ޢަލީ އިޙްޞާން ފިރާޤް
އަވަހާރަވުން:
ލޯތައް ވާނެތޯ ވަކިން ކަރުނުން މަނާ
ލޯތައް ފުރިއްޖޭ ވަކިވުމުން އެކަމަނާ
މުޢާވިޔަތުގެފާނުގެ ޚިލާފަތުގެ ފަހުކޮޅަށް އެޅިއިރު މާތް ރަސޫލާ صلّى اللّـه عليه وسلّم ހުވަފަތް އަނބިއަނބިކަނބަލުންގެ ތެރެއިން ގިނަ ބޭކަނބަލުން އަވަހާރަވެއްޖެއެވެ. ދެން ދުނިޔޭގައި ތިއްބެވީ އުއްމުލް މުއުމިނީން ޢާއިޝަތުގެފާނާއި، އުއްމުލް މުއުމިނީން އުއްމު ސަލަމަތުގެފާނެވެ. އެދެބޭކަނބަލުން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޠާހިރު ސުންނަތް އިސްލާމީ އުއްމަތަށް ފޫހިފުޅުކަމެއްނެތި ރިވާކޮށްދެއްވަންމުން ގެންދެވިއެވެ.
ހިޖުރައިން 58 ވަނަ އަހަރުގައި އުއްމުލް މުއުމިނީން ޢާއިޝަތުގެފާނަށް އަވަހާރަވުމުގެ އާލާސްކަންފުޅު ޖެހިވަޑައިގެންނެވިއެވެ. ޢާއިޝަތުގެފާނު އާލާސްކަންފުޅުގައި އޮންނަވަނިކޮށް މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ދެބެއިންގެ ދެދަރި ބޭކަލެއްކަމުގައި އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު އެކަމަނާގެ އަރިހަށް ވަޑައިގެންނެވުމުގެ އިޒުނައަށް އެދިވަޑައިގެންނެވިއެވެ. އެވަގުތު ޢާއިޝަތުގެފާނު އެކަމަނާގެ އަރިހުގައިވާ މީސްތަކުންނަށް ވިދާޅުވިއެވެ. [އިބްނު ޢައްބާސް ވަޑައިގެން އަހަރެންނަށް މާ ބޮޑަށް ތާރީފުކޮށްފާނެތީ ބިރުގަނެއެވެ.]
އެތަނުގައި ތިއްބެވި ބޭކަލުން ދެންނެވިއެވެ. [އެކަލޭގެފާނަކީ، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ދެބެއިންގެ ދެދަރި ބޭކަލެކެވެ. ދަރަޖަ މަތިވެރި މުސްލިމެވެ.] ޢާއިޝަތުގެފާނު ވިދާޅުވިއެވެ. [އެކަލޭގެފާނު އެތެރެއަށް ވަނުމުގެ ހުއްދަ ދޭށެވެ.] އިބްނު ޢައްބާސް ވަޑައިގެން ޢާއިޝަތުގެފާނުގެ އަރިހުގައި ދެންނެވިއެވެ. [ޙާލުކޮޅު ކިހިނެއްތޯއެވެ؟] ޢާއިޝަތުގެފާނު ވިދާޅުވިއެވެ. [އެންމެ ރަނގަޅެވެ.] އިބްނު ޢައްބާސް ވިދާޅުވިއެވެ. [ކަމަނާއަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ދުނިޔެއާއި އާޚިރަތުގެވެސް އަނބިކަނބަލުންނެވެ. ކަމަނާ ފިޔަވައި އެއްވެސް ބިކުރުވެރި ބޭކަނބަލަކާ މާތް ރަސޫލާ صلّى اللّـه عليه وسلّم ކައިވެނިފުޅު ބައްލަވައިގެންފައެއް ނުވެއެވެ. ކަމަނާގެ ކުށެއްނެތްކަން މާތްﷲ ވަނީ ހަތް އުޑުމަތިން ޤުރްއާނުގެ އާޔަތްތަކެއް ބާވައިލައްވައި ބަޔާންކޮށްދެއްވައިފައެވެ.]
އޭގެ އިރުކޮޅެއްފަހުން ޢާއިޝަތުގެފާނަށް ބޮޑުދައިތަ ވިދާޅުވާ ބޭކަލެއްކަމުގައިވާ ޢަބްދުﷲ ބިން ޒުބައިރު ރަޟިޔަﷲ ޢަންހު އެކަމަނާގެ އަރިހަށް ވަޑައިގެންނެވިއެވެ. އެކަމަނާ ވިދާޅުވިއެވެ. [ދެންމެ އިބްނު ޢައްބާސް ވަޑައިގެން އަހަރެންނަށް ޙައްދެއްނެތް މިންވަރަށް ތާރީފު ކުރައްވައިފައި ވަޑައިގެންފިއެވެ. މީގެ ކުރީގައި އަހުރެން ހަނދާންނެތިވެ، ނަންވެސް ފިލައިދިޔަނަމަ ކޮންފަދަހެއްޔެވެ!]
{صحيح البخاري،كتاب التفسير، باب {وَلَوْلاَ إِذْ سَمِعْتُمُوهُ قُلْتُمْ، مَا يَكُونُ لَنَا أَنْ نَتَكَلَّمَ، بِهَذَا سُبْحَانَكَ هَذَا بُهْتَانٌ عَظِيمٌ}، ޙަދީޘް 4753}
ބައެއް ވަޞިއްޔަތްޕުޅުތައް:
ޞަޙީޙުލް ބުޚާރީގައި ރިވާވެގެންވެއެވެ. ޢާއިޝަތުގެފާނު އަވަހާރަވުމުގެ ކުރިން އެކަމަނާ ޢަބްދުﷲ ބިން ޒުބައިރު ރަޟިޔަﷲ ޢަންހަށް ވަޞިއްޔަތްކުރައްވައި ވިދާޅުވިއެވެ. [މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި އެކަލޭގެފާނުގެ ދެއެކުވެރިންގެ އަރިހުގައި އަހަރެން ވަޅުނުލާށެވެ. އަހަރެން ވަޅުލާނީ ބަޤީޢުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އެހެން އަނބިއަނބިކަނބަލުންގެ ކައިރީގައެވެ. އެހެނީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ވަޅުލުމުގެ ސަބަބުން އަހަރެންނަކީ މާ މާތް މީހެއްކަމުގައި މީސްތަކުން ދުށުމަކަށް އަހަރެން ނޭދެމެވެ.]
{صحيح البخاري،كتاب الجنائز،باب مَا جَاءَ فِي قَبْرِ النَّبِيِّ صلى الله عليه وسلم وَأَبِي بَكْرٍ وَعُمَرَ ـ رضى الله عنهما، ޙަދީޘް 1391}
ސިޔަރު ޢައުލާމުއް ނުބަލާއުގައި ލިޔުއްވައިފައިވެއެވެ. ޢާއިޝަތުގެފާނު އަވަހާރަވި އާލާސްކަންފުޅުގައި އޮންނަވައި ވިދާޅުވިއެވެ. [މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގެންނެވި ފަހުން ތިމަންކަމަނާއަށް ކުށެއް ކުރެވިފައި އެބަ އޮތެވެ. އެހެންކަމުން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ތިމަންކަމަނާ ވަޅުލުމުގެ ބަދަލުގައި، އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ އަރިހުގައި ބަޤީޢުގައި ވަޅުލާށެވެ.]
މިދެންނެވި ރިވާޔަތުގައި ޢާއިޝަތުގެފާނު ކުށެއްގެ ވާހަކަ ބަޔާން ކުރައްވައިފައި ވަނީ އެއީ ޖަމަލު ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވުނު ވާހަކައެވެ.
އިބްނު ސަޢުދުގެ ޠަބަޤާތުގައި ބަޔާންވެގެންވެއެވެ. جعفر بن محمّد އެކަލޭގެފާނުގެ ބައްޕާފުޅު محمد بن علي الباقر ގެ އަރިހުން ރިވާ ކުރައްވައިފައިވެއެވެ. ޢާއިޝަތުގެފާނު އަވަހާރަވި އާލާސްކަންފުޅުގައި އޮންނަވައި ވިދާޅުވެފައިވެއެވެ. "ތިމަންކަމަނާ ކަންފުކޮށް، ޙަނޫޠުން މީރުވަސް ދުއްވުމަށްފަހު، ذكوان ކައިރީ ބުނެގެން ތިމަންކަމަނާ ވަޅުލައި، ފަސްގަނޑު އެއްވަރުކޮށްލާށެވެ. އޭގެފަހުގައި ذكوان އަކީ މިނިވަނެކެވެ.]
{އިބްނު ސަޢުދު ތަބަޤާތު، ތަރުޖަމާ ޑރ ޢާއިޝާ ބިވްލީ، ޞަފްޙާ 54}
ذَكْوان އަކީ ޢާއިޝަތުގެފާނުގެ އަޅުކުއްޖެކެވެ. މި ރިވާޔަތް ރިވާކޮށްދެއްވި محمد بن علي الباقر އަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ހޫރުކާފަ ދަރިކަލެކެވެ. އެކަލޭގެފާނު އުފަންވެވަޑައިގެންނެވީ ޢާއިޝަތުގެފާނު އަވަހާރަވުމުގެ އެއް އަހަރު ކުރީންނެވެ. އެކަލޭގެފާނުގެ ބަފައިކަލުންނަކީ زين العابدين އެވެ. زين العابدين އަކީ ޙުސައިންގެފާނުގެ ދަރިކަލެވެ.
عبد الله بن عبيد بن عمير ވިދާޅުވެފައިވެއެވެ. ޢާއިޝަތުގެފާނު ވަޞިއްޔަތްޕުޅު ކުރައްވަމުން ވިދާޅުވެފައިވެއެވެ. [ތިމަންކަމަނާގެ ވަޅުލަން ގެންދާން ފެށުމުން އޭގެ ފަހަތުން އަލިފާން ރޯކޮށްގެން ނާންނައްޗެވެ. އަދި ތިމަންކަމަނާގެ ވަޅުލާއިރު ހަށިގަނޑުގެ ދަށުގައި ރަތްކުލައިގެ ފޮތި ނުފަތުރައްޗެވެ.]
{އިބްނު ސަޢުދު ތަބަޤާތު، ތަރުޖަމާ ޑރ ޢާއިޝާ ބިވްލީ، ޞަފްޙާ 52}