ޢައިނު އަޅައިގެން ނަމާދު ކުރިނަމަވެސް އެއީ މައްސަލަ އެއް ނޫނެވެ. ނަމަވެސް، ސަޖިދާގައި އޮންނަ އިރު ނިތްކުރި އާއި ނޭފަތް ބިންމަތީ ޖެހޭތޯ ޔަގީން ކުރަން ވާނެއެވެ. ސަބަބަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަޖިދާގައި އޮންނަވާ އިރު ނިތްކުރި އާއި ނޭފަތް ބިންމަތީ ގައި ޖައްސަވާފައި އޮންނަ ކަމަށް ވާރިދުވެފައިވާތީވެއެވެ.واللهأعلم
ނަމާދުގެ ރަޚްޢަތުގަ ޤުރްއާންކިޔަވަން ޖެހޭނެ މިންވަރު:
އެކަނި ނަމާދު ކުރުމުގައި ކިޔަވަމުންދާ ސޫރަތް ވަކިހިސާބަކުން ހަނދާން ނެތިއްޖެނަމަ ދެން ކަންތައް ކުރަން ޖެހޭނީ ކޮން ގޮތަކަށްތޯއެވެ؟ އަދި ސޫރަތުލް ފާތިހާ ކިޔެވުމަށްފަހު ދެން ކިޔަވަންފަށާ ސޫރަތް ވަކިވަރަކަށް ކިއެވުމަށްފަހު ހަމަ އެރަކްއަތުގައި އެހެން ސޫރަތެއް ފަށައިގެން ކިޔެވިދާނެތޯއެވެ.؟ އަދި ސޫރަތުލް ފާތިހާ ކިޔެވުމަށްފަހު ރަކްއަތެއް ފުރިހަމަކުރުމަށްޓަކައި ކިޔަވަންޖެހޭ އެންމެ ކުޑަމިންވަރަކީ ކޮބައިތޯއެވެ.؟
ނަމާދުގެ ފުރަތަމަ ދެރަކްޢަތުގައި ސޫރަތުލް ފާތިޙާ އަށް ފަހު ގުރްއާނުން މިންވަރެއް ކިޔެވުމަކީ ސުންނަތެކެވެ. އެގޮތުން ވަކި މިންވަރެއް ކަނޑައެޅިފައެއް ނެތެވެ. އެމީހަކަށް ފަސޭހަ މިންވަރެއް ކިޔެވުމުން ފުދޭނެއެވެ. ވީމާ، ކިޔަވަމުން ދިޔަ އާޔަތް ހަނދާން ނެތުމުގެ ސަބަބުން އެހެން ސޫރަތެއް ފެށުން ލާޒިމެއް ނޫނެވެ. ނަމަވެސް އެމީހަކު ބޭނުންނަމަ، އެހެން ސޫރަތެއް ކިޔެވުމަކުންވެސް މައްސަލަ އެއް ނެތެވެ. واللهأعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް