ވިހި އަހަރުގެ އެކުވެރިއަކު ޒިނޭކުރަނިކޮށް މަރުވުމުން އޭނާ ސުވަރުގެ ވައްދަވާނެތޯ ސުވާލުކުރި ޒުވާނުންނަށް ޝައިޚް ދެއްވި ޖަވާބު! ހުރިހާ ޒުވާނުންނަށް ވަރަށް އަގުހުރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
ވިހި އަހަރުގެ އެކުވެރިއަކު ޒިނޭކުރަނިކޮށް މަރުވުމުން އޭނާ ސުވަރުގެ ވައްދަވާނެތޯ ސުވާލުކުރި ޒުވާނުންނަށް ޝައިޚް ދެއްވި ޖަވާބު! ހުރިހާ ޒުވާނުންނަށް ވަރަށް އަގުހުރި ފިލާވަޅެއް!

އެއްދުވަހަކު ޢުމުރުން ވިއްސަކަށް އަހަރުގެ ޒުވާނުންތަކެއް ހާސްވެ ކަންބޮޑުވެފައި ތިބެގެން އައިސް ބައްދަލުކޮށް ސުވާލެއް ކުރިއެވެ. "އަހަރެމެންގެ އެކުވެރިއަކު ރޭގައި މަރުވެއްޖެއެވެ. މަރުވީ ޒިނޭކުރަނިކޮށެވެ. އޭނާ ސުވަރުގެ ވައްދަވާނެ ހެއްޔެވެ؟" 

އަހުރެންނަކީ އިން ޝާ ﷲ ސުވާލެއްކުރުމުން ޖަވާބުދޭން އުނދަގޫވާ މީހެއް ނޫނެވެ. ނަމަވެސް އެވަޤުތު އުނދަގޫވިއެވެ. އެއީ ސުވާލު މިކުރަނީ ޢުމުރުން ނުހަނު ހަގު ޒުވާނުންތަކެކެވެ. އެމީހުން އައީ ކަމަކާއި ވަރަށް ބޮޑަށް ކަންބޮޑުވެގެންނެވެ. އަދި އެކުރާ ސުވާލަކީ އެއްވެސް މީހަކަށް ޖަވާބުދެވޭނެ ސުވާލެއް ނޫނެވެ. 

އެޒުވާނުން ގޮނޑިތަކުގައި ބައިތިއްބައި ފެނާއި ޖޫސްދީ ހަމަޖައްސައިލީމެވެ. އެއަށްފަހު ވާހަކަދައްކަން ފެށީމެވެ. 

"އެކުވެރި ޒުވާނުންނޭވެ! ތިއަކުދިންގެ އެކުވެރިޔާ މަރުވި ގޮތާއިމެދު ހިތުގައި ކަންބޮޑުވުން އުފެދުނުކަން އެއީ ވަރަށް ރަނގަޅު ކަމެކެވެ. އެހެންނަމަވެސް ތިއަކުރާ ސުވާލަކީ އެއްވެސް ޝައިޚަކަށް ނުވަތަ އެނޫން މީހަކަށްވެސް ޖަވާބު ދެވޭނެ ސުވާލެއް ނޫނެވެ. އެހެނީ ސުވަރުގެ ވައްދަވާނެ މީހުންނާއި ނުވައްދަވާނެ މީހުން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. 

ކަލޭމެން ކަންބޮޑުވެގެން ތިއަތިބިވަރު އެނގެއެވެ. ހިތްހަމަޖައްސައިދޭންވެސް ބޭނުމެވެ. ނަމަވެސް ފުރަތަމަ ރަނގަޅަށް އަޑުއަހާށެވެ. ހަމަ ޤައިމުވެސް އެކުވެރިޔާ ނިމިގެން ދުނިޔެ ދޫކޮށްފައި އެދިއައީ ރަނގަޅު ގޮތުގައެއް ނޫނެވެ. ވީމާ އެއީ ރަނގަޅު ނިމުމެއް ނޫނެވެ. ނިމިގެން އެދިއައީ ވަރަށް ނުބައި ގޮތަކަށެވެ. ކޮންމެ މީހަކާއިމެދުގައިވެސް އޮތީ އެމީހާ އެންމެ ފަހުން ކުރި ޢަމަލު ނުވަތަ އުޅެމުން އައި ގޮތްކަމަށް އޮންނައިރު އެކުވެރިޔާ އާއިމެދު އަހުރެންނަށް އިތުރަށް ބުނެވޭނީ ކީކޭހެއްޔެވެ؟ 

ތިއަ ޒުވާނުންނަށް އޮތީ ވަރަށް އުފާވެރި ޚަބަރެކެވެ! ފުރަތަމަ ކަމަކަށް 20، 30 އަހަރަކީ ކުޑަކުދިންގެ ޢުމުރު ކަމަށް ނުބަލާށެވެ! އެހެނީ އެ ޢުމުރުގައިވެސް ޒިންމާ އުފުލަންޖެހޭނެއެވެ. ބާލިޣްވެ ދީނުގެ ކަންކަން ފަރުޟުވުމުން ފަރުޟުތައް އަދާކުރަންޖެހޭނެއެވެ. ފަރުޟުތައް ވާޖިބުވާނެއެވެ! ހަމައެފަދައިން ﷲ ތަޢާލާ ޙަރާމްކުރެއްވެވި ކަންކަން ކުރުމުން ލިބެންޖެހޭ ޖަޒާވެސް ދެއްވަވާނެތެވެ! 

އުފާވެރި ޚަބަރަކީ ތިއަކުދިންނަށް ލިބިގެންތިއަދިއައީ ވަރަށް އަގުހުރި ފިލާވަޅެކެވެ. މަރުވީ ހަމަ ތިއަކުދިންގެ ޢުމުރުގެ ކުއްޖެކެވެ. ތިއަކުދިންގެ އެކުވެރިއެކެވެ. މަރުވީ ރަނގަޅު މަރަކުންނޫނެވެ. ނުބައިވެގެންވާ މަރަކުންނެވެ. ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ ނުބައިކަން ބޮޑު ފާފައެއް ކުރަނިކޮށެވެ! ތިއަކުދިންގެ ތެރެއިން ދެން މަރުވާނީ ކޮން ކުއްޖަކުކަމެއް އަދި ކޮން ވަޤުތަކު ކަމެއް ނުއެނގޭނެއެވެ. 

ވީމާ މިބުނާ އުފާވެރި ޚަބަރަކީ މިކަންކަމަށް ހޭލުންތެރިވާން ތިއަކުދިންނަށް ފުރުޞަތު ލިބުނު ކަމެވެ. ފާފަކުރުމުން ދުރުހެލިވާންޖެހޭނެ ކަމާއި ކޮންމެ ވަޤުތަކު ހަމަ ތިމާވެސް މަރުވެދާނެކަން ޤަބޫލުކުރަން ފުރުޞަތުލިބުނުކަމެވެ. ނުބައި މަރަކުން މަރުވެއްޖެނަމަ ކުރިމަތިލާންޖެހޭނެ ކަންކަމަށް ވިސްނަން ފުރުޞަތު ލިބުނު ކަމެވެ. 

ފާފައަކަށްވާނެ އެއްވެސް ކަމެއް ނުކުރުމަށާއި ފަރުޟުތައް އަދާކޮށް ވީހާގިނައިން ހެޔޮ ޢަމަލުތައްކުރަން މިވަޤުތުން ފެށިގެން ޢަޒުމްކަނޑައަޅާށެވެ! އަދި އެގޮތުގައި ޘާބިތުކަން ދެއްވެވުން އެދި ދުޢާކުރަމުން ގެންދާށެވެ. ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި ނޫނީ ފުރާނަ ނުހިއްޕެވުން އެދި ދުޢާކޮށް އެކަމަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއްވެސްކުރާށެވެ! 

ދެން އޮތީ އެކުވެރިޔާގެ މައްސަލައެވެ! އެކުވެރިޔާއަށްޓަކައި ހެޔޮދުޢާކޮށް އާޚިރަތް ދުވަހު އޭނާއަށް ފައިދާކުރާނެ ކަންކަން ކުރާށެވެ! ދުޢާއަކީ ﷲ ތަޢާލާ އޭނާގެ ފާފަ ފުއްސަވައި ދެއްވެވުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން