ސުވަރުގޭގެ އެންމެ މަތީ ދަރަޖަތައް ބޭނުން މީހާއަށް ނުހަނު ފަސޭހައިން ކުރެވިދާނެ 3 ކަމެއް!: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ސުވަރުގޭގެ އެންމެ މަތީ ދަރަޖަތައް ބޭނުން މީހާއަށް ނުހަނު ފަސޭހައިން ކުރެވިދާނެ 3 ކަމެއް!: ޢުމަރު ސުލައިމާން

ސުވަރުގެއިން އެންމެ މަތީ ދަރަޖަ ލިބުމަށް އެދޭމީހާ 3 ކަމެއްގައި ހިފަހައްޓާށެވެ. މާނައަކީ އެ 3 ޢަމަލުކުރުމުގައި ޘާބިތުވެ ހުންނާށެވެ! 

އެއިގެ ތެރެއިން ފުރަތަމަ ކަމަކީ އެމީހަކަށް ލިބުނު މިންވަރަކުން ފަޤީރުންނަށް ކާންދިނުމެވެ. ދެވަނަ ކަމަކީ ސުންނަތް ރޯދަހިފުން ގިނަކުރުމެވެ. ތިންވަނަ ކަމަކީ މީސްތަކުން ނިދުމުން ދަންވަރު ތެދުވެ ތަހައްޖުދް ނަމާދުކުރުމެވެ. 

މި 3 ޢަމަލަށް ބެލިނަމަވެސް މިއީ ޢާންމު ގޮތަކަށްވިސްނައިފިނަމަ ކުރަން ވަރަށް ފަސޭހަ 3 ކަންތަކެވެ. އަތުގައި ތަނަވަސްކަން ނެތްނަމަ ފަޤީރަކަށް ކާން ނުދިނަސް އެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ އެވަރުގެވެސް ފުދުންތެރިކަމެއް ނެތް މީހުން ކަންބޮޑުވާކަށް ނުޖެހެއެވެ. 

ދެން މިއޮތީ ސުންނަތް ރޯދަ ހިފުމާއި ތަހައްޖުދު ނަމާދުކުރުމެވެ. މި 2 ކަންތަކަކީވެސް ކިތަންމެ ފަޤީރު މީހާއަށްވެސް ކުރަން ބޭނުންނަމަ ކުރެވޭނެ ކަންތަކެވެ. ވިސްނައިލާށެވެ! ހިފާ ކޮންމެ ރޯދައަކަށް އެމީހަކު ނަރަކައާއި 70 އަހަރަށް ދުރަށް ޖައްސަވަތެވެ. ނަރަކައާއި ދުރަށްދެވޭ ވަރަކަށް ސުވަރުގޭގައި އެމީހާގެ ދަރަޖަ އުފުލިގެންދެއެވެ. 

ދެން މިއޮތީ ތަހައްޖުދު ނަމާދުކުރުމެވެ. ރޭގަނޑުގެ އަރާމު ނިދި ޤުރްބާންކޮށްފައި ހޭލައިގެން ތަހައްޖުދު ނަމާދުކުރެވޭނީ ﷲ ތަޢާލާ ދެކެ ވަރަށް ބޮޑަށް ލޯބިވާ މީހުންނަށެވެ! މީހަކު ﷲ ތަޢާލާ ދެކެ ލޯބިވާނަމަ އެމީހާ ﷲ ތަޢާލާ ދެކެ ލޯބިވާވަރަށްވުރެ މާބޮޑަށް އެމީހަކުދެކެ ﷲ ތަޢާލާ އެމީހަކު ދެކެ ލޯބިވެވޮޑިގެންވެއެވެ. އެފަދަ މީހަކަށް ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަ ނުދެއްވަވާނެ ކަމަށް ހީކުރަންވެސް ހެޔޮވެދާނެ ހެއްޔެވެ؟ 

މީސްތަކުންނޭވެ! ސުވަރުގެ ލިބޭނީވެސް އަދި ސުވަރުގޭގެ މަތީ ދަރަޖަތައް ލިބޭނީވެސް ހޯދަން އެމީހަކު މަސައްކަތްކުރިވަރަކުންނެވެ. އެމީހަކު އެކަމަށް ސަމާލުކަންދީ އެކަން އެދިގެން މަސައްކަތްކުރި ވަރަކުންނެވެ. ވީމާ ސުވަރުގެ ވެއްދެވުމާއި ސުވަރުގޭގެ މަތީ ދަރަޖަތައް ދެއްވެވުން މިއޮތީ އެކަމަށް ގަދައަޅައި މަސައްކަތްކުރުމުންނެވެ.

 

- އިމާމް ޢުމަރު ސުލައިމާނުގެ ދަރުސަކުން

މިއަދު އޮންލައިން