ޢާއިޝަތުގެފާނުގެ ސީރަތު 55: ޢާއިޝަތުގެފާނުގެ ޢިލްމުވެރިކަން - ޞަޙާބީންނަށް ޙުކުމް އެނގިވަޑައިނުގަންނަވާ މައްސަލަތަކުގަ ހައްލު ހޯއްދަވައިދެއްވެވި!

ކިޔުމަށް ހޭދަވާނީ 3މ 53ސ
ޢާއިޝަތުގެފާނުގެ ސީރަތު 55: ޢާއިޝަތުގެފާނުގެ ޢިލްމުވެރިކަން - ޞަޙާބީންނަށް ޙުކުމް އެނގިވަޑައިނުގަންނަވާ މައްސަލަތަކުގަ ހައްލު ހޯއްދަވައިދެއްވެވި!

- ޢަލީ އިޙްޞާން ފިރާޤް

 

ޢިލްމީ މައިދާނުގައި ޢާއިޝަތުގެފާނު- 

 

ޢިލްމުވެރިއެއް ވޭތޯ މިފަދަ ކަނބަލުން ތެރޭން

    ޙިލްމުވެރިކަމުގެ އެއްވަނަ މިއީ އެއުރެން ތެރޭން

އުއްމުލް މުއުމިނީން ޢާއިޝަތުގެފާނުގެ ޢިލްމުވެރިކަމާއި، އެކަމަނާގެ ޙިކްމަތްތެރިކަމަކީ، މުޅި ދުނިޔެ ދަންނަ ޙަޤީޤަތެކެވެ. ޙަޔާތްޕުޅުގެ އެންމެ ކުރީކޮޅުގެ ދުވަސްތައް މާތް ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم  ގެ އަރިހުގައި ހޭދަކުރައްވަން ޖެހިވަޑައިގެންނެވުމަކީ، އެކަމަނާގެ ޢިލްމުވެރިކަމަށް ލިބުނު ވަރަށް ބޮޑު ފުރިހަމަކަމެކެވެ. އަބަދުވެސް ދީނުގެ ޙުކުމަތަކާއި ޙިކުމަތްތައް ނަބިއްޔާގެ އަރިހުން އައްސަވައި އޮޅުންފިލުއްވައި ހައްދަވައެވެ. އެކަމަނާގެ އަރިހުން 2210 ޙަދީޘް ރިވާވެގެން އައިސްފައިވެއެވެ. ޞަޙާބީންގެ ތެރެއިން ތިންވަނައަށް އެންމެ ގިނަ ޙަދީޘް ރިވާ ކުރައްވައިފައިވަނީ އެކަމަނާއެވެ.

އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހުގެ ޢިލްމުވެރިކަމާއި، ދީނީ ގޮތުން ކުރިމަތިވާ އުނދަގޫ ފިޤުހީ މައްސަލަތައް އަވަސް ފުރުޞަތެއްގައި ހައްލު ކުރައްވައި ހައްދަވާތީ، ޞަހާބީންނާއި ތާބިޢީންވެސް އެކަމާ އަޖާއިބުވެ ސުވާލު ކުރައްވައި ހައްދަވައެވެ. އެކަމަނާއަށް ބޮޑުދައިތަ ވިދާޅުވާ ބޭކަލެއްކަމުގައިވާ ޢުރުވަތު ބިން ޒުބައިރު އެއްފަހަރަކު އެކަމަނާއަށް ދެންނެވިއެވެ. 

[ފިޤުހު ޢިލްމަށާއި، ނަސަބުގެ ޢިލްމަށް ކަމަނާގެ މޮޅުފުޅުކަމާއި، ކުޅަދާނަފުޅުކަމުގެ މައްޗަށް އަޅުގަނޑު އަޖާއިބެއް ނުވަމެވެ. އެހެނީ، ކަމަނާއަކީ، އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم  ގެ އަނބިކަނބަލުންނެވެ. ޤުރައިޝުންގެ އެންމެ މޮޅު ޢިލްމުވެރިޔާ އަބޫބަކުރުގެފާނުގެ ދަރިކަނބަލުންނެވެ. ނަމަވެސް އަޅުގަނޑު އަޖާއިބުވަނީ، ކަމަނާ ބޭސްވެރިކަމުގެ ޢިލްމުގައި ކުރިއަރައި ވަޑައިގެންފައިވާ މިންވަރުގެ ބޮޑުކަމުންނެވެ. ކަމަނާ ބޭސްވެރިކަން ދަސްފުޅު ކުރެއްވީ ކިހިނެތްތޯއެވެ؟] 

މިއަޑު އައްސަވައި، ޢާއިޝަތުގެފާނު ޢުރުވަތުގެ އަތްޕުޅުގައި ހިތްޕަވައި ވިދާޅުވިއެވެ. [އޭ ޢުރުވަތެވެ. ނަބިއްޔާ صلّى اللّـه عليه وسلّم  އަށް އާލާސްކަންފުޅެއް ޖެހިވަޑައިގަންނަވާ ކޮންމެ ފަހަރަކު، ޢަރަބީންނާއި، އަޖަމީންގެ މީހުން އެކަލޭގެފާނަށް ބޭސްކޮޅު ތައްޔާރުކޮށްދެއްވައި ހައްދަވައެވެ. އެތަނުން ބޭސްވެރިކަން ތިމަންކަމަނާ ދަސް ކުރީމެވެ.]

{މުސްނަދު އިމާމު އަޙްމަދު: ހަވަނަ ޖިލްދުގެ 67 ވަނަ ޞަފްޙާ} 

އިމާމު ޒުހުރީ ވިދާޅުވަނީ، ޢާއިޝަތުއް ޞިއްދީޤާ ރަޟިޔަﷲ ޢަންހާ ގެ ޢިލްމުވެރިކަމާއި، އެހެން ހުރިހާ އަންހެނުންގެ ޢިލްމުވެރިކަން އަޅައި ކިރައިފިނަމަ، އެކަމަނާގެ ޢިލްމުވެރިކަން އިތުރުވާނެ ކަމަށެވެ.

{އަލް ޙާކިމް، މުސްތަދުރަކު، ވޮލިޔުމް 4، ޞަފްޙާ 11} 

އިމާމު ޛަހަބީ ވިދާޅުވެފައިވެއެވެ. [ޢާއިޝަތުގެފާނަށްވުރެ، ޢިލްމުވެރިކަމަށް ބޮޑު އަންހެނަކު، ނަބިއްޔާ صلّى اللّـه عليه وسلّم  ގެ އުއްމަތުގެ ތެރޭގައިވެސް އަދި، އެހެން އުއްމަތެއްގެ މީސްތަކުންގެ ތެރޭގައިވެސް އުޅުނުކަން އަހަރެންނަށް އެނގިފައެއް ނެތެވެ.] {އައްޛަހަބީ، ސިޔަރުއް ޢާލަމް އައްނުބަލާޢު، ވޮލިޔުމް 2، ޞަފްޙާ 140 } 

އަބޫ މޫސަލް އަޝްޢަރީ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. [މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ ޞަޙާބީން، އެކަލޭގެފާނުގެ އެއްވެސް ޙަދީޘްކާމެދު އޮޅުމެއްއަރައި ދެބަސްވުމެއް އުފެދިއްޖެނަމަ އެ ކަމެއް ޢާއިޝަތުގެފާނަށް ހުށައަޅަމެވެ. އެފަދަ ކޮންމެ މައްސަލައެއް ޙައްލުކުރުމުގެ ޢިލްމު އެކަމަނާގެ ހުރެއެވެ.]

{جامع الترمذي، كتاب المناقب عن رسول الله صلى الله عليه وسلم، ޙަދީޘް 4257} 

އެއްފަހަރަކު ޢާއިޝަތުގެފާނުގެ ދަރިވަރެއްކަމުގައިވާ މަސްރޫޤަށް ސުވާލު ދެންނެވުނެވެ.  [ޢާއިޝަތުގެފާނަށް ފަރާއިޟުގެ ޢިލްމު އެނގިލައްވާތޯއެވެ.] ޖަވާބުގައި މަޝްރޫޤު ވިދާޅުވިއެވެ. [މާތް ގަންދީ ބުނަމެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ ޞަޙާބީންގެ ތެރެއިން ބޮޑެތިބޮޑެތި ބޭކަލުން ޢާއިޝަތުގެފާނުގެ އަރިހުން ފަރާއިޟުގެ ޢިލްމާއި ބެހޭގޮތުން ސުވާލު ކުރައްވަނިކޮށް އަހަރެން ދުށީމެވެ.]

{އައްޠަބަރާނީ، މުއުޖަމުލް ކަބީރު، ވޮލިޔުމް 23، ޞަފްޙާ 183}

މިއަދު އޮންލައިން