އެނދެއްގަ ބަލިވެ އޮންނަން ޖެހުމަކީ މީހަކަށް ލިބޭނެ އެންމެ ބޮޑު އެއް ނަޞީބު!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
އެނދެއްގަ ބަލިވެ އޮންނަން ޖެހުމަކީ މީހަކަށް ލިބޭނެ އެންމެ ބޮޑު އެއް ނަޞީބު!: މުފްތީ މެންކް

ޖެހޭ ބައްޔެއްގެ ސަބަބުން އެނދުގައި އޮށޯވެ އޮންނަންޖެހިއްޖެނަމަ އަހުރެމެންނަށް އެކަން މިނަގައިގަނެވެނީ ލިބުނު ވަރަށް ބޮޑު ދެރައެއްގެ ގޮތުގައެވެ. އެފަދަ ޙާލަތެއް ކުރިމަތިވުމަކީ ލިބޭނެ އެންމެ ބޮޑު އެއް ނަޞީބުކަމަށް ބުނެފިނަމަ ގިނަ ބައަކު ރުޅިވެސް އަންނާނެއެވެ. ރުޅި އައިނަމަވެސް ބުނެވެން އޮތީ ހަމަ އެހެންނެވެ.  

ވިސްނައިލާށެވެ! ގިނަބައަކު މިހާރު ބިޒީވީވަރުން ﷲ ތަޢާލާއަށް ޛިކުރުކޮށްލާނެ ވަޤުތެއް ނުވެއެވެ. ނަމާދުކޮށްލާނެ ވަޤުތެއް ނުވެއެވެ. އަދި ކީއްހެއްޔެވެ؟ ތައުބާވެ އަސްތަޣްފާރުކޮށްލާނެ ވަޤުތުކޮޅެއްވެސް ނުވެއެވެ. މިފަދަ ގޮތަކަށް އުލެމުން ދަނިކޮށް ބަލިވެ ނަމަވެސްއެނދެއްގައި އޮށޯވެ އޮންނަން ފުރުޞަތު ލިބިއްޖެނަމަ މިބުނި ހުރިހާ ކަންކަން އެމީހަކު ބޭނުންހައިވަރަކަށް ކުރަން ފުރުޞަތު ލިބިގެންއެބަދެއެވެ.

އަދިވެސް ވިސްނައިލާށެވެ! ކުރިން މިބުނި ފަދައިން ބިޒީކަންބޮޑުވެ، ދުވާލެއްގެ 24 ގަޑިއިރުވެސް މަދުވެގެން އުޅޭމީހާ އެޙާލުގައި އުޅެނިކޮށް އެކްސިޑެންޓެއްވުން ފަދަ ކަމެއް މެދުވެރިވެފައި ކުއްލިއަކަށް އެބަ މަރުވެއެވެ. އެމީހާއަށް އެންމެ ކުޑަމިނުން ތައުބާވެލަންވެސް ފުރުޞަތެއް ނުލިބެއެވެ. މި ދެޙާލަތަށް ވިސްނާފައި ނިކަން ބުނެބަލާށެވެ! ފައިދާބޮޑުވާނީ ކޮން ގޮތެއް ހެއްޔެވެ؟ ދެގޮތުންކުރެ ތިބާ އިޚްތިޔާރުކުރާނީ ކޮން ގޮތެއް ހެއްޔެވެ؟  

އެއްބައަކު ބުނެފާނެއެވެ! އަހުރެން މިގެންދަނީ ވަރަށް ގިނައިން ސުންނަތް އަޅުކަންކުރަމުންނެވެ. އެހެންކަމަށްވާއިރު ބަލިވެ އެނދެއްގައި އޮންނަން ޖެހިއްޖެނަމަ އަޅުކަންކުރެވުން މާމަދުވާނެ ނޫންހެއްޔެވެ؟ އެފަދަ މީހުންނަށް ބުނެލަން އޮތީ އެޙާލަތުގައިވެސް ކަންބޮޑުވުމެއް ނެތެވެ. އޮތީ އުފާކުރުމެވެ. އެހެނީ ތިބާއައީ ސުންނަތް އަޅުކަންކުރަމުންނަމަ ތިބާ ބަލިޙާލެއްގައި ޖެހި އޮށޯވެއޮންނަން ޖެހުމުގެ ސަބަބުން ނުވަތަ އެނޫންވެސް ޙާލަތެއް ދިމާވެގެން އެކަންކަން ނުކުރެވިއްޖެނަމަ ތިބާ ކުރިން ކުރިން ޢަމަލުތައް ކުރަމުން އައި ގޮތުގެ މައްޗަށް ތިބާއަށް ޘަވާބު ދެއްވަވާނެތެވެ. ގަދަވެ ސަލާމަތުން ހުންނައިރު ވީހާ ގިނައިން ސުންނަތް އަޅުކަންކުރަންވީ އެންމެ ބޮޑު ސަބަބަކީވެސް އެއީއެވެ. އެ ބޮޑު ފައިދާ ލިބިގަތުމެވެ.

ވީމާ ޖުމުލަކޮށްލާފައި ބުނާނަމަ ކޮންމެ މީހަކުވެސް އެދޭނީ ބަލިވެ އެނދެއްގައި އޮންނަން ނުޖެހުމަށެވެ. އެނދެއްގައި އޮންނާކަށް ހަމައެކަކުވެސް ބޭނުމެއް ނުވާނެއެވެ. ނަމަވެސް އެފަދަ ޙާލެއް ޖެހިއްޖެނަމަ އޮތީ ކަންބޮޑުވުމެއް ނޫނެވެ. މާޔޫސްވުމެއްވެސް ނޫނެވެ. އުފާކުރުމެވެ. އެކަމުގެ ސަބަބުތައް މިބަޔާންކުރީއެވެ.  

ހަމައެއާއިއެކު ވިސްނާލަން ޖެހޭނެ ކަމަކީ އެއްވެސް ކަމެއް ދެރަގޮތަކަށް މިންވަރު ނުކުރައްވަވާނެކަމެވެ. ކަންބޮޑުވެ މާޔޫސްވެވެނީ އެކަން ޤަބޫލުނުކުރެވޭތީއެވެ. ވީމާ ފަހު ބަހެއްގެ ގޮތުގައިވެސް އިލްތިމާސްކުރާނީ ބަލިވެގެން އެނދެއްގައި އޮންނަން ޖެހިއްޖެނަމަ އެލިބުނު ފުރުޞަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށެވެ. ސުވަރުގެ ލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރުމަށެވެ.  

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން