ފިލްމް ނުވަތަ ޑްރާމާގައި އަނބިމީހާއި ދިމާލަށް ވަރިކޮށްފީމޭ، ނުވަތަ ފިލްމްގެ ޑައިލޮގްގެ ގޮތުން އަންތބެއް ނުހުރެއޭ، ނުވަތަ މީހަކާ ކައިވެނި ނުކުރަމޭ ބުނެވޭތަން ވަރަށް ގިނައިން އާދެއެވެ. މިއީ ކޮން ކަހަލަ ކަމެއް ތޯއެވެ؟
ވަރިއަކީ ސަމާސާ ކުރެވޭ އެއްޗެއް ނޫނެވެ. ސަމާސަ އަކަށްވެސް ތިމަންނާގެ އަންހެނުން ވަރިކޮށްފީމޭ، ނުވަތަ އަންބަކު ނުހުރެޔޭ ބުނެފިނަމަ ވަރިވާނެއެވެ. ވީމާ، ޑްރާމާ ތަމްޘީލު ތަކުގައިވެސް މިފަދަ ޢީބާރާތެއް ބޭނުންކޮށްފިނަމަ ވަރިވާނެއެވެ. واللهأعلم
ފިރިމީހާ ބުނެފިނަމަ މޫނުބުރުގާ ނަގަންޖެހޭނެތޯ؟
މޫނުބުރުގާ ނަގައިގެން އުޅެން ފިރިމީހާއެދޭނަމަ މޫނުބުރުގާ ނަގަންޖެހޭނެތޯ؟ އަދި ނުނަގައިފިނަމަ ފިރިމީހާއަށް ނުކިޔަމަންތެރިވުމުގެ ތެރޭގައި އެކަންހިމެނޭނެތޯ؟
މޫނު ނިވާ ކުރުމާ މެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފް އުފެދިފައިވެއެވެ. ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާ ގޮތުގައި މޫނު ނިވާ ކުރުމަކީ ލާޒިމް ކަމެއް ނޫނެވެ. ނަމަވެސް، ފިތުނަ ވެރިކަމެއް އޮވެއްޖެ ޙާލަތެއްގައި މޫނު ނިވާކުރުން ލާޒިމްވެދެއެވެ. ވީމާ، މިފަދަ އިޚްތިލާފީ މައްސަލަ ތަކުގައި ފިރިމީހާގެ ބަސް ގަބޫލުކޮށް މޫނު ބުރުގާ ނެގުމަކީ މައްސަލަ އެއް ނޫނެވެ. واللهأعلم
-ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް