ﷲ ތަޢާލާ ފާފަ ފުއްސަވައިދެއްވަވާނެތީ ބިރެއްނެތި ފާފަކުރާމީހުން ނިކަން މިސުވާލަށް ޖަވާބުދީބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ﷲ ތަޢާލާ ފާފަ ފުއްސަވައިދެއްވަވާނެތީ ބިރެއްނެތި ފާފަކުރާމީހުން ނިކަން މިސުވާލަށް ޖަވާބުދީބަލަ!

މީހަކު މަގުފުރައްދުވައި ފާފައެއް ކުރުވަން ވަސްވާސްދެމުން ޝައިޠޯނާ ބުނާނީ ތިއައީ ދެން އެވަރުގެ ބޮޑުކަމެއް ނޫނެވެ. ފަހުން ﷲ ގެ ޙަޟްރަތުގައި އެދި ދަންނަވައިލާއިރަށް ފާފަ ފުއްސަވައިދެއްވަވާނެއެވެ. ﷲ އީ ގިނަގިނައިން ފާފަފުއްސަވައި ދެއްވަވާ ރަސްކަލާނގެއެވެ. 

ޝައިޠޯނާގެ ބަހަށް ހެއްލެވި މިފަދައިން ވިސްނިގެން ފާފަކުރާ މީހުންނަށް ކޮށްލަން އޮތީ ސުވާލެކެވެ. ސަމާލުކަންދީގެން އަޑުއަހާށެވެ! 

ތަންތަން ފިހުނީމާ އުނގުޅާނެ ކްރީމާއި އެހެންވެސް ތަކެތި ތިބާގެ އަތުގައި އެބަހުއްޓެވެ.  ތިބާގެ އަތުގައި ބޮޑު ރަނގަނޑެއް އަލިފާންގަނޑަކަށް ވެއްޓުނީއެވެ. އެހެންކަމަށްވާއިރު އެންމެ މޮޅު އެފަދަ ތަކެތި ހޯދާފައި ހުރިއިރު އެރަންގަނޑު ނަގަން އަލިފާނަށް އަތްލައި ފިއްސައިނުލަންވީ ކީއްވެގެން ހެއްޔެވެ؟ ރަންގަނޑު ނަގާފައި ބޭސްއުނގުޅައިލާއިރަށް ރަނގަޅުވާނެ ނޫންހެއްޔެވެ؟ 

އެއްވެސް ޝައްކެއް ނެތެވެ. ﷲ ތަޢާލާއީ ތައުބާވާ އިޚްލާޞްތެރިކަމާއިއެކު އަޅުންނަށް ފާފަތައް ފުއްސަވައި ދެއްވެވުމަށް ލޯބިވެވޮޑިގެންވާ ރަސްކަލާނގެއެވެ. އެހެންވީމާ ވިސްނައިލަންވީ މިފަދައިންނެވެ. "ﷲ ތަޢާލާ ވަނީ ފާފަނުކުރަން އަންގަވައިފައެވެ. ފާފަކުރާމީހުންނަށް ހުރި ގަދަފަދަ ޢަޛާބުގެ ވާހަކަތައް ބަޔާންކުރައްވަވައިފައެވެ. ވީމާ އަހުރެން ފާފަކުރާނަމަ އަހުރެންގެ ކިބައިގައިވަނީ ކޮން އިޚްލާޞްތެރިކަމެއް ހެއްޔެވެ؟" 

އަހުރެން މި މުޚާޠަބްކުރަނީ ފާފަކުރެވޭ މީހުންނަކަށް ނޫނެކެވެ. ކޮންމެ މީހަކީވެސް ފާފައެއް ކުރެވިދާނެ މީހެކެވެ. އަހުރެން މިމުޚާޠަބް ކުރަނީ ﷲ ތަޢާލާ ފާފަފުއްސަވައިދެއްވަވާނެކަމަށް ބަލައިގެން ބިރެއްނެތި ފާފަކުރަމުންގެންދާ މީހުންނަށެވެ. ތައުބާވުމަކީ ކުޅޭ ކުޅިވަރަކަށް ހަދައިގެން ފާފަކުރާ މީހުންނަށެވެ. 

ތިމާއަށް އެކުށްކުރެވުނީ ޤަޞްދުގައި ނޫންކަމަށް ބުނެ މީސްތަކުންނަށް އޮޅުވައިލެވިދާނެއެވެ. ނަމަވެސް ބިރެއްނެތި ޤަޞްދުގައި ފާފަކޮށްފައި ބުނެވޭނީ ކީކޭހެއްޔެވެ؟ ތިބާގެ ނިޔަތް ﷲ ތަޢާލާ ތިބާއަށްވުރެ ބޮޑަށް ދެނެވޮޑިގެންވެއެވެ. ވީމާ ފާފައެއް ކުރުމުގެ ކުރިން ވިސްނައިލާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވެ ފާފަނުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން