މީހުން މަރުވާއިރު ކައިރީގައި ތިބޭ މީހުން ރަނގަޅަށް ވިސްނައިގެން ތިބެއްޖެނަމަ އެނގޭނެއެވެ. ފުރަތަމަ ފިނިިވާނީ ފައިތިލައެވެ. އެފިނިކަން އަންނާނީ މަޑުން މަތިވަމުންނެވެ. އެހެން އެވަނީ މަރު ނުވަތަ ފުރާނަ ހިއްޕަވާ މަލާއިކަތުން އޭނާގެ ހަށިގަނޑުން ފުރާނަ ނެރުއްވަވާނީ ފައިންފެށިގެން ކަމަށްވާތީއެވެ.
ގިނަ ފަހަރަށް ކައިރީގައި ތިބޭ މީހުންނަށް ކަމެއް އެބަވާކަން އެނގޭނީ މެއާއި ހަމައަށް އައުމުންނެވެ. އެންމެ ބޮޑަށް ކަންބޮޑުވެ ތެޅިފޮޅެވޭނީ ކަރާއި ހަމައަށް އެރުމުންނެވެ. ކައިރީގައި ތިބޭ މީހުންނަށް އެހިސާބުން އެނގުނު ނަމަވެސް ފުރާނަ ހިއްޕަވަން ނުވަތަ ހަށިގަނޑުން ނެރުއްވަވަން މަލާއިކަތުން ފެށްޓެވީންސުރެ އެމީހާއަށް އެކަން އެނގޭނެއެވެ. ނަމަވެސް އެވާހަކަ ނުދެއްކެނީއެވެ.
ކައިރީގައި ތިބޭ އަނބިދަރިން، ގާތްތިމާގެ މީހުން ކަންބޮޑުވެގެން ތެޅިފޮޅޭތަން އޭނާއަށް ފެންނާނެތެވެ. ޑޮކްޓަރުންނާއި ބޭސްވެރިންނާއި ރުޤްޔާ ކުރާމީހުންގެ އެހީތެރިކަމަށް އެދި އާދޭސްކުރާތަންވެސް އޭނާއަށް ފެންނާނެއެވެ. ނަމަވެސް އެއިން އެއްވެސް ކަމަކުން އޭނާއަށް ކުރާނެ އެއްވެސް ފައިދާނެތެވެ.
މީސްތަކުންނޭވެ! އެއްވެސް މީހެއްގެ ފުރާނަ ހިއްޕަވާވަޤުތު އެއްފައި މައްޗަށް އަނެއްފައި ހުރަސްކުރަން މަސައްކަތެއް ނުކުރާނެއެވެ. އޮތްގޮތަށް އޮންނާނީއެވެ. އެއީ ކީއްވެގެންކަން އެނގޭހެއްޔެވެ؟ އެއްފައިމައްޗަށް އަނެއްފައި ހުރަސްކުރީމާ ކުރިއަކަށް ނުދެވޭނެ ނޫންހެއްޔެވެ؟ ވީމާ އިޚްތިޔާރުން ބޭރުގައި ނަމަވެސް އޭނާއަށް އެފުރުޞަތު ދެވެނީ ނިމުމެއް ނުވާ ޙަޔާތަށް ދިއުމަށެވެ.
އެޙަޔާތަށް މީހާ ގެންދެވުމުގެ ވަޤުތު ޖެހުމުން ކިތަންމެ ނުރުހުނަސް ޖެހޭނީ ހަމަ ކިޔަމަންތެރިކަމާއިއެކު ދާށެވެ. ހިނދުކޮޅަކަށްވެސް މަޑެއް ނުކުރެވޭނެއެވެ. މަރަށް ތައްޔާރުވުމުގެ ވާހަކަތައް މިހައި ގިނައިން މިދައްކަނީ އެ ސަބަބުތަކަށްޓަކައެވެ.
- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން