ޢަލީ އިޙްޞާން ފިރާޤް
ވާހަކަދެއްކުންތެރިކަން:
އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާއަކީ، ވަރަށް ފަޞާހާތްތެރި ބަލާޣާތްތެރި އަދީބާއެކެވެ. ޢަރަބިބަހުގެ އަދިބިއްޔާތާއި، ޅެންވެރިކަމުގެ ތެރެއަށް ވަރަށް ފުނަށް ފީނާވަޑައިގެން އިންނެވި ޝާޢިރާއެކެވެ. އެކަމަނާ ވާހަކަފުޅެއް ދައްކަވަނީނަމަ، އެދައްކަވާ ވާހަކަފުޅުގެ ފޮނިކަމާއި، ފަށުވިކަމުގެ ސަބަބުން އަޑު އަހަންތިބޭ މީހުންގެ ޝައުގުވެރިކަން މުޅިން އެކަމަނާގެ ވާހަކަފުޅަށް ހުސްވެގެންދެއެވެ.
އަމީރު މުޢާވިޔާ ރަޟިޔަﷲ ޢަންހު، ޢާއިޝަތުގެފާނުގެ ފަޞާހާތެރިކަމާއި، ބަލާޣާތްތެރިކަމަށް ތާރީފު ކުރައްވައި، ވިދާޅުވެފައިވެއެވެ. [އަހަރެން، އުއްމުލް މުއުމިނީން ޢާއިޝާ އަށްވުރެ، ފަޞާހާތްތެރި، ބުއްދިވެރި ވާހަކަދެއްކުންތެރިއަކު ނުދެކެމެވެ.]
{ތަބަރާނީ، އަލްކަބީރު، ވޮލިޔުމް 23، ޞަފްޙާ 183 އަދި 184}
ޢަރަބީންގެ މަޝްހޫރު ޅެންވެރިއެއްކަމުގައިވާ ލަބީދުގެ ޅެންތަކުގެ ތެރެއިން އެއްހާސް ޅެންބައިތު ޢާއިޝަތުގެފާނު ހިތްޕުޅުން ދަސްކުރައްވައިފައިވެއެވެ.
{އައްޛަހަބީ، ސިޔަރުއް ޢަލަމާ އައްނުބަލާޢު، ވޮލިޔުމް 2، ޞަފްޙާ 11 }
އަޚްނަފު ބިން ޤައިސު ވިދާޅުވެފައިވެއެވެ. [އަހަރެން، އަބޫބަކުރުގެފާނާއި، ޢުމަރުގެފާނާއި، ޢުޘްމާނުގެފާނާއި، ޢަލީގެފާނާއި އޭގެ ފަހުން ވަޑައިގެންނެވި ޚަލީފާވެރި ބޭކަލުންގެ ޚުތުބާތައް އަޑުއެހީމެވެ. ނަމަވެސް ޢާއިޝަތުގެފާނަށްވުރެ ވާހަކަފުޅުދެއްކެވުމަށް ކުޅަދާނަފުޅު، ބަސްފުޅު ރީތިވެފައި ފަށުވި ބޭފުޅަކު ނުދެކެމެވެ.]
އެހެން ޞަޙާބީންގެ ޢިލްމުވެރިކަމަށް އިއުތިރާފުވެވަޑައިގަތުން:
ޢާއިޝަތުގެފާނަކީ ޢިލްމުވެރި ކަމުގެ މައިދާނުގައި އަރާއިންނެވި ބޭކަނބަލެއްކަމުގައި ވިޔަސް އެކަމަނާ އެހެން ޞަޙާބީންގެ ޢިލްމުވެރިކަމާއި އެބޭކަލުންގެ ޢިލްމަށް އިއުތިރާފުވެވަޑައިގަންނަވައެވެ. އެބޭކަލުންނަށް އިހްތިރާމު ކުރައްވައެވެ. ޢާއިޝަތުގެފާނަށް އެކަމަނާއަށް އެނގިވަޑައިގެންފައިނުވާ ކަމަކާ ބެހޭގޮތުން ސުވާލެއް ދެންނެވިއްޖެނަމަ ޞަރީޙަ އިބާރާތުން އެކަމެއް އެކަމަނާއަށް އެނގިވަޑައިނުގަންނަވާ ކަމުގައި ވިދާޅުވެއެވެ. އަދި ޞަޙާބީންގެ ތެރެއިން އެ މައްސަލަ ރަނގަޅަށް އޮޅުން ފިލާވަޑައިގެން ތިއްބެވި ބޭކަލުންގެ ކުރެ އެއްސެވުމަށް އިރުޝާދު ދެއްވައެވެ.
އެއްފަހަރަކު ޢިމްރާނު ބުނު ޙިއްޠާނު އޭ ކިޔުނު ބޭކަލަކު އިބްނު ޢައްބާސްގެ އަރިހަށް ވަޑައިގެން ފަށުވި ފޭރާން ބޭނުންކުރުމުގެ ޙުކުމާމެދު ސުވާލު ދެންނެވިއެވެ. އިބްނު ޢައްބާސް ވިދާޅުވީ އެކަމުގެ ޙުކުމް ޢާއިޝަތުގެފާނުގެ އަރިހުން އޮޅުން ފިލުއްވުމަށެވެ. ދެން އޭނާ ޢާއިޝަތުގެފާނުގެ އަރިހަށް ގޮސް އެ ސުވާލުން ދެންނެވުމުން އެކަމަނާ އިރްޝާދު ދެއްވީ އެކަމުގެ ފަތުވާ އިބްނު ޢުމަރު ކުރެ އެއްސެވުމަށެވެ. ދެން އޭނާ އިބްނު ޢުމަރުގެ އަރިހަށް ގޮސް އެ ސުވާލު ކުރުމުން އިބްނު ޢުމަރު އޭނާއަށް އެކަން އޮތް ގޮތް އޮޅުން ފިލުއްވައި ދެއްވިއެވެ. { سنن النسائي، كتاب الزينة من السنن، باب التَّشْدِيدِ فِي لُبْسِ الْحَرِيرِ وَأَنَّ مَنْ لَبِسَهُ فِي الدُّنْيَا لَمْ يَلْبَسْهُ فِي الآخِرَةِ ، ޙަދީޘް 5306}