އަނބިދަރިންނަށާ ޢާއިލާއަށާ އަވަށްޓެރިންނަށް ވަބާއަކަށްނުވެ ރިވެތި ގޮތުގަ ދުނިޔޭގަ އުޅުނީމަ ލިބޭ އެންމެ ބޮޑު ފައިދާ އެނގޭނަމަ އެކަކުވެސް ދޫކޮށްލާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
އަނބިދަރިންނަށާ ޢާއިލާއަށާ އަވަށްޓެރިންނަށް ވަބާއަކަށްނުވެ ރިވެތި ގޮތުގަ ދުނިޔޭގަ އުޅުނީމަ ލިބޭ އެންމެ ބޮޑު ފައިދާ އެނގޭނަމަ އެކަކުވެސް ދޫކޮށްލާނެތަ؟

މިދެއްކެނީވެސް އައު ކަމެއްގެ ވާހަކަކަމަށް ނުވެ ހިނގައިދާނެއެވެ. ނަމަވެސް ތިބާއަށް މިވާހަކަ މިގޮތަށް ކުރިން އަޑުއިވިފައި ނެތްކަމަށްވެދާނެއެވެ. އެހެންވީމާ ރަނގަޅަށް ވިސްނައިގެން އަޑުއަހާށެވެ! 

ސުވެރުގޭގެ އެންމެ މަތީ ދަރަޖަ ތަކުގައި އެންމެ ގިނަވާނީ ރިވެތި އަޚްލާޤް ލިބިފައިވާ މީހުންކަން ނުވަތަ ރިވެތި އަޚްލާޤްގެ މަތީގައި ދިރިއުޅުނު މީހުންކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ސުވާލަކީ ރިވެތި އަޚްލާޤެއް މަތީގައި އުޅުނީމާ އެހައި މަތީދަރަޖައެއް ދެއްވަވަނީ ކީއްވެގެން ހެއްޔެވެ؟ 

ނިކަން ވިސްނައިލަބަލާށެވެ! މީސްތަކުންގެ ކިބައިގައި ހުރުމަށް ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ ސިފައަކީ ރިވެތި އަޚްލާޤެވެ. އެހެންވެ އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު އަށްވެސް ވަނީ އެކަން ވަރަށް ސާފުކޮށް އަންގަވައިދެއްވަވައިފައެވެ. ރިވެތި އަޚްލާޤްގެ މަތީގައި ޘާބިތުވެވަޑައިގެން ހުންނެވުމަށް އެތައް އާޔަތެއްގައިވަނީ އަންގަވައިފައެވެ. 

ދެން މިވާގޮތަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިފުޅުވެވޮޑިގަންނަވާ ސިފަ އެމީހެއްގެ ގައިގައި ހަރުލައްވައި ޢަމަލުކުރަން ފެށުމުން އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގތެންދަނީއެވެ. އެކަމުގެ ސަބަބުން ކުރެވޭ ހެޔޮ ޢަމަލުތައް އިތުރުވެގެންދަނީއެވެ. 

ހަމައެއާއިއެކު އެހެންކަމެއްވެސް ވެގެންދެއެވެ. އެއީ އެންމެ މުހިންމު އަދި އެންމެ ބޮޑު ފައިދާ ހުރި ކަންތައްވެސް މެއެވެ. ވިސްނައިލާށެވެ. ރިވެތި އަޚްލާޤުގެ މަތީގައި ދިރިއުޅޭ މީހަކު އެއްވެސް މީހަކަށް އެއްވެސް އުނދަގުލެއް ނުކުރާނެއެވެ. އެހެން މީހަކަށް އަނިޔާވެރިއެއް ނުވާނެއެވެ. އެހެން މީހެއްގެ ހިތުގައި ޖެހޭނެ ފަދަ ކަމެއްވެސް ނުކުރާނެއެވެ. އެހެން މީހަކަށް އެއްވެސް ވަރެއްގެ ދެރައެއް ނުދޭނެއެވެ. ޣީބަ ނުބުނާނެއެވެ. 

މިކަންކަން ނުކުރީމާ ދެންމިވާ ގޮތަކީ އެމީހަކަށް ގެންދަން ލިބުނު ހެޔޮ ޢަމަލުކޮޅު ތަންކޮޅެއް މަދުނަމަވެސް އެއިން ފައިދާކުރެއެވެ. އެހެން މީހުންނަށް ބަދަލުދޭންނުޖެހޭނެތީއެވެ. މީޒާނުގައި ތިމާގެ ކޮޅަށް ބޮޑުތަނުން ބުރަކޮށްލަދެއެވެ. އެބުރަދަން ބުރަދަނުގެ ގޮތުގައި އެމީހަކަށް ލިބިގެންދެއެވެ. އެއީ ބަދަލުދޭންނުޖެހޭނެތީއެވެ. 

އެހެންވީމާ އޭނާއަށް ކުރެވުނު ހެޔޮ ޢަމަލުިތަންކޮޅެއް މަދުވި ނަމަވެސް އެއިން އެއްވެސް މީހަކަށް ބައިއަޅަން ނުޖެހުނީމާ ހުރިހާ އެއްޗެއް އޭނާއަށް ލިބުނީއެވެ. އެހެންވެ ސުވަރުގޭގެ އެންމެ މަތިދަރަޖަތަކަށް ދެވުމަށް މަގުފަހިވެގެންދަނީއެވެ. 

އަދި މިނޫންވެސް ބައެއް ކަންކަން އެބަހުއްޓެވެ. އެހެން ދަރުސެއްގައި ފާހަގަކުރަން މަސައްކަތްކުރާނަމެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން