ދަރިންގެ ހިތްތަކުގަ ރަސޫލް ޞޢޥ, ގެ މައްޗަށް ލޯބިޖެއްސުވުމަށް މިފަދަ ވާހަކަތައް ގިނަގިނައިން ކިޔައިދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ދަރިންގެ ހިތްތަކުގަ ރަސޫލް ޞޢޥ, ގެ މައްޗަށް ލޯބިޖެއްސުވުމަށް މިފަދަ ވާހަކަތައް ގިނަގިނައިން ކިޔައިދޭށެވެ!

ކުޑަކުދިންނަށް އަޅާއި އޯގާތެރިވެ އެކުދިންގެ އިޙްޞާޞްތަކުގައި ބައިވެރިވުމަށް އިސްލާމް ދީން ނުހަނު ބޮޑަށް ބާރު އަޅައެވެ. ކުޑަކުދިންނަށް ސަމާލުކަން ދޭންޖެހޭ މިންވަރު އެނގިގެންދަނީ ރަސޫލް ގެ ސުންނަތުންނެވެ. 

އަހުރެމެން މިދައްކަނީ ކުޑަކުދިންނަށް ސަމާލުކަންދޭވާހަކައެވެ. ސުވާލަކީ ސަމާލުކަންދޭން ކުރެވެނީ ކޮންކަމެއް ހެއްޔެވެ؟ 

ކުޑަކުއްޖަކަށް ހިތްދަތިކަމެއް ލިބުނު ދުވަހަކު އެކަން އެނގިވަޑައިގަތުމުން އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު އެކުއްޖާގެ ހިތްހަމަޖައްސަވައި ދެއްވެވުމަށްޓަކައި އެކުއްޖާ އާއި ބައްދަލުކުރައްވަން އެގެއަށް ވަޑައިގެންނެވިކަން އެނގޭހެއްޔެވެ؟ 

މިދައްކަނީ މިއުންމަތުގެ ހުރިހާ ކަމަކާއި ޙަވާލުވެވަޑައިގެން ހުންނެވި އެންމެ އިސްވެރިޔާގެ ވާހަކައެވެ. މީސްތަކުންނަށް ދީން އުނގަންނަވައިދެއްވަވަމުން މީސްތަކުންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުކުރައްވަވަމުން އަދި ޝަރީޢަތް ކުރައްވަވަން ޖެހިވަޑައިގަންނަވާ ކަންކަމުގައި ޝަރީޢަތްވެސް ކުރައްވަވަމުން ވަޤުތު ހުސްކުރައްވަވައިގެން އެކުއްޖާގެ ގެއަށް ވަޑައިގެންނެވިކަމުގެ ވާހަކައެވެ. 

މިއީ ޙަދީޘްފުޅުން ޘާބިތުވާން އޮތް ކަމެކެވެ. ރަސޫލް ގެ ޚިދުމަތުގައި އުޅުއްވެވެވި ޢުމުރުން އެންމެ 10 އަހަރުފުޅުގެ ޒުވާން ޞަހާބީ އަނަސް ބިން މާލިކްގެ ކޮއްކޯފުޅު އަބޫ ޢުމައިރު އެވެ.

އަބޫ ޢުމަޢިރު ގެންގުޅުއްވެވި ކުޑަކުޑަ ދޫންޏެއް މަރުވުމުން އެކަމުގެ ހިތާމައިގައި އިންނެވި ދުވަހެވެ. އެކަން އެނގިބަޑައިގަތުމުން ރަސޫލް އެގެއަށް ވަޑައިގެން އަބޫ ޢުމައިރު ހޯއްދަވައި ދޫންޏަށްވީގޮތަކާއިބެހޭގޮތުން ސުވާލުކުރެއްވެވި ދުވަހެވެ. 

މިއަދު އަހުރެމެންނަށް މިއުޅެނީ ގާތްތިމާގެ މީހަކަށް ހިތާމައެއް ލިބުމުން އޭނާގެ ޙާލު ބަލައިނުލެވިގެންނެވެ. މީހަކު މަރުވުމުން އެމީހާގެ ޖަނާޒާގައި ބައިވެރިނުވެވިގެންނެވެ. 

އަދިވެސް އެއްކަންތައް ފާހަގަކޮށްލާނަމެވެ! ޖަމަލަކަށް ސަވާރުވެގެން ދަތުރުކުރާއިރު ޖަމަލު ހުއްޓުވައި ޖަމަލުތިރިކޮށް އެއިން ފައިބައި ހެދުމަކީ ދުއްވަމުންދާ ކާރެއް މަޑުކޮށްލާފައި ދޮރު ހުޅުވާފައި ފެއިބުންހައި ކުރަން ފަސޭހަކަމެއް ނޫނެވެ. އެއީ ވަރަށް ބުރަ މަސައްކަތުން، ވަރަށް އުނދަގުލުން ކުރެވޭ ކަމެކެވެ. 

އެކަމަކުވެސް ކުޑަކުދިން ކުޅެން އުޅޭތަން ފެނިވަޑައިގަތުމުން ރަސޫލް ދަތުރުކުރައްވަވާ ޖަމަލު މަޑުކުރުވައި، ޖަމަލު ތިރިކުރުވައި ކުޑަކުދިންނާއި ސަލާމް ކުރައްވަވައި ބައެއްފަހަރު އެކުދިންކުޅޭ ކުޅިވަރުތަކުގައި ބައިވެރިވެވަޑައިގެންވެސް އުޅުއްވަވައެވެ. 

މިފަދަ ކަންކަމުން އެނގިގެންދަނީ ކުޑަކުދިންނަށް ރަސޫލް ދެއްވެވި ސަމާލުކަމެވެ. އެކުދިން ދެކެ ލޯބިފުޅުވެވަޑައިގަންނަވާ މިންވަރެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިއަދު ކޮންމެވެސް ދުވަހެއް ފާހަގަކުރަން ކޮންމެވެސް ކަމެއް ކޮށްފާނެއެވެ. އެހެނަސް ކުޑަކުދިންގެ މައްޗަށް ޙަޤީޤީ ލޯބި އޮވެގެން މިފަދަ އެއްވެސް ކަމެއް ކުރަނީ ކޮންވެރިއެއް ހެއްޔެވެ؟ ކާކުހެއްޔެވެ؟ 

ވީމާ އެނގިގެން މިދަނީ އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު އަކީ ކުޑަކުދިންނަށްވެސް އެންމެ އޯގާތެރި، އެންމެ ބޮޑަށް ލޯބިދެއްވެވި، އެންމެ ބޮޑަށް އަޅައިލުންދެއްވެވި ޞާޙިބާ ކަމެވެ. ވީމާ މިފަދަ ވާހަކަތައް ދަރިންނަށް ކިޔައިދޭށެވެ. އެކުދިންގެ ހިތުގައި އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ގެމައްޗަށް ލޯބި އިތުރުވެގެންދާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން