ބިރެއް ނެތި ކުދިފާފަތައް ކުރާއިރު އަލިފާނުގެ ކަސްތޮޅުން ތިބާ ކަސްތޮޅު އަޅުވައި ދަމާގެންގޮސް ނަރަކައަށް އެއްލައިލާނީ އެކުދިފާފަތައް ކަމަށް ވެއްޖެނަމަ!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ބިރެއް ނެތި ކުދިފާފަތައް ކުރާއިރު އަލިފާނުގެ ކަސްތޮޅުން ތިބާ ކަސްތޮޅު އަޅުވައި ދަމާގެންގޮސް ނަރަކައަށް އެއްލައިލާނީ އެކުދިފާފަތައް ކަމަށް ވެއްޖެނަމަ!: ބިލާލް އައްސަދު

ދުނިޔެމަތީގައި އުފަލާއި މަޖަލުގައި ދުވަސްތައް ހޭދަކުރަމުން ގެންދާއިރު ޗުއްޓީއެއް ހޭދަކޮށްލަން އަވިދޭ ޤައުމަކަށް ދިއަނަމަވެސް ހޫނުކަން އިތުރަށް ލިބިގަތުމަށްޓަކައި ހުރިހާ ފޭރާމެއް ގައިން ބާލައި މުޅި ހަށިގަނޑުހެން ކަޝްފްކޮށްލަނީއެވެ. އެގޮތަށް މީސްތަކުންގެ ތެރޭގައި އުޅެން ލަދެއްވެސް ބިރެއްވެސް ނުގަނެއެވެ. އަދި ޖެހިލުމެއްވެސް ނުވެއެވެ. 

ދެން މިވާގޮތަކީ އެމިހާވެސް ޢުމުރު ހަމަވުމުން މަރުވަނީއެވެ. ބިރުގަންނަންވީ މިހިސާބުންނެވެ!

ނަރަކައަށް ވައްދަވާނީ ނަރަކައިގެ އަލިފާނުގެ ހޫނުކަން އިތުރަށް އިޙްޞާޞްކުރުވުމަށްޓަކައި ޚާއްޞަކުރެވިފައިވާ ފޭރާމެއްގައެވެ. އެފޭރާންލުމުން ނަރަކައިގެ ހޫނު އިޙްޞާޞްވުން އެތައް ގުނައަކަށް އިތުރުވެގެންދެއެވެ. 

މިވީ ކިހިނެއް ހެއްޔެވެ؟ ދުނިޔޭގައި ހޫނުކަން ލިބިގަންނަން ފޭރާން ބާލައި ބަރަހަނާވި މީހުންނަށް އެދުވަހު އެޖެހެނީ އިތުރަށް ހޫނުކަން ގަދަވާނެ ފޭރާމެއް ލައިގެން ނަރަކައަށް ވަންނާށެވެ! މިދެއްކި ވާހަކަކޮޅަށް ރަނގަޅަށް ވިސްނައި ތިއަބައިމީހުން އިޞްލާޙްވާށެވެ!  

ނަރަކައިގައި އިންތިހާއަށް ފެނަށް ބޭނުންވެފައިތިބޭއިރު ވާރޭވެހޭހެން ހީވާނެއެވެ. ނަމަވެސް އޮހޭނީ އެސިޑެވެ. ބުއިމަކަށް ލިބޭ ވިރިކެކިކެކި ހުންނަ ނަރަކައިގެ އަހުލުވެރިންގެ ގައިން ފައިބާ ފާދިޔައާއި ދޮސް ބޯން މޫނާއި ކައިރިކޮށްލުމުން މޫނުގެ މަސްތައް ވިރިގެން ފައިބާނެއެވެ. ކާން ލިބޭ ޒައްޤޫމް ކެއުމުން ގޮހޮރު ފޫއަޅުވާލާފައި ނުކުންނާނެއެވެ. 

އެހާލަތުގައި ނަރަކައިން ސަލާމަތްކުރައްވަވައިދެއްވެވުން އެދި ﷲ ތަޢާލާއަށް ދަންނަވާއަޑުން ގުގުމައިގެންދާނެއެވެ. ދެވަނަ ފުރުޞަތެއް ދެއްވެވުން އެދިއެވެ. ނަމަވެސް ﷲ ތަޢާލާ އެމީހުންނަށް އެއްވެސް ޖަވާބެއް ނުދެއްވަވާނެތެވެ. ޖަވާބު ދެއްވަވާނީ އެމީހުންނަށް ޢަޛާބު ދެއްވަވަން ނަރަކައިގައި ތިއްބަވާ މަލާއިކަތުންނެވެ. 

ވިދާޅުވާނެތެވެ! "ﷲ ތަޢާލާ އަދި ފުރުޞަތު ދެއްވެވި ނަމަވެސް ކަލޭމެން އަމަލުކުރާނީ ހަމަކުރިން ކަންކަންކުރިފަދައިންނެވެ. އަޑުގަދަނުކޮށް މަޑުން ތިބޭށެވެ. ރަސޫލް ބޭކަލުން ވަޑައިގެން (މިއަދާއިމެދު، ނަރަކައިގެ ޢަޛާބާއިމެދު) އިންޒާރު ނުދެއްވަވާހެއްޔެވެ؟ ތިއަބައިމީހުން އެބޭކަލުންގެ ބަސްފުޅު ދޮގުކުރީއެވެ. އެބޭކަލުންގެ އަޑުފުޅު ނުއެހީއެވެ!" 

މިއީ ނަރަކައިގެ އަޛާބުން ވަރަށް ކުޑަމިންވަރެކެވެ. އެނގިތިބެ ތިއަ ވެއްޓިގަންނަނީ މިފަދަ ގަދަފަދަ ޢަޛާބަށް ހެއްޔެވެ؟ ވިސްނުން ކޮބައިހެއްޔެވެ؟ 

މީސްތަކުންނޭވެ! ރަނގަޅަށް އަޑުއަހާށެވެ! 

ހެޔޮ ޢަމަލުތައް ކުރުމުން ހުރިހާ ކުދިފާފަތަކެއް ފުއްސަވައި ދެއްވަވާނެ ކަމަށް އޮންނަ ބަސްފުޅަށް ބަލައި ގިނަބައަކު ފާފަކުރުމުގެ އިންތަކުން ބޭރުވެގެންދެއެވެ. އެމީހުން ދެކެނީ، ދޮގެއް ހަދައިލުން، ކުޑަ މަކަރެއް ހަދައިލުން، ދޮނެއް ދިނުން، ބެލުން ހުއްދަނޫން މަންޒަރާއި ވީޑިއޯ ބެލުން ފަދަ ކަންކަމަކީ ވަރަށް ކުދިކުދި ފާފަތައް ކަމަށާއި ކިތަންމެ ގިނައިން އެފަދަ ފާފަތައް ކުރިނަމަވެސް އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. 

ޙަޤީޤަތް މުޅިން ތަފާތެވެ. ﷲ ތަޢާލާ ކަނޑައަޅުއްވަވާ މުއްދަތަކަށް ނަރަކައިގައި މަޑުކުރަންޖެހޭ ގިން މީހުންނަކީ ކުރިން މިބަޔާންކުރިފަދަ ކުދިފާފަތައްކުރި މީހުންނެވެ. އެފަދަ ފާފަތައް ތަކުރާރުކުރި މީހުންކަމުގައިވުމަކީ ގާތްކަމެކެވެ. ވީމާ ކިތަންމެ ކުޑަ ނަމަވެސް ފާފައެއް ކުރަން ބިރުވެތިވެ ނަރަކައިން މިންޖުވާށެވެ! 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން