ގިނަ ބައަކު ކޮންމެހެންވެސް ޙާޞިލްކުރަން ބޭނުންވާ ކަމެއް އެބައޮތެވެ. އެއީ ކޮންމެ މީހަކާއި ދެބަސްވެ ޒުވާބުކުރިނަމަވެސް މޮޅުވުމެވެ. އަނެކާދެރަކޮށްލުމެވެ. މޮޅުވީ ތިމާކަން މީސްތަކުންނަށް ދެއްކުމެވެ.
އަހުރެންގެ ނަޒަރުގައި މިފަދަ މީހުންނަކީ އެންމެ ބޮޑެތި މޮޔައިންނެވެ. އެހެނީ މީޘާލަކަށް މީހަކާއި ޒުވާބުކޮށްގެން މޮޅުވީއެވެ! އެކަމުގެ އިނާމަކަށް ލިބޭނީ ކޮންއެއްޗެއް ހެއްޔެވެ؟ އެކަމުން ކުރާނެ ފައިދާއަކީ ކޮބައިހެއްޔެވެ؟
އެހެނެއްކަމަކު ތިމާހުރީ ޙައްޤު ގޮތުގައި ކަމަށްވީނަމަވެސް، އެކަން އެނގިހުރެވެސް މީހަކާއި ޒުވާބުކުރުން ހުއްޓާލައިފި މީހަކަށް ސުވަރުގޭގެ ސަރަޙައްދުން ގަނޑުވަރެއް ދެއްވަވާނެ ކަމަށް ޙަދީޘްފުޅުގައި އެބައޮތެވެ. އެއަށްވުރެ ބޮޑު ފައިދާއެއް ލިބޭނެހެއްޔެވެ؟
ވީމާ ތިމާގެ ކޮޅު މޮޅުކުރަން ޒުވާބުކުރުމަށްވުރެ މޮޔަކަމަކީ ކޮބައިހެއްޔެވެ؟ ބުއްދިވެރިއަކުނަމަ އަވަހަށް ޒުވާބުކުރުން ހުއްޓާލާފައި ލިބިގަންނާނީ ސުވަރުގެއިން ގަނޑުވަރު ނޫންހެއްޔެވެ؟
މީސްތަކުންނޭވެ! މިކަމުންވެސް އެނގިގެންދަނީ ޒުވާބު ކޮށްގެން ނުވާނެކަމެވެ. ދެބަސްވެ އަރައިރުންވެގެން ނުވާނެކަމެވެ. ޚިޔާލުތަފާތުވީނަމަވެސް އޮތީ ވާހަކަ ދައްކާލައިގެން ޙައްލުކުރުންކަމެވެ. ޒުވާބު ނުކުރުމުން މިހައި ބޮޑު ނިޢްމަތެއް ދެއްވަވާނެ ކަމަށް އެއޮތީ އެހެންވެގެންނެވެ.
ބައެއް މީހުންނަކީ ޒުވާބުކުރާހިތްވާ ބައެކެވެ. އެފަދަ މީހަކާއި ކައިވެނިކުރެވިއްޖެނަމަ ޒުވާބުކުރާނެއެވެ. ރައްދު ނުދީ މަޑުން ހުންނާށެވެ! ކޮންމެހެން ބުނަން ޖެހޭ ބަހެއް ނޫނީ ނުބުނާށެވެ! ޒުވާބު ނުކޮށް ހުރުމުން ދެއްވަވާ މިބޮޑު ނިޢުމަތް ލިބިގަންނާށެވެ! ބުއްދިވެރިންނަކީ އެއީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން