ބުރުގާ އަޅައިގެން ފައިނިވާނުކޮށް ޤުރްއާން ކިޔަވަމުންދަނިކޮށް ތިލާވަތުގެ ސަޖިދަޖަހަން އޮންނަތަނެއް އައުމުން އެގޮތަށް ހުރެވެސް ސަޖިދަކުރެވޭނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ބުރުގާ އަޅައިގެން ފައިނިވާނުކޮށް ޤުރްއާން ކިޔަވަމުންދަނިކޮށް ތިލާވަތުގެ ސަޖިދަޖަހަން އޮންނަތަނެއް އައުމުން އެގޮތަށް ހުރެވެސް ސަޖިދަކުރެވޭނެތޯ؟

ޖުމްހޫރު ޢިލްމުވެރިން ދެކިވަޑައިގަންނަވާ ގޮތުގައި ސުންނަތް ނަމާދުގައި ޝަރްޠު ވެގެންވާ ކަންތައްތައް ތިލާވަތުގެ ސަޖިދާގައިވެސް ޝަރްޠުވެގެން ވެއެވެ. އެގޮތުން، ޢައުރަ ނިވާކޮށް، ވުޟޫ ކުރަން ޖެހެއެވެ. ބައެއް ސަލަފުންގެ އަރިހުން އިބްނު ޢުމަރު ރިވާ ކުރައްވާ ގޮތުގައި ތިލާވަތުގެ ސަޖިދަ ކުރުމަށް ބުރުގާ އަޅާކަށް އަދި ވުޟޫ ކުރާކަށް ނުޖެހެއެވެ. މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ގެ ވެސް ރައުޔެވެ. 

މާލިކީ މަޛްހަބުގެ ބައެއް ޢިލްމުވެރިން ދެކިވަޑައިގަންނަވާ ގޮތުގައި ވުޟޫ މަތީގައި ނެތްނަމަ ސަޖިދަ ވަޅުގެ އާޔަތް ދޫކޮށްލާފައި ޖެހިގެން އިން އާޔަތް ކިޔެވުން އައުލާކަން ބޮޑެވެ.

ރާޖިޙް ގޮތަކީ: ވުޟޫ މަތީގައި ނެތްނަމަ ނުވަތަ ޢައުރަ ނިވާނުކޮށް ހުރިނަމަ، ތިލާވަތުގެ ސަޖިދަ ނުކުރުމެވެ. މިފަދަ ޙާލަތްތަކުގައި ތިލާވަތުގެ ސަޖިދަ ދޫކޮށްލުމަކީ ހުއްދަ ކަމެއްކަން ޢުމަރު ރަޟިޔަﷲ ޢަންހުގެ ޢަމަލުން ދޭހަވެއެވެ. ތިލާވަތުގެ ސަޖިދަ ކުރުމަށްޓަކައި ވުޟޫ ކުރުމެއް ނެތެވެ. والله أعلم. 

އިތުރު ސުވާލެއް: 

އަޅުގަނޑުގެ ފިރިމީހާ 2 ވަނަ އަންބާއި ކައިވެނިކުރީ ލަންކާގައި، މިހާރު މިކޮޅުގައި ރެޖިސްޓަރ ކުރަން ލާފަ އޮތީ، ސުވާލަކީ ރާއްޖެއިންބޭރުގައި ކުރާ ކައިވެނި ޞައްޙަވާނެތޯ؟

ކައިވެނީގެ ރުކުންތައް ހަމަވާ ގޮތަށް ޢަގްދުކޮށްފައިވާނަމަ، ކޮންމެ ތަނެއްގައި ކުރިނަމަވެސް ކައިވެނި ޞައްޙަވާނެއެވެ. والله أعلم. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން