ޢާއިޝަތުގެފާނުގެ ސީރަތު: ޢާއިޝަތުގެފާނުގެ އަރިހުން ޢިލްމު އުނގެނިވަޑައިގެންނެވި ބައެއް ޞަޙާބީން އަދި ޤުރްއާނުގެ ޢިލްމުގައި ޢާއިޝަތުގެފާނު

ކިޔުމަށް ހޭދަވާނީ 3މ 55ސ
ޢާއިޝަތުގެފާނުގެ ސީރަތު: ޢާއިޝަތުގެފާނުގެ އަރިހުން ޢިލްމު އުނގެނިވަޑައިގެންނެވި ބައެއް ޞަޙާބީން އަދި ޤުރްއާނުގެ ޢިލްމުގައި ޢާއިޝަތުގެފާނު

ޢަލީ އިޙްޞާން ފިރާޤް

 

ޢާއިޝަތުގެފާނުގެ އަރިހުން ޙަދީޘް ޢިލްމު ރިވާކުރެއްވި ބޭކަލުންގެ ތެރޭގައި ޞަޙާބީންގެ ތެރެއިން ދަރަޖަ މަތިވެރި، މަޝްހޫރު ބޭކަލުން ހިމެނިވަޑައިގަންނަވައެވެ. އޭގެ ތެރޭގައި، އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު އާއި އެކަލޭގެފާނުގެ ދަރިކަލުން ޢަބްދުﷲ އާއި އަބޫހުރައިރަތުގެފާނާއި، އަބޫމޫޝަލް އަޝްޢަރީ އާއި ޢަބްދުﷲ ބުނު ޢައްބާސް އާއި ޢަބްދުﷲ ބުނު ޒުބައިރު ހިމެނިވަޑައިގަންނަވައެވެ. 

އެކަމަނާގެ އަރިހުން ޢިލްމު އުނގެނިވަޑައިގެންނެވި ތާބިޢީންގެ ތެރޭގައި ޢުރުވަތު ބުނު ޒުބައިރު އާއި ޤާސިމު ބުނު މުޙައްމަދު އާއި އަލްޤަމާ ބުނު ޤައިސު އާއި އިކުރިމާ އާއި މުޖާހިދު އާއި ޝުޢަބީ އާއި މަސްރޫޤު އާއި ސަޢީދު ބުނު މުސައްޔަބު ފަދަ ބޭކަލުން ހިމެނިވަޑައިގަންނަވައެވެ. އަންހެންބޭފުޅުންގެ ތެރޭގައި ޢަމްރަތު ބިންތު ޢަބްދުއްރަޙްމާނު އާއި ޢާއިޝަތު ބިންތު ޠަލްޙަތު އާއި ޙަފްޞާ ބިންތު ޢަބްދުއްރަޙްމާނުފަދަ ބޭކަނބަލުން ހިމެނިވަޑައިގަންނަވައެވެ.

ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީޘްތަކުގެ ތެރެއިން ބުޚާރީ އާއި މުސްލިމު އިއްތިފާޤުވެވަޑައިގަންނަވާ ޙަދީޘުތަކުގެ އަދަދަކީ 174 އެކެވެ. މީގެ އިތުރަށް ބުޚާރީ އެކަހެރިކޮށް 54 ޙަދީޘް، މުސްލިމުގައި 69 ޙަދީޘްވެއެވެ.  

ޢާއިޝަތު ބިންތު ޠަލްޙަތުއަކީ ޢާއިޝަތުގެފާނުގެ ބެލެހެއްޓުންތެރިކަމާއި ރައްކާތެރިކަމުގެ ދަށުގައި ހުރެ ބޮޑުވިކުއްޖެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ. ޢާއިޝަތުގެފާނުގެ ބެލެހެއްޓުމުގެ ދަށުގައި އަހަރެން ހުރިއިރު ދުނިޔޭގެ އެކިކަންކޮޅުތަކުން މީސްތަކުން ޢިލްމު ހޯދުމަށް އެކަމަނާގެ އަރިހަށް އައިސް އުޅެއެވެ. ޢާއިޝަތުގެފާނާ އަހަރެންނާ އޮންނަ ގާތްކަމަށްޓަކައި ބޮޑެތި ޝައިޚުންވެސް (އެއްޗެހި އޮޅުން ފިލުވުމަށް) އަހަރެންގެ ގާތަށް އާދެއެވެ. ޒުވާން ފިރިހެނުންވެސް އަހަރެންނަކީ އެބައިމީހުންގެ އުޚްތެއްކަމަށް ދެކި ސިޓީއާއި ހަދިޔާ ފޮނުވައެވެ. އަހަރެން ޢާއިޝަތުގެފާނަށް ދެންނެވީމެވެ.

[އޭ ބޮޑުދައިތާފުޅާއެވެ. މި އޮތީ އެވެނި މިވެނި މީހަކު ފޮނުވި ސިޓީއެކެވެ. އަދި މިހުރީ އޭނާ ފޮނުވި ހަދިޔާއެވެ.]

ޢާއިޝަތުގެފާނު ވިދާޅުވިއެވެ. [އޭ ދަރިފުޅާއެވެ. ދަރިފުޅު އޭނާގެ ސިޓީއަށް ޖަވާބުދޭށެވެ. އަދި ބަދަލުގައި ހަދިޔާއެއްވެސް ފޮނުވާށެވެ. ދޭނެ އެއްޗެއް ނެތްނަމަ އަހަރެން ގާތު ބުނާށެވެ. އަހަރެން ކޮންމެވެސް އެއްޗެއް ދޭނަމެވެ.]

{ الأدب المفرد، كتاب الرَّسَائِلِ، بَابُ الْكِتَابَةِ إِلَى النِّسَاءِ وَجَوَابِهِنَّ، ޙަދީޘް 1118}

ޤުރްއާނުގެ ޢިލްމުގެ ފަންނުގައި: 

މިހާރު އަޅުގަނޑުމެންނަށް ފެންނަން މި އޮތްގޮތަށް އެއްފޮތަކަށް ޤުރްއާން އެންމެ ފުރަތަމަ ޖަމާކުރެއްވީ ޢާއިޝަތުގެފާނުގެ ބަފައިކަލުން އަބޫބަކުރުގެފާނުގެ ޚިލާފަތުގައެވެ. ޞަޙާބީންގެ ތެރެއިން ބައެއް ބޭކައުކަނބަލުން ޤުރްއާން ލިޔުއްވައިގެން ގެންގުޅުއްވިއެވެ. އޭގެ ތެރޭގައި އަބޫބަކުރުގެފާނާއި، ޢާއިޝަތުގެފާނު ހިމެނިވަޑައިގަންނަވައެވެ. ޢާއިޝަތުގެފާނު ޤުރްއާން ލިޔުއްވީ އެކަމަނާގެ އަޅެއްކަމުގައިވާ އަބޫޔޫނުސާ ޙަވާލުކުރައްވައިގެންނެވެ. 

ޢާއިޝަތުގެފާނަކީ ޤުރްއާނުގެ ޢިލްމުގެ ތެރެއަށް ވަރަށް ބޮޑަށް ވެދެވަޑައިގެން އިންނެވި ބޭކަނބަލެކެވެ. ޤުރްއާން ކިޔަވާ ވިދާޅުވާނެ ރަނގަޅުގޮތް އެކަމަނާއަށް އެނގިވަޑައިގަންނަވައެވެ. ޤުރްއާނުގެ އާޔަތްތަކުގެ ތަފްސީރާއި، އޭގެ އެތެރެފުށުގެ މާނައާ ހަމައަށް އެކަމަނާގެ ވިސްނުންފުޅު ހިންގަވައެވެ. މައްސަލަތަކުގެ ޙައްލު ހޯއްދެއްވުމަށްޓަކައި އެކަމަނާ އެންމެ ފުރަތަމަ ރުޖޫޢަވާ މަސްދަރަކީ ކީރިތި ޤުރްއާނެވެ. އެއަށްފަހު ރަސޫލާ صلّى اللّـه عليه وسلّم ގެ ސުންނަތެވެ. 

ރަސޫލާ صلّى اللّـه عليه وسلّم ގެ އަޚްލާޤާ ބެހޭ ގޮތުން އެއްފަހަރަކު ޢާއިޝަތުގެފާނާ ސުވާލު ދެންނެވުނެވެ. އެކަމަނާ ވިދާޅުވިއެވެ. [ކަލޭ ޤުރްއާން ކިޔަވާ ނޫޅެމުހެއްޔެވެ؟ އެކަލޭގެފާނުގެ ޚުލުޤުފުޅަކީ ކީރިތި ޤުރްއާނެވެ.] މާތް ރަސޫލާ ރަސޫލާ صلّى اللّـه عليه وسلّم ގެ ގެ ރޭއަޅުކަން ކުރެއްވުމާ ބެހޭ ގޮތުން ސުވާލު ދެންނެވުމުން އެކަމަނާ ވިދާޅުވިއެވެ. [ކަލޭ މުއްޒަންމިލް ސޫރަތް ނުކިޔަވަން ހެއްޔެވެ؟] 

ޤުރްއާން ތަފްސީރު ކުރެއްވުމުގައިވެސް ޢާއިޝަތުގެފާނުވަނީ ކުރިއަށް ތިއްބެވި ޞަޙާބީންނާ އެއްސަފަކުން ޖާގަ ހޯއްދަވައިފައެވެ. އެކަމަނާ ތަފްސީރު ކޮށްދެއްވައިފައިވާ އާޔަތްތައް ވަރަށް ގިނައެވެ. އެކަމަނާގެ ތަފްސީރުތައް އެއްފޮތަކަށް ޖަމާކޮށްފިނަމަ ބޯފޮތެއް ތައްޔާރުކުރެވިދާނެއެވެ.

މިއަދު އޮންލައިން