އަޅުގަނޑުގެ ދަރިފުޅު މަސައްކަތްކުރަނީ ރަނގަޅު ވަޒީފާއެއްގައެވެ. ރަނގަޅު މުސާރައެއް ލިބެއެވެ. ނަމަވެސް ދަރިފުޅު ބުނާގޮތުން އޭނާގެ އަތުގައި އެއްވެސް ރުފިޔާއެއް ނުހުރެއެވެ. އަބަދުވެސް އުޅެންޖެހެނީ ދެކޮޅު ނުޖެހިގެންނެވެ. ދަރައިގެންނެވެ. އެކަމަކު އަދި ކައިވެންޏެއްވެސް ނުކުރެއެވެ.
ސުވާލުކޮށްކޮށްވެސް އޭނާކުރާ ޚަރަދުތައް ކިޔައެއް ނުދިނެއެވެ. މިޙާލަތުގައި އޭނާއަށް ދޭން ނަޞޭޙަތަކީ ކޮބައިތޯއެވެ؟
ތިރީގައިވާ ލިޔުމުން ކިޔުންތެރިޔާގެ ސުވާލަށް ޖަވާބެއް ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.
މީހަކަށް ފުރަތަމަ ލިބެންފަށާ މުސާރައަކީވެސް ދުވާލަކަށް 100 ޕައުންޑް ފަދަ ޢަދަދެއްކަމަށްވެދާނެއެވެ. މިއީ އެމީހަކަށް ވަރަށް ގިނަ ފައިސާ ކަމަށްވެސް ވެދާނެއެވެ. އެހެންވެ ކަންކަމަށް ޚަރަދުކުރާނެ ފައިސާ އަތުގައި ހުންނާނެއެވެ.
މީހަކަށް ފައިސާލިބެންފަށާއިރަށް އިބިލީސް އަންނާނެއެވެ. އައިސް ނުބައި ޢަމަލުތައްކުރަން ހތްވަރުދޭނެއެވެ. އެގޮތުން ކުރުވާ ފާފަތަކުގެ ލިސްޓް ވަރަށްދިގެވެ. އެހެންވެ ލިސްޓް ކޔާކަށް ނެތީމެވެ. އެލިސްޓް އެންމެންނަށްވެސް އެނގޭނެއެވެ.
ރަނގަޅަށް ހަނދާނުގައި ބަހައްޓާށެވެ! ފައިސާ ލިބޭނެ މަގު ތަނަވަސްކޮށްދެއްވަވަނީ ﷲ ތަޢާލާއެވެ. ތަނަވސްކޮށްދެއްވެވުމަށްފަހު އެފައިސާ ޚަރަދުކުރާ ގޮތް ވަރަށް ރަނގަޅަށް ބައްލަވައިވޮޑިގެންވެއެވެ. އެފައިސާ ޚަރަދުކުރަނީ ތިމާ ޚަރަދުކުރަންޖެހޭ ކަންކަމަށްތޯ ނުވަތަ ﷲ ތަޢާލާ ހުއްދަ ނުކުރައްވަވާ ކަންކަން ކުރަންތޯ ބައްލަވައިވޮޑިގެންވެއެވެ.
ވަޒީފާ ލިބޭއިރު ނުވަތަ އާމްދަނީ ލިބެންފަށާއިރު އަނބިދަރިން ނުތިބެދާނެއެވެ. ނަމަވެސް ކޮންމެ މީހެއްގެވެސް މައިންބަފައިން ނުވަތަ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ބައަކު ތިބޭނެއެވެ. އަދި ލިބުނު މިންވަރަކުން ﷲ ތަޢާލާގެ މަގުގައި ހޭދަކުރަންވެސް ޖެހޭނެއެވެ. ފަޤީރުންނަށް ޞަދަޤާތްކުރުމާއި ﷲ ތަޢާލާގެ ދީން މަތިވެރިކުރަން ޚަރަދުކުރަންޖެހޭނެއެވެ.
އެކަންކަން ނުކުރުމުން އެމީހަކަށް ދެއްވަވާ މިންވަރު މަދުކުރައްވަވާކަމާއި ދަތި އުނދަގޫ ޙާލަތުތައް ކުރިމަތިކުރައްވަވާކަން އެއީ ދުނިޔެއިން އަބަދުވެސް ފެންނަމުންދާ ކަންކަމެވެ. ވީމާ ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. އިސްރާފްނުކުރާށެވެ. ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ކަންކަމަށް ޚަރަދުނުކުރާށެވެ. ލިބޭ ތަނަވަސްކަން އިތުރުވުމަށް އެދޭ މީހާ ﷲ ތަޢާލާ އަންގަވާފައިވާ މަގުން ޚަރަދުކުރަން ސަމާލުކަންދޭށެވެ!
--މުފްތީ މެންކުގެ ދަރުސަކުން