ޢާއިޝަތުގެފާނުގެ ސީރަތު: ޙުޖުރު ބިން އަދީ ޤަތުލުކުރެއްވުމުން މުޢާވިޔަތުގެފާނަށް، ޢާއިޝަތުގެފާނު ކޯފާވެވަޑައިގެންނެވުން-

ކިޔުމަށް ހޭދަވާނީ 5މ 22ސ
ޢާއިޝަތުގެފާނުގެ ސީރަތު: ޙުޖުރު ބިން އަދީ ޤަތުލުކުރެއްވުމުން މުޢާވިޔަތުގެފާނަށް، ޢާއިޝަތުގެފާނު ކޯފާވެވަޑައިގެންނެވުން-

ޢަލީ އިޙްޞާން ފިރާޤް

 

މުޢާވިޔަތުގެފާނު ޚިލާފަތުގައި މިސްކިތްތަކުގެ މިންބަރުތަކުގައި ޢަލީގެފާނަށް ފާޅުގައި އެއްޗެތި ކިޔުން އާންމުވިއެވެ. ޢަލީގެފާނުގެ ވާގިވެރިއެއްކަމަށްވާ (حجر بن عدي رضى اللّـه عنــه) ޙުޖުރު ބިން އަދީ ރަޟިޔަﷲ ޢަންހު އެކަމާ ދެކޮޅަށް ތެދުވެ ވާހަކަފުޅު ދައްކަވަންފެއްޓެވިއެވެ. އެކަލޭގެފާނު ޢަލީގެފާނަށް ތާއީދުކުރައްވައި މުޢާވިޔަތުގެފާނުގެ ސިޔާސަތައް ފާޑު ވިދާޅުވަމުން ގެންދެވިއެވެ. އެހެންކަމުން މުޢާވިޔަތުގެފާނު އެކަލޭގެފާނުގެ ގަވަރުނަރުންގެ ފަރާތުން ޙުޖުރުއާ ދެކޮޅަށް ލިބެމުން ދިޔަ ޝަކުވާތަކަށް ރިޢާޔަތްކުރައްވައި އެކަލޭގެފާނު ޤަތުލުކުރެއްވުމަށް ނިންމެވިއެވެ. 

މިކަން ޢާއިޝަތުގެފާނަށް އެނގިވަޑައިގަތުމުން އެކަމަނާ އެކަން ވަރަށް ވަރުގަދައަށް މަނާ ކުރެއްވިއެވެ. އެކަމުން މުޢާވިޔަތުގެފާނު އެއްކިބާ ކުރެއްވޭތޯ ސިޓީފުޅު ލިޔުއްވިއެވެ. އެކަމަނާ ސިޓީފުޅު ލިޔުއްވައިފައި މުޢާވިޔަތުގެފާނުގެ އަރިހަށް ފޮނުއްވީ عبد الرحمن بن الحارث މެދުވެރި ކުރައްވައެވެ. އެ ސިޓީފުޅުގައި ހިއްޕަވައިގެން މުޢާވިޔަތުގެފާނުގެ އަރިހަށް عبد الرحمن بن الحارث ވަޑައިގެންނެވުމުގެ ކުރީން حجر بن عدي رضى اللّـه عنــه ޤަތުލުކުރެވިއްޖެއެވެ. 

ޙުޖުރު ޤަތުލު ކުރެވުނު ޙާދިޘާއަކީ ޢާއިޝަތުގެފާނާއި އުއްމަތުގެ މުޞްލިޙުން ވަރަށް ހިތާމަފުޅު ކުރެއްވި ހާދިސާއެކެވެ. އެއްފަހަރަކު ޙައްޖު މޫސުމުގައި މުޢާވިޔަތުގެފާނު ޙައްޖަށް ވަޑައިގެންނެވިއެވެ. އިއްތިފާޤު އެފަހަރު ޢާއިޝަތުގެފާނުވެސް ޙައްޖަށް ވަޑައިގެންނެވިއެވެ. މުޢާވިޔަތުގެފާނު އެކަމަނާއާ ބައްދަލު ކުރައްވަން ވަޑައިގެންނެވުމުން އެކަމަނާ އެންމެ ފުރަތަމަވެސް ސުވާލު ކުރެއްވީ ޙުޖުރު ބިން އަދީ ރަޟިޔަﷲ ޢަންހުއާ ބެހޭގޮތުންނެވެ. އެކަމަނާ، މުޢާވިޔަތުގެފާނާ މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ. 

[އަބޫސުފްޔާނުގެ ޙިލްމުވެރިކަން ކޮބައިހެއްޔެވެ؟] (އަބޫސުފްޔާނުގެ ޙިލްމުވެރިންކަން އޭނާގެ ދަރިކަލުން މުޢާވިޔަތުގެފާނުގެ ގައިކޮޅުގައި ނެތީ ކީއްވެ ހެއްޔެވެ؟]) 

އެހެން ރިވާޔަތެއްގައިވެއެވެ. ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. [އޭ މުޢާވިޔަތެވެ. ޙުޖުރާއި އޭނާގެ އެކުވެރިން ޤަތުލުކުރެއްވިއިރު އެކަލޭގެފާނުގެ ހިތްޕުޅުގައި މާތްﷲ އަށް އެއްވެސް ބިރުވެތިކަމެއްނެތީ ތޯއެވެ؟ ކަލޭގެފާނު އޭނާގެ މައްޗަށް ރަޙުމް ނުކުރީ ކީއްވެގެން ހެއްޔެވެ؟] 

އަމީރު މުޢާވިޔަތުގެފާނު ލަދުފުޅުގެންވަޑައިގެން ވިދާޅުވިއެވެ. [އަޅުގަނޑު ޙުޖުރާއި އޭނާގެ އެކުވެރިން ޤަތުލެއް ނުކުރަމެވެ.] 

މުޢާވިޔަތުގެފާނުގެ މި ޖަވާބާމެދު ޢާއިޝަތުގެފާނު ހިތްޕުޅު ހަމަޖެހިވަޑައެއް ނުގެންނެވިއެވެ. އެހެނީ ޙުޖުރު ޤަތުލުކުރެއްވީ މުޢާވިޔަތުގެފާނުގެ ބާރުފުޅު ދަށުގައިވާ ބިމެއްގައެވެ. އެކަލޭގެފާނަށް ތާއީދު ކުރާ މީހުންގެ އަތްތަކުންނެވެ. އެކަލޭގެފާނަށް އެކަން ހުއްޓުވައި މަނާ ކުރެއްވުމުގެ ފުރިހަމަ ބާރުފުޅު ލިބިވަޑައިގެންފައިވެއެވެ. މުޢާވިޔަތުގެފާނަށް އެކަލޭގެފާނުގެ ކޮނޑުފުޅުގައި އެޅިފައިވާ ޒިންމާގެ ބޮޑުކަން އެނގިވަޑައިންނެވުމުން ޢާއިޝަތުގެފާނަށް ވިދާޅުވިއެވެ. 

[އަޅުގަނޑުމެން ދެމީހުން މި މައްސަލަ މިތަނުގައި ބަލައި ތަޙްޤީޤުކޮށް ޙުކުމްކުރުމުގެ ބޭނުމެއްނެތެވެ. އަޅުގަނޑުމެން މާތްﷲ ގެ ޙަޟްރަތުގައި ބައްދަލު ކުރާ ދުވަހަށް ދާންދެން އެކަންތައް އަޅުގަނޑާއި އެމީހުންނާ ދެމެދުގައި ބާއްވާށެވެ.] {ޑރ.ރެސިތް ހައިލަމަޒް، ޢާއިޝާ ދަ ވައިފް، ދަ ކޮމްޕޭނިއަން، ދަ ސްކޯލަރ، ޞަފްޙާ 169-170} 

އަލްޙާފިޡް އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތުގައި ލިޔުއްވައިފައިވެއެވެ. ޢަލީގެފާނުގެ ޚިލާފަތުގައި ކުރެވުނު ޞިއްފީނު ހަނގުރާމައިގައި ކޮމާންޑަރެއްގެ ހައިސިއްޔަތުން حجر بن عدي رضى اللّـه عنــه ބައިވެރިވެވަޑައިގެންނެވިއެވެ. ޙުޖުރު ބިން ޢަދީ އަކީ ވަރަށް ޞާލިޙު ތަޤުވާވެރި ބޭކަލެކެވެ. ވަރަށް ގިނައިން ސުންނަތް ނަމާދު ކުރައްވައި، ރޯދަފުޅު ހިއްޕަވާ އުޅުއްވި ބޭކަލެކެވެ. أبو معشر ވިދާޅުވެފައިވެއެވެ. [އެކަލޭގެފާނު އަބަދުވެސް ހުންނަވަނީ ވުޟޫމަތީގައެވެ. ވުޟޫކުރެއްވުމަށްފަހު ސުންނަތް ނަމާދުގެ ދެ ރަކުޢަތް ކުރައްވައެވެ.] 

އިބްނު ޖަރީރު އާއި އެހެން ބައެއް ބޭކަލުން ވިދާޅުވާ ގޮތުގައި حجر بن عدي رضى اللّـه عنــه އާއި އޭނާގެ އެކުވެރިންވަނީ ޢުޘްމާނުގެފާނާއި އެކަލޭގެފާނުގެ ބައެއް ގަވަރުނަރުން ކުށްވެރިކޮށް ވާހަކަފުޅު ދައްކަވައިފައެވެ. ދީނުގެ ކަންތައްތަކުގައި ހަރުކަށިގޮތްކޮޅެއް ޚިޔާރު ކުރައްވައިފައެވެ. ޙުޖުރާއި އޭނާގެ އެކުވެރިންނަކީ ޢަލީގެފާނަށް ތާއީދު ކުރައްވާ ބޭކަލުންނެވެ. 

حجر بن عدي رضى اللّـه عنــه ހައްޔަރުކޮށް ޗޭނުޖަހައިގެން ކޫފާއިން ޝާމުކަރައަށް ގެންދިޔަ މަގުމަތީން އެކަލޭގެފާނުގެ ދަރިދަރިކަނބަލުންނާ ބައްދަލުވެވަޑައިގެންނެވިއެވެ. އޭރު އެކަނބަލުން އެކަލޭގެފާނުގެ ޙާލުކޮޅާމެދު ކީރިތި ކުރައްވަމުން ގެންދެވިއެވެ. އެކަލޭގެފާނު އެކަނބަލުންނާ ބައްދަލު ކުރައްވައި ގަޑިއެއްހާއިރު ހަނުހުންނެވުމަށްފަހު ވިދާޅުވިއެވެ. 

[ޝައްކެއްނެތެވެ. ތިޔަކަނބަލުންނަށް ކާންދެއްވައި ބޯންދެއްވައި އުނުފޭރާން ދެއްވަނީ އަރަހުށި މާތްﷲ އެވެ. ބައްޕާ މަރުވެދިޔުމަށްފަހުވެސް، އެކަލާނގެ ދިރިދުނިޔޭގައި ހުންނަވާނެއެވެ. އެހެންކަމުން ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރާށެވެ. އެކަލާނގެއަށް ބިރުވެތިވާށެވެ. ބައްޕަ ޤަތުލުކޮށްފިނަމަ ބައްޕަވާނީ ޝަހީދުންގެ ތެރޭގައެވެ. ބައްޕަ ސަލާމަތުން އަތުވެއްޖެނަމަ ބައްޕަވާނީ ޢިއްޒަތްތެރިންގެ ތެރޭގައެވެ.] 

حجر بن عدي رضى اللّـه عنــه ޝަހީދުކޮށްލުމުގެ ކުރީން އެކަލޭގެފާނުވަނީ އެކަލޭގެފާނު ޝަހީދުކޮށްލުމަށްފަހު ވަޅުލާއިރު ގައިގައި ޖަހައިފައިވާ ޗޭނު ގަނޑާއެއްކޮށް ވަޅުލުމަށެވެ. އެކަލޭގެފާނާއި އެކަލޭގެފާނުގެ އެކުވެރީން عذراء އޭ ކިޔުނުތަނަކަށް ގެންގޮސް ޝަހީދުކޮށްލެވުނެވެ. އެބައިމީހުންގެ މައްޗަށް ކަށުނަމާދުކޮށް، ޤިބުލައާ ވީ ފަރާތަށް ކުރިމަތި ކުރުވައި ފަސްދާނުވެޑުވުނެއެވެ. 

حجر بن عدي رضى اللّـه عنــه ޝަހީދުކުރުމުން އެކަމާ ޢާއިޝަތުގެފާނު ވަރަށް ކޯފާއިސްކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ. މުޢާވިޔަތުގެފާނު، ޢާއިޝަތުގެފާނުގެ އަރިހަށް ވަޑައިގެންނެވުމުން އެކަމަނާ ވިދާޅުވިއެވެ. 

[ޙުޖުރު ބިން ޢަދީއާއި އޭނާގެ އެކުވެރީން عذراء ގައި ޤަތުލުކުރުމަށް ބާރުއެޅީ ކޮންކަމެއް ހެއްޔެވެ؟] 

އަމީރު މުޢާވިޔަތުގެފާނު ވިދާޅުވިއެވެ. [އޭ މުއުމިނުތަކުންގެ މަންމާއެވެ. ތިމަންކަލޭގެފާނު ގަބޫލުކުރެއްވި ގޮތުގައި އެބައިމީހުން ޤަތުލުކުރުމަކީ އުއްމަތުގެ އަމާންކަމާ ގުޅިފައިވާ ކަމެކެވެ. އެބައިމީހުން ޤަތުލުނުކޮށްފިނަމަ، އުއްމަތުގައި ފިތުނަ ފަސާދަ އުފެދިގެން ހިނގައިދާނެއެވެ.] ކޮންމެއަކަސް حجر بن عدي އާއި އެކަލޭގެފާނުގެ އެކުވެރިން ޤަތުލުކުރުމަކީ އޭރު ތިއްބެވި ޞަޙާބީންވެސް އެކަމާ ވަރަށް ބޮޑަށް އިއުތިރާޟު ކުރެއްވި ކަމެކެވެ.

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު}

މިއަދު އޮންލައިން