ޢަލީ އިޙްޞާން ފިރާޤް
އިބްނު ސަޢުދު ބަޔާން ކުރައްވައިފައިވެއެވެ. އުއްމުލް މުއުމިނީން ޢާއިޝަތުގެފާނު މަރަށް ހާޒިރުވެވަޑައިގެންނެވި ހިނދު ވިދާޅުވަމުން ގެންދެވިއެވެ. [އޭ ސަހަރޯއެވެ. ތިމަންކަމަނާ ޚަލްޤު ނުކުރެވުނު ކިހާ ރަނގަޅު ވީސްހެވެ. އޭ ސަހަރޯއެވެ. މާތްﷲ އަށް ތަސްބީޙަ ކިޔާ ގަހަކަށް ވީނަމަ ކިހާ ރަނގަޅުވީސްހެވެ.] އަދި ބައެއް ފަހަރު އެކަމަނާ ވިދާޅުވެއެވެ. ތިމަންކަމަނާ އިންސާނަކަށްނުވެ، ގަހުގެ ފަތަކަށްވީނަމަ ކިހާ ރަނގަޅުވީސްހެވެ.
އަލްޙާފިޡު އިބްނު ކަޘީރު އަލްބިދާޔަތު ވައްނިހާޔަތުގައި ލިޔުއްވައިފައިވަނީ ޢާއިޝަތުގެފާނު އަވަހާރަވީ ހިޖުރައިން 58 ވަނަ އަހަރުގެ ރަމަޟާންމަހުގެ 17 ވީ އަންގާރަ ދުވަހުގެރޭ އިރާކޮޅުގެ ވަގުތުގަކަމަށެވެ. އެންމެ މަޝްހޫރު ބަހަކީ މިއީ ކަމަށްވެސް އޭނާ ލިޔުއްވައިފައިވެއެވެ.
އެރޭގެ ވިތުރިއަށްފަހު އެކަމަނާގެ މައްޗަށް އިމާމުވެވަޑައިގެން ކަށުނަމާދު ކުރެއްވީ މަޝްހޫރު ޞަޙާބީ އަބޫހުރައިރާ ރަޟިޔަﷲ ޢަންހުއެވެ. ޢާއިޝަތުގެފާނުގެ މާތް ހަށިކޮޅު ސަންދޯއްފުޅުގައި ވެޑުއްވެވީ ފަސްބޭކަލުންނެއެވެ. އެއީ، ޢަބްދުﷲ ބިން ޒުބައިރު އާއި ޢުރްވަތު ބުނު ޒުބައިރާއި، އެކަމަނާގެ އަޚު މުޙައްމަދު ބުން އަބޫބަކުރުގެ ދެދަރިކަލުންކަމުގައިވާ ޤާސިމް އާއި ޢަބްދުﷲ އާއި އެކަމަނާގެ އެއްބަނޑު އެއްބައްޕާފުޅު ޢަބްދުއްރަޙްމާނުގެ ދަރިކަލުން އަބްދުﷲ ބުން ޢަބްދުއް ރަޙްމާނެވެ.
ނިސާއި އަހުލުލްބައިތު އޭ ކިޔުނު ފޮތުގައިވެއެވެ. ޢާއިޝަތުގެފާނު އަވަހާރަވިކަން އުއްމުލް މުއުމިނީން އުއްމު ސަލަމަތުގެފާނަށް ލިބިވަޑައިގެންނެވުމުން އެކަމަނާ ވަރަށް ހިތާމަފުޅު ކުރައްވާ ވިދާޅުވިއެވެ. [އަބޫބަކުރުގެފާނަށްފަހު، މާތް ރަސޫލާ صلّى اللّـه عليه وسلّم އެންމެ ލޯބިވެވަޑައިގެންނެވި ފަރާތަކީ ޢާއިޝަތުގެފާނެއެވެ.]
އިބްނު ސަޢުދު ބަޔާން ކުރައްވައިފައިވާ ރިވާޔަތަކުން އެނގޭ ގޮތުގައި ޢާއިޝަތުގެފާނު އަވަހާރަވީއިރު އެތަނުގައި އުއްމުލް މުއުމިނީން އުއްމުސަލަމަތުގެފާނުވެސް އިންނެވިއެވެ. އޭރު އެކަމަނާ ޢާއިޝަތުގެފާނަށް ހެޔޮ ދުޢާފުޅު ކުރައްވަމުން ގެންދެވިއެވެ. އެކަމަނާ ވިދާޅުވަމުން ގެންދެވިއެވެ. [މާތްﷲ، ކަމަނާއަށް ރަޙްމަތް ލައްވާށިއެވެ. ކަމަނާއަށް ކުރެވިފައިވާ ފާފައެއްވާނަމަ އެފާފައެއް ފުއްސަވައި ދެއްވާށިއެވެ.]
ސިޔަރު ޢައުލާމުއް ނުބަލާއުގައި ލިޔުއްވައިފައިވެއެވެ. ޢާއިޝަތުގެފާނުގެ ޖަނާޒާގެ ކަންތައްތަކުގައި ބައިވެރިވުމަށްޓަކައި މަދީނާގެ ވަށަވަށައިގެންވާ އަވައްތަކުގައި ދިރިއުޅޭ މީސްތަކުންވެސް އައެވެ. އެރޭހާ ގިނައިން މަދީނާގައި މީސްތަކުން އެއްވެ ތޮއްޖެހިފައިވާ ރެޔެއް އޭގެ ކުރިއަކުން މީސްތަކުން ނުދެކެއެވެ. މަދީނާގެ އަންހެނުންތައްވެސް ޖަނަތުލް ބަޤީޢުއަށް އެއްވެފައި އޮތްވަރުން ހީވަނީ ބަޔަކު މީހުން ޢީދެއް ކުރާން ނުކުމެގެން އުޅޭ ހެންނެވެ. އެހާވެސް މީހުން ގިނައެވެ.
محمد بن عمر ވިދާޅުވެފައިވެއެވެ. [ޢާއިޝަތުގެފާނު އަވަހާރަވެ ފަސްދާނުވެޑުވުނީ ހިޖްރައިން 58 ވަނަ އަހަރުގެ ރަމަޟާންމަހުގެ 17 ވީ އަންގާރަ ދުވަހުގެ ރޭގައެވެ. ފަސްދާނުވެޑުވަނީ އެރޭ ވިތުރިއަށްފަހުގައެވެ. އޭރު އެކަމަނާގެ އުމުރުފުޅަކީ 66 އަހަރުފުޅެވެ.]