މަރުވާ މީހައަށް މަރުވުމަކީ މުޞީބާތަކަށްވަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
މަރުވާ މީހައަށް މަރުވުމަކީ މުޞީބާތަކަށްވަނީ ކީއްވެ؟

ޢާންމު ގޮތަކަށް ބަލައިފިނަމަ މުޞީބާތަކީ ދުނިޔޭގަ ދިރިތިބޭ ބައަކަށް ކުރިމަތިވާ ކަމެކެވެ. އެހެންކަމަށްވާއިރުވެސް މަރުވުމަކީ މުޞީބާތެއް ކަމަށް އޮތީ ކީއްވެގެންހެއްޔެވެ؟ އޭނާ މަރުވެ ދިއައީ ނޫން ހެއްޔެވެ؟ އޭނާއަށް އޮންނަންވީ ކޮން މުޞީބާތެއް ހެއްޔެވެ؟ މުޞީބާތް އޮންނާނީ ދިރިތިބި އޭނާގެ ޢާއިލާގެ މީހުންނަށް ނޫންހެއްޔެވެ؟ 

އެހެނެއް ކަމަކު ކަންކަންވެގެންދަނީ އެގޮތަކަށް ނޫނެވެ. މަރުވުން ވެގެންދަނީ މަރުވި މީހާއަށް ކުރިމަތިވާ ބޮޑު މުޞީބާތަކަށެވެ. ވަރަށް ބޮޑު މުޞީބާތަކަށެވެ. އެންމެ ބޮޑު މުޞީބާތަކަށެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ 

އެއީ މަރުވުމަށްފަހު އެއްވެސް ހެޔޮ ޢަމަލެއްކުރަން ފުރުޞަތުނުލިބޭތީއެވެ. ތައުބާ ނުވެވޭނެތީއެވެ. ނަމާދެއް ނުކުރެވޭނެތީއެވެ. ޤުރްއާން ނުކިޔެވޭނެތީއެވެ. ބުރުގާ އަޅައި އަޢުރަ ނިވާނުކުރެވޭނެތީއެވެ. މިހެންގޮސް ލިސްޓް ދިގުކުރަންވީއެވެ. 

މަރުވުމަށްފަހު ނުވަތަ ފުރާނަ ހިއްޕަވާ މަލާއިކަތުން އޭނާއަށް ފެނުނީންސުރެ އޭނާ އެންމެ ބޮޑަށް ބޭނުންވާނީ ހެޔޮ ޢަމަލުތައްކުރަންކަން ކުރިން ވާނީ ބަޔާންކޮށްދީފައެވެ. އެހެންނަމަވެސް އެފުރުޞަތެއް ނުލިބޭނެއެވެ. އެހެނީ ތައުބާގެ ދޮރު ބަންދުވެގެންދާ ދެޙާލެއް އެބައޮތްކަން ޙަދީޘްފުޅުން އޮތީ އެނގޭށެވެ. އެއީ ހުޅަނގުފަރާތުން އިރުއެރުމާއި ފުރާނަ ހިއްޕަވާ މަލާއިކަތުން އޭނާގެ ލޮލަށް ފެނުމެވެ. 

މީސްތަކުންނޭވެ! މީހާގެ ހަށިގަނޑުން މަލަކުލްމަތުގެފާނު ފުރާނަ ނެރުއްވަވާނީ ކޮންތަނަކުން ކަމާއިމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފް އެބަހުއްޓެވެ. އެއީ އަހުރެމެން ކަންބޮޑުވާންވީ ކަމެއް ނޫނެވެ. ކޮންމެ ތަނަކުން ނަމަވެސް އެނެރުއްވަވާ ތަނަކުން ފުރާނަ ނެރުއްވަވާނެތެވެ. 

މިހިސާބުން ސުވާލެއް ކުރާނަމެވެ. މިސުވާލުމިކުރަނީ މަރުވުމަށްފަހު އަލުން ދިރިގެން ނުތެދުވާނޭ ކަމަށް ބުނާ މީހުންނަށެވެ. ޤިޔާމަތް ދުވަހެއް، އަދި ޙިސާބު ބެއްލެވުމެއް ނެތްކަމަށް ބުނާ މީހުންނަށެވެ. އެހެންކަމަށްވާނަމަ އޭނާގެ (މަލަކުލްމައުތު ފުރާނަ ހިއްޕެވި މީހާގެ) ފުރާނަ އަލުން އޭނާގެ ހަށިގަނޑަށް ވައްދުވންވީ ނޫންހެއްޔެވެ؟ އެކަން ނުކުރެވޭނެ ނަމަ މޮޔަ ވާހަކަ ނުދައްކައި ﷲ ތަޢާލާގެ ވަޙީބަސްފުޅު ޤަބޫލުކޮށްގެން މަޑުން ތިބޭށެވެ.

 

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

 

 

މިއަދު އޮންލައިން