ޙަދީޘްފުޅަށް ޢަމަލުނުކޮށް ޤަޞްދުގަ ލަހުން ނިދާ މީހުން ފަތިސްނަމާދަށް ނުހޭލެވުނީމާ ﷲ ގެ ޙަޟްރަތުގަ ދެއްކޭނީ ކޮން ބަހަނާއެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ޙަދީޘްފުޅަށް ޢަމަލުނުކޮށް ޤަޞްދުގަ ލަހުން ނިދާ މީހުން ފަތިސްނަމާދަށް ނުހޭލެވުނީމާ ﷲ ގެ ޙަޟްރަތުގަ ދެއްކޭނީ ކޮން ބަހަނާއެއް؟

ރޭގަނޑު ލަހުން ނިދުމަކީ އެމީހަކު އަމިއްލައަށް ޤަޞްދުގައިކުރާކަމެކެވެ. ނުނިދައި ވަގުތުތައް ބޭކާރުކުރަނީ އަމިއްލައަށެވެ. ފަތިސްނަމާދަށް ހޭލަންޖެހޭނެކަމާއި ހޭލެވޭނީ އަވަހަށް ނިދުމުންކަން އެނގޭއިރުވެސް ޓީވީ ބެލުމަށާއި ކުޅިވަރުކުޅެން، ފޯނާއިކުޅެން ވަގުތު ހޭދަކުރަނީ އަމިއްލައަށެވެ.

މިފަދަ މީހުންނަށް ފަތިސްނަމާދަށް ނުހޭލެވުނު ސަބަބު ބަޔާންކޮށް ޤިޔާމަތްދުވަހު ﷲ ތަޢާލާއަށް ދެއްކޭނީ ކޮން ޢުޒުރެއް ނުވަތަ ބަހަނާއެއް ހެއްޔެވެ؟ އެއްވެސް އުޒުރެއް، ބަހަނާއެއް ނުދެއްކޭނެއެވެ. ޤަޞްދުގައި ފަތިސްނަމާދު އެޅިކަމުގެ ފާފަ އުފުލަންޖެހުން ނޫން އެއްވެސް ގޮތެއް ނުއޮންނާނެއެވެ.

ހެއްވާކަމަކީ މިފަދަ މީހުން އެބަބުނެއެވެ. "އިސްލާމް ދީނުގެ ޢަދާވާތްތެރިން ބަލިކުރާނަމެވެ. އިސްލާމް ދީނަށްޓަކައި ފިދާވާނަމެވެ."

ބަލަ ކުރަން ތިއަބުނާ ހުރިހާ ކަންކަމަށްވުރެ ފަތިސްނަމާދަށް ތެދުވެ ފަތިސްނަމާދުކުރުން މާމުހިންމެވެ. ފުރަތަމަކަމަށް ކުރަންވީ ފަތިސްނަމާދުނޫންހެއްޔެވެ؟ މިހެން މިބުނަނީ ދުވަސް ފަށަން އޮތީ ފަތިސްނަމާދުން ކަމުގައިވާތީއެވެ.

އިސްލާމް ދީނުގެ ކަންކަން އުނގެނެން ޝައުޤުވެރިވާ ޒުވާނުން ވަރަށް ގިނައެވެ. ދަނީވެސް ގިނަވަމުންނެވެ. ނަމަވެސް ފަތިސްނަމާދުކުރާ ޒުވާނުން މިދަނީ މަދުވަމުންނެވެ. ނަމާދުނުކުރާނަމަ ދީނުގެ ކަންކަން ދަސްކުރުމުން ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟ އެންމެ ފުރަތަމަ ކަމަކީ ނަމާދުކުރުން ނޫންހެއްޔެވެ؟ ފަތިސްނަމާދުން ދުވަސްފެށުން ނޫންހެއްޔެވެ؟

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދީން އުނގެނުމަކީ ކިތަންމެ މަތިވެރި އަޅުކަމެއް ނަމަވެސް ދީން އުނގެނުމަކުން އެކަނި ސުވަރުގެއެއް ނުދެވެއެވެ. ސުވަރުގެ ވައްދަވަނީ ދީނަށް ޢަމަލުކުރުމުންނެވެ!

4 އިމާމުންގެ ދުވަސްވަރުގައި އެބޭކަލުންގެ ދަރިވަރުން ދަމުނަމާދުނުކުރާނަމަ އެއީ ސުވާލުކުރައްވަވާ ކަމެވެ. ކަންބޮޑުވެވަޑައިގަންނަވާ ކަމެކެވެ. މިއަދު މިދައްކަނީ ފަރުޟު 5 ނަމާދުނުކުރާކަމުގެ ވާހަކައެވެ. އެކަމާއި ކަންބޮޑުވާބައަކު ނެތުމަކީ ފަރުޟްކަމުން ބައެއް އުނިވާނެ ސަބަބެއް ނޫނެވެ! މިއަދުވެސް ފަރުޟުތައް އޮންނާނީ ހަމައެންމެކުރިންވެސް އޮތްފަދައިން ފަރުޟުގެ ގޮތުގައެވެ. މާދަމާވެސްމެއެވެ!

ވީމާ ފުރަތަމަކަމަކަށް ފަރުޟު ނަމާދަށް ރައްކައުތެރިވާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން