއި ގުޅުވައި މިލީ މިކަމަކީ ނަހީ ކުރައްވަވާފައިވާ ކަމެއް ނަމަވެސް ގިނަ ބައަކު ކުރާ ކަމަކަށްވާތީއެވެ. ރަމަޟާން މަސް ކައިރިވެފައިވަނިކޮށް އެފަދަ ކަމެއް ކުރެވިއްޖެނަމަ އެމީހަކަށް ރަމަޟާން މަސް އެކުގައި ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑުކަމުންނެވެ.

މީސްތަކުންނޭވެ! ޣައިބުގައިވާ ކަންކަން ރަސޫލް ﷺ އަށްވެސް އެނގިވަޑައިގަންނަވަމުން ދިއައީ ﷲ ތަޢާލާ ވަހީ ކުރެއްވެވުމުންނެވެ. ވީއިރު ފާލެއް ނޫން ކޮންމެ އެއްޗެއް ބެލިއްޔާ ފާލަބަލާ މީހުންނަށް ޣައިބުން އެނގޭނީ ކޮން އެއްޗެއް ހެއްޔެވެ؟ ހަމަ އެކައްޗެއްވެސް ނުއެނގޭނެއެވެ. ވީމާ ކަނޑައެޅިގެން މިކަންކަން އެނގެން ހުރިއިރު ހަލާކުގެ ތެރެއަށް ވެއްޓި ގަންނާނީ ބޮޑެތި މޮޔައިން ނޫން ހެއްޔެވެ؟

--މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން