ނަމާދުގަ އަވަސްއަރުވާނުލައި ޚުޝޫޢަތްތެރިވެލަން އާދަކުރެވިއްޖެނަމަ ހުރިހާ ކަންބޮޑުވުމަކުން ސަލާމަތްވެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ނަމާދުގަ އަވަސްއަރުވާނުލައި ޚުޝޫޢަތްތެރިވެލަން އާދަކުރެވިއްޖެނަމަ ހުރިހާ ކަންބޮޑުވުމަކުން ސަލާމަތްވެވޭނެ! އިން ޝާ ﷲ

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހަރެންނަށް މިހައިތަނަށް ލިބިފައިވާ ތަޖުރިބާއަށާއި މީސްތަކުންގެ ކިބައިން ލިބިފައިވާ މައުލޫމާތަށް ބަލައި ބުނަމެވެ. ނަމާދުގައި އަވަސްއަރުވާނުލައި ޚުޝޫޢަތްތެރިކަމާއެކު ނަމާދުކުރާމީހާ އެއްވެސް ކަމަކާއި ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ. ވީމާ ހުރިހާ ކަމެއްގެ ޙައްލުވެސް އޮތީ ޚުޝޫޢަތްތެރިކަމާއިއެކުގައި ނަމާދުކުރުމުންނެވެ. މަސައްކަތްކުރަންވީ އެކަން ކުރުމަށެވެ.

ނަމާދުކުރަން އަންގަވާފައިވަނީ ޚުޝޫޢަތްތެރިކަމާއިއެކުގައިކަން ނުއެނގޭ އަދި އެކަން ޤަބޫލުވެސް ނުކުރާ ހަމަ އެންމެ މުސްލިމަކުވެސް ނުހުންނާނެއެވެ. ނަމަވެސް ހިތާމައަކީ އެކަމަށް ސަމާލުކަންނުދީ އަވަސްއަރުވައިލާކަމެވެ.

އަހަރެމެންގެ ތެރެއިން ގިނަ ބައަކު ނަމާދުގައި އަވަސްއަރުވާލައެވެ. އެކަނިކުރާނަމަ ޙަރަކާތްތައް އަވަސްކުރެއެވެ. ޖަމާޢަތުގައި ކުރާއިއރު ކިޔެވުން އަވަސްކުރެއެވެ. އެކަންކަމުގެ ސަބަބުން ނަމާދުން ބޮޑުބައެއް އުނިވެގެންދެއެވެ.

އަހަރެން އެކަންޏެއް ނޫނެވެ. ކޮންމެ ޢިލްމުވެރިއަކުވެސް ނަޞޭޙަތްތެރިވާނީ ސުންނަތާއިއެއްގޮތަށް ނަމާދުކުރުމަށެވެ. ﷲ ތަޢާލާ ވަޙީކުރެއްވެވީ ނަމާދުކުރުމަށެވެ. ނަމާދުގައި ކިޔަންވީ ތަކެއްޗާއި ނަމާދުކުރަންވީގޮތް ދަސްކޮށްދެއްވެވީ ރަސޫލާ ﷺ އެވެ. ވީމާ ނަމާދު ނަމާދަކަށްވާނީ ދަސްފުޅުކޮށްދެއްވެވި ގޮތަށް ނަމާދުކުރުމުންނެވެ.

ކިތަންމެ ގިނައިން ނަމާދުކުރިނަމަވެސް އެކުރާ ނަމާދުގެ ފައިދާކުރާނީ ރަސޫލާ ﷺ ދަސްފުޅުކޮށްދެއްވެވި ގޮތަށް ނަމާދުކުރުމުންނެވެ. ކުރާ ނަމާދު ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނީ އެއިރުންނެވެ. ކުރި ނަމާދު ނަމާދަކަށްވެ އެކަމުގެ ޘަވާބު ދެއްވަވާނީ ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާ ފެންވަރުގައި ނަމާދުކުރުމުންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން