ބައެއް މީހުން ވުޟޫކުރަން ފަށައި ވަކިހިސާބަކަށްދާއިރަށް ކުރިން ފެންލެވުނު ގުނަވަންތަކާއިމެދު ޝައްކު އުފެދޭ ގޮތް މެދުވެރިއެވެ. މިޘާލަކަށް ވުޟޫކުރަމުން ގޮސް މޫނުދޮވެ، އަތަށް ފެންލާފަހުން އަނގައަށް ފެންލެވުނުކަމާއިމެދު ޝައްކު އުފެދެއެވެ.
މިޙާލަތުގައި ޢަމަލުކުރަންވީގޮތް:
މިއީ ދީނަށް އުޅެން މަސައްކަތް ކުރާ ކުދިންނަށް ޝައިޠާނާ ޖަހާ ވަރުގަދަ މަޅިއެކެވެ. މީގެ ނަތީޖާ އެއްގެ ގޮތުން ވުޟޫ ކުރުމަކީ ބޮޑު ކަމަކަށްވެގެން އޭނާ ނަމާދު ކުރުމާ ދުރުހެލިވާ ހިސާބަށް ކަންތައް ދުއްވާލައެވެ.
ވީމާ، މިކަމުގެ ޙައްލަކީ އަމިއްލަ ނަފްސަށް އިތުބާރު ކުރުމެވެ. ޝައްކުވިޔަސް އެއީ ވަސްވާސް ކަމުގައި ދެކިގެން އެކަމުން ދުރުހެލިވުމެވެ. އެއަށްފަހު، ވުޟޫ ކުރާއިރު ކައިރީގައި މީހަކު ބަހައްޓާށެވެ. ގުނަވަން ތަކުގައި ފެން ޖެހުމުން އެނގޭނީ ކައިރީ ހުރި މީހާ އަށެވެ. އޭނާ ދެން އަނެއް ގުނަވަނަށް ބަދަލުވާށޭ ބުނުމުން އެގޮތަށް ކަންތައް ކުރާނީއެވެ. މީހާ ހަމައަކަށް އެޅެންދެން މިގޮތުގައި ހިފަހައްޓާނީއެވެ. އަދި ވަސްވާސްތަކުން ދުރުހެލި ކުރައްވާ ސަލާމަތްކޮށްދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ގިނަގިނައިން ދުޢާ ކުރާނީއެވެ. واللهأعلم
އިތުރު 2 ސުވާލާ ޖަވާބު:
ކީރިތި ޤުރުއާން ހިތުދަސްކުރުމަށް އިސްތިޚާރާ ކުރެވިދާނެތޯ؟
ގުރްއާން ހިތުދަސްކޮށްފައި ހަނދާން ނައްތާލުމަކީ ވަރަށް ބޮޑު ފާފަ އެކެވެ. އެހެންކަމުން، ތިމާ އަކީ ގުރްއާން ދަސްކޮށްފިނަމަ، ހަނދާނުގައި ބަހައްޓައިގެން އުޅެވޭނެ ފަދަ މީހެއްތޯ ނުވަތަ ނޫންތޯ ހިތުގައި ޝައްކު އުފެދޭނަމަ، އިސްތިޚާރާ ކުރުން މުހިންމެވެ. واللهأعلم
ކައިވެނީގެ ވަލީމާއަށް ޚަރަދުކުރަން ޖެހޭނީ ކާކު؟
ކައިވެނީގެ ވަލީމާގެ ކަންތައް ބެލެހެއްޓުމަކީ ފިރިމީހާގެ ޛިންމާ އެކެވެ. ދެމަފިރިން ޙިއްސާވާ ގޮތަށް ބޭއްވުމަކީވެސް އެންމެ ރަގަޅު ކަމެކެވެ. والله أعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް