ޢާއިޝަތުގެފާނުގެ ސީރަތު: ޢާއިޝަތުގެފާނު އެންމެ ލޯބިފުޅުވާ ބޭބޭފުޅު އަވަހާރަވުމުގެ ހިތާމަފުޅު

ކިޔުމަށް ހޭދަވާނީ 3މ 34ސ
ޢާއިޝަތުގެފާނުގެ ސީރަތު: ޢާއިޝަތުގެފާނު އެންމެ ލޯބިފުޅުވާ ބޭބޭފުޅު އަވަހާރަވުމުގެ ހިތާމަފުޅު

ޢަލީ އިޙްޞާން ފިރާޤް 

ޢަބްދުއްރަޙްމާން ބިން އަބީބަކުރުގެފާނަކީ ޢާއިޝަތުގެފާނު އެންމެ ލޯބިފުޅުވާ ބޭބޭފުޅެވެ. އެކަލޭގެފާނަކީ އަބޫބަކުރުގެފާނުގެ އެންމެ ދޮށީ ދަރިކަލުންނެވެ. އެކަލޭގެފާނުގެ މައިކަނބަލުންނަކީ އުއްމުރޫމާންއެވެ. ޢާއިޝަތުގެފާނުގެ އެއްބަނޑުއެއްބައްޕާފުޅު ހަމައެކަނި ބޭފުޅަކީ ޢަބްދުއްރަޙްމާނެވެ. އެކަލޭގެފާނު މުޝްރިކުންނާއެކު ބަދުރު ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވިއެވެ. އިސްލާމްވެވަޑައިގެންނެވީ ޙުދައިބިއްޔާގެ ދުވަސްވަރުގައެވެ. މައްކާ ފަތަޙަ ކުރެއްވުމުގެ ކުރީން މަދީނާއަށް ހިޖްރަ ކުރައްވައިފިއެވެ. 

އެކަލޭގެފާނު ޔަމާމާ ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ ހަނގުރާމައިގައި ދުޝްމިނުންގެ ހަތް މީހުން ޤަތުލު ކުރެއްވިއެވެ.  އެކަލޭގެފާނު އަވަހާރަވީ حُبْشِي އޭ ކިޔުނުތަނެއްގައެވެ. ރިވާވެގެންވަނީ އެކަލޭގެފާނު އަވަހާރަވީ، އަވަހާރަފުޅުލައްޕަވައިފައި އޮންނަވަނިކޮށްކަމަށެވެ. ބޭބޭފުޅުގެ ކުއްލި ވަކިވެވަޑައިގެންނެވުމުގެ ސަބަބުން ޢާއިޝަތުގެފާނުގެ ހިތްޕުޅުގައި ޝައްކުތަކެއް އުފެދުނެވެ. އަނެއްކާ މީހަކު އެކަމަނާގެ ބޭބޭފުޅު ޤަތުލުކޮށްލީ ނޫންބާވައޭ ހިތްޕުޅަށް އެރިއެވެ.

ޢަބްދުއްރަޙްމާން ބިން އަބީބަކުރު އަވަހާރަވީފަހުން އެއްދުވަހަކު އުއްމުލް މުއުމިނީން ޢާއިޝަތުގެފާނުގެ އަރިހަށް އަންހެނަކު އައެވެ. އޭނާއަކީ ވަރަށް ޞިއްޙަތު ރަނގަޅުކޮށް ހުރި އަންހެނެކެވެ. އޭނާ އައިސް އެކަމަނާގެ ކޮޓަރިކޮޅުގައި ނަމާދުކުރަންފެށިއެވެ. ސަޖިދައަށް ތިރިވިގޮތަށް ބޯއުފުލައެއްނުލިއެވެ. ޢާއިޝަތުގެފާނު ވަޑައިގެން ބެއްލެވިއިރު އޭނާ އޮތީ މަރުވެފައެވެ. މިތަންދެކެވަޑައިގެން ޢާއިޝަތުގެފާނު ވިދާޅުވިއެވެ. 

[މަރުއްވާ އަދި ދިރުއްވާ ރަސްކަލާނގެ ޙަޟްރަތަށް ޝުކުރުކުރަމެވެ. މިކަމުގައި އިބްރަތެއްވެއެވެ.] 

މި ދެންނެވި ހާދިސާއަށްފަހު، އެކަމަނާއަށް ކުރެވުނީ ކުށްހީފުޅެއްކަން އެނގިވަޑައިގެން އެކަމުން ރުޖޫއަވެވަޑައިގެންނެވިއެވެ. 

ޢަބްދުއްރަޙްމާން ބިން އަބީބަކުރު އަވަހާރަވުމުން އެކަލޭގެފާނު ފަސްދާނުލެއްވުމަށްޓަކައި މައްކާއަށް ގެނެވުނެވެ.  އެކަލޭގެފާނު އަވަހާރަވުމުން ޢާއިޝަތުގެފާނު ވަރަށް ހިތާމަފުޅު ކުރެއްވިއެވެ. ބޭބޭފުޅުގެ ގަބުރުދެކެވަޑައިގެންނެވުމަށްޓަކައި އެކަމަނާ މައްކާއަށް ވަޑައިގެންނެވިއެވެ. ގަބުރުފުޅު ދެކެވަޑައިގެންނެވުމަށްފަހު ބޭބޭފުޅަށް ހެޔޮދުޢާ ކުރެއްވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. 

[ބޭބޭފުޅު އަވަހާރަވީރު ގާތުގައި ހުރެވުނުނަމަ އަޅުގަނޑު މިހާވަރަކަށް ނުރުއީމުހެވެ. އަދި ބޭބޭފުޅު ފަސްދާނުވަޑުވާނީ ބޭބޭފުޅު އަވަހާރަވިތަނުގައެވެ.]

އެތަނުގައި ހުންނަވައިގެ އުއްމުލް މުއުމިނީން ޢާއިޝަތުގެފާނު މިދަންނަވާ ޅެންބައިތު ވިދާޅުވިއެވެ.

وَكُنَّا كَنَدْمَانَيْ جَذِيمَةَ حِقْبَةً مِنَ الدَّهْرِ حَتَّى قِيلَ لَنْ يَتَصَدَّعَا 

فَلَمَّا تَفَرَّقْنَا كَأَنِّي وَمَالِكًا لِطُولِ اجْتِمَاعٍ لَمْ نَبِتْ لَيْلَةً مَعَا

އިބްނު ސަޢުދު ބަޔާން ކުރައްވައިފައިވެއެވެ. ޢާއިޝަތުގެފާނު، ޢަބްދުއްރަޙްމާންގެ މަހާނަފުޅަށް ޒިޔާރަތް ކުރައްވަން ވަޑައިގެންނެވުމަށްފަހު، އެ މަހާނަފުޅު މަތީގައި ފޭލިގެއެއް ޖެއްސެވިއެވެ. އެފޭލިގެ ދެކެވަޑައިގެން އިބްނު ޢުމަރު ރަޟިޔަﷲ ޢަންހު އެފޭލިގެ ނެގުމަށް އަމުރު ކުރެއްވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. [ހަމަކަށަވަރުން ޢަބްދުއްރަޙްމާނުގެ ހެޔޮ އަމަލުފުޅުތައް އެކަލޭގެފާނުގެ މައްޗަށް ހިޔާއަޅުއްވާ، ރައްކާތެރިކޮށްދެއްވާނެއެވެ.] 

އަލްޙާފިޡް އިބްނު ކަޘީރު އަލްބިދާޔަތު ވައްނިހާޔަތުގައި އިސްވެދެންނެވި ވާހަކަތައް ބަޔާން ކުރެއްވުމަށްފަހު ލިޔުއްވައިފައިވަނީ ތާރީޚު ޢިލްމުވެރިންގެ ތެރެއިން ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ޢަބްދުއްރަޙްމާން ބިން އަބީބަކުރު ރަޟިޔަﷲ ޢަންހު އަވަހާރަވީ ހިޖްރައިން 58 ވަނަ އަހަރުގެ ތެރޭގައިކަމަށެވެ. ނަމަވެސް ބައެއް ޢިލްމުވެރިން އެކަލޭގެފާނު އަވަހާރަވީ ހިޖްރައިން 53 ވަނަ އަހަރުކަމުގައްޔާއި، 54 ވަނަ އަހަރުކަމުގައި ބަޔާން ކުރައްވައިފައިވާކަމަށްވެސް އިބްނުކަޘީރު ލިޔުއްވައެވެ.

މިއަދު އޮންލައިން