ހެޔޮލަފާ ތަޤްވާވެރިއަކު ކެންސަރުބަލީގަ މަރުވެއްޖެނަމަ ޝަހީދެއްގެ ދަރަޖަ ލިބުމަށް އުންމީދު ކުރެވިދާނެ! އިން ޝާ ﷲ: ޑރ. ޔާސިރު ޤާޟީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ހެޔޮލަފާ ތަޤްވާވެރިއަކު ކެންސަރުބަލީގަ މަރުވެއްޖެނަމަ ޝަހީދެއްގެ ދަރަޖަ ލިބުމަށް އުންމީދު ކުރެވިދާނެ! އިން ޝާ ﷲ: ޑރ. ޔާސިރު ޤާޟީ

ޝަހީދުންގެ ދަރަޖަ ދެއްވަވަނީ ހަމައެކަނި ހަނގުރާމައިގެ ޖިހާދުކުރަނިކޮށް މަރުވާ މީހުންނަށް ނޫންކަމާއި އެހެންވެސް ބައެއް ގޮތްގޮތުން ޝަހީދުންގެ ދަރަޖަ ލިބިގެންދާކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ކަނޑުވެ މަރުވާ މީހުންނާއި އަލިފާނުގެ ޙާދިސާތަކުގައި މަރުވާ މީހުންފަދައިންނެވެ. 

ބައެއް ޢިލްމުވެރިން މާނަކުރައްވާ ގޮތުގައި ހަދީޘްފުޅުގައިވާ "ބަތަން" ގެ މާނައަކީ ހަމައެކަނި ބަނޑުގެ ބަލިތަކެއް ނޫނެވެ. އެތެރެހަށީގެ ހުރިހާ ބަލިތަކެއްވެސް އެމާނައިގައި ހިމެނިގެންވެއެވެ. ކެންސަރަކީވެސް އެތެރެހަށީގެ ބައްޔެކެވެ. ވީމާ އެއިގެ ތެރޭގައި ކެންސަރުބަލީގައި މަރުވާ މީހުން ހިމެނުމަށް އިރާދަކުރެއްވެވުމަށް އުންމީދުކުރެވިދާނެއެވެ. 

އިސްލާމް ދީނުގައި އޮތީ ހެޔޮ ކަންތައްތަކަށް އުންމީދުކުރުމެވެ. މިންވަރުކުރެއްވެވުން ވަނީ ﷲ ތަޢާލާއަށެވެ. ވީމާ ތަކުރާރުކޮށްލައިވެސް ބުނަމެވެ. ކެންސަރު ބަލި ނުވަތަ އެނޫންވެސް އެތެރެހަށީގެ ބައްޔެއްގައި ހެޔޮލަފާ ތަޤްވާވެރިއަކު މަރުވެއްޖެނަމަ އެމީހަކަށް ޝަހީދެއްގެ ދަރަޖަ ލިބުމަށް އިން ޝާ ﷲ، އިން ޝާ ﷲ އުންމީދު ކުރެވިދާނެއެވެ. 

ޝަހީދެއްގެ ދަރަޖަ ލިބުމަކީ ކައްވަޅުގައި ސުވާލުކުރެވުމުން ސަލާމަތްކުރައްވަވާނެ ކަމެއްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން 

މިހިސާބުން އުފައްދަންޖެހޭ ސުވާލަކީ އެފަދަ ބައްޔެއްގައި މަރުވާ ކޮންމެ މީހަކަށް އެމަތިވެރި ނިޢްމަތް ލިބޭނެހެއްޔެވެ؟ ކޮންމެ މީހަކު ނަމަވެސް އެމީހަކާއިމެދު ކަންކަން މިންވަރުކުރައްވަވާނެ ގޮތް މޮޅަށް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. 

ފެންނަންހުރި ކަންކަމަށްބަލާއިރު ﷲ ތަޢާލާގެ ޙަޟްރަތުން ރަޙްމަތް ޙައްޤުވެގެންވަނީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރި އަޅުންނަށެވެ. ﷲ ތަޢާލާ އަންގަވާފައި ގޮތަށް ދުނިޔޭގައި އުޅުނު އަޅުންނަށެވެ. ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވެ ކިޔަމަންތެރިވާން އަމުރުފުޅު ކުރައްވަވާފައިވަނީ އެސަބަބަށްޓަކައެވެ. އަދި ސުވަރުގެ ހައްދަވާފައިވަނީވެސް އީމާންވެ ކިޔަމަންތެރިކަން އަދާކުރި އަޅުންނަށް ކަމަށް އަންގަވާފައިވަނީވެސް އެސަބަބަށްޓަކައެވެ. 

އެނގެން އޮތްކަމަކީ އެއްވެސް މީހަކު މަރުވިގޮތަކުން ސުވަރުގެ ނުވައްދަވާނެ ކަމެވެ. ސުވަރުގެ ވައްދަވާނީ އެކަލާނގެ ރުހިވޮޑިގަންނަވާ އަޅުންކަމެވެ. ﷲ ތަޢާލާގެ ރަޙްމަތްފުޅުންކަމެވެ. ﷲ ތަޢާލާގެ ރަޙްމަތްފުޅު ލިބުންވަނީ ކުރިން މިބަޔާންކުރި ފަދައިން ﷲ ތަޢާލާއަށް އީމާންވެ ކިޔަމަންތެރިކަން އަދާކުރުމުންނެވެ. އިން ޝާ ﷲ 

ޑރ. ޔާސިރު ޤާޟީގެ މިބަސްފުޅަކީ ބޮޑެތި ބަލިތަކުގައި މިހާރުވެސް އުޅެންޖެހިފައިވާ މީހުންނަށް ލިބިގެންދާނެ ވަރަށް ބޮޑު އިތުރު ހިތްވަރެކެވެ. ތައުބާވެ އެންމެ ހެޔޮލަފާ ތަޤްވާވެރިއަކު ކަމުގައިވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! އެއާއިއެކު އިން ޝާ ﷲ ޝަހީދެއްގެ ދަރަޖަ ލިބުމަށް އުންމީދުކުރާށެވެ! 

މިއަދު އޮންލައިން