ޖަނަވާރާއި އެނޫންވެސް އެފަދަ ފުރާނަލީ އެއްޗެހީގެ ފޮޓޯ ޖަހާފައިހުރި ތަންތަނާއި ބުދު ބަހައްޓާފައި ހުންނަ ތަންތަނުގައި ނަމާދުކުރުމީ މަކުރޫހަވެގެންވާ ކަމެކެވެ. ހަމަ އެހެންމެ ފުރާނަލީ ތަކެތި ޖަހާފައި ހުންނަ ހެދުން ލައިގެން ނަމާދުކުރުމީ ވެސް މަކުރޫހަވެގެންވާ ކަމެކެވެ. އެފަދަ އެއްޗެއް ހުރި މުސައްލައެއްގައި ނަމާދު ކުރުމުން ނަމާދު ބާޠިލް ނުވިނަމަވެސް ނަމާދު މަކުރޫހަވެގެން ވެއެވެ.
މިއާ ޚިލާފަށް ގަސްފަދަ ފުރާނަނެތް މަންޒަރު ހުރި ތަކެތި ހުރުމީ ހުއްދަވެގެންވާ ކަމެކެވެ. އެފަދަ ތަކެތީގެ ސަބަބުން ނަމާދުކުރާމީހާގެ ޚުޝޫޢުވެރިކަން ގެއްލޭނަމަ އެކަންވެސް މަކްރޫހަ ވެގެން ވެއެވެ.
މާތްﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނުންގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވެފައި ވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ގެ ގަނޑުވަރުގައި ތިމަންކަމަނާ ދަންމަވާފައި ހުންނަ ފޮތިގަނޑެއް ހުރެއެވެ. އޭގައި ފުރާނަލީ އެއްޗެހީގެ ކުރެހުންތަކެއް ހުއްޓެވެ. ކީރިތި ރަސޫލާ صلى الله عليه وسلم އެއާ ދިމާއަށް ހުންނަވައިގެން ނަމާދުކުރަށްވާ ހައްދަވަތެވެ. އެއްދުވަހު ތިމަންކަމަނާއަށް އެންގެވީ އެފޮތިގަނޑު އެކަލޭގެފާނާ ދުރަށް ޖެއްސުމަށެވެ. ދެން ތިމަންކަމަނާ އެފޮތިގަނޑު ފަޅިކުރައްވައިގެން އެއިން ދެބާލީސް ފެއްސެވީމެވެ.
އަދި މިފޮތިގަނޑާ ބެހޭގޮތުން މާތް ﷲ ރުއްސުންލެއްވި އަނަސްގެފާނުންގެ ކިބައިން ރިވާވެގެން ވެއެވެ. އިތުރު އެކަލޭގެފާނު ޢާއިޝަތުގެފާނަށް ޙަދީޘުކުރެއްވިއެވެ. "އެފޮތިގަނޑުގައި ހުރި ކުރެހުމުގެ ސަބަބުން ތިމަންކަލޭގެފާނަށް ނަމާދަށް ހުންނަވާއިރު ޚިޔާލުއައިސް އުނދަގޫފުޅު ވަނީއެވެ. އޭތިގަނޑު ދުރަށް ޖައްސައިލާށެވެ! މިއެވެ.
- އުސްތާޛް ޙުސައިން ރަޝީދު އަޙްމަދު