އުފަލުގަ މަރުވުމަށާ، މަރުވުމަށްފަހު ސުވަރުގޭގެ ނިޢްމަތްތައް މެދުކެނޑުމެއްނެތި ލިބިލިބި ކައްވަޅުގަ އޮންނަން ބޭނުންހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
އުފަލުގަ މަރުވުމަށާ، މަރުވުމަށްފަހު ސުވަރުގޭގެ ނިޢްމަތްތައް މެދުކެނޑުމެއްނެތި ލިބިލިބި ކައްވަޅުގަ އޮންނަން ބޭނުންހެއްޔެވެ؟

ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ގޮތަށް އުޅެނިކޮށް ޢުމުރުހަމަވެއްޖެނަމަ ފުރާނަ ހިއްޕެވުން ފެށިގެން އެމީހަކަށް ދާނީ ﷲ ތަޢާލާގެ ރަހްމަތް އޮހެމުންނެވެ. ފުރަތަމަ ކަމެއްގެ ގޮތުން އޭނާގެ ފުރާނަ ހިއްޕަވަން ފައިބައިވަޑައިގަންނަވާނީ ރަހްމަތުގެ މަލާއިކަތުންނެވެ. އެބޭކަލުން ފައިބައިވަޑައިގަންނަވާނީ ސުވަރުގޭގެ ފޭރާމާއި ހުވަދު ހިއްޕަވައިގެންނެވެ. 

ފުރާނަ ހަށިގަނޑުން ނެރުއްވެވުމުގެ ކުރިން އޭނާއަށް ހުރި އުފާވެރިކަމުގެ ޚަބަރުތައް މަލާއިކަތުން ދެއްވަވާނެތެވެ. ހަށިގަނޑު އޭނާގެ ފުރާނަ ނެރުއްވަވާނީ "ފެން ދޯރަކުން ފެން އޮހިގެންދާ" ފަދަ ލުއި ފަސޭހަގޮތަކަށެވެ. އެފުރާނަ ﷲ ތައާލާގެ ޙަމްރަތަށް ގެންދަވާނީ އެބޭކަލުން ގެންނެވި ސުވަރުުގޭގެ ފޭރާމުގައެވެ. ސުވަރުގޭގެ ހުވަނދުން ހުވަނދުލެވިގެންވާ ޙާލުގައެވެ. 

އެފުރާނަ އަނބުރައި ހަށިގަނޑަށް ފޮނުއްވަވާނީ އުފާވެރިކަމުގެ ޚަބަރާއިއެކުގައެވެ. ކައްވަޅުގައި ކުރެވޭ 3 ސުވާލަށް ފުރިހަމަ ޖަވާބު ދިނުމުގެ ކުޅަދާނަކަން އޭނާއަށް ދެއްވަވާނެތެވެ. ޖަވާބުދިނުމުން އޭނާއަށް ސުވަރުގެއިން ލިބޭނެ "ގަނޑުވަރު" ދައްކަވާނެތެވެ. ސުވަރުގޭގެ މީރުވަސް އޭނާއަށް ދުވާނެތެވެ. އެހިނދު އޭނާ "ޤިޔާމަތްވުން" އަވަސްކުރެއްވެވުން އެދި ދުޢާކުރާނެތެވެ. އެއީ ސުވަރުގެއިން އޭނާއަށް ދެއްވަވާނެ ނިޢްމަތްތައް އަވަހަށް ލިބިގަތުމަށެވެ. 

އަދި އެހިސާބަކުންވެސް ނުނިމެއެވެ. އޭނާއަށްޓަކައި ކައްވަޅަކީ ސުވަރުގޭގެ ބަގީޗާއެއް ކަމުގައި ލައްވަވަތެވެ. ނުހަނު ރީތި ސީރައިގައި އޭނާ ދުނިޔޭގައި ހުރެ ކުރި ހެޔޮ ޢަމަލުތައް އޭނާއާއި ބައްދަލުކުރެތެވެ. އަދި އެ ޢަމަލުތައް އޭނާއާއި އެކު ކައްވަޅުގައި ވާނެއެވެ. 

މީސްތަކުންނޭވެ! ކައްވަޅުގައި ހޭދަކުރާ ޙަޔާތުގައި ނުވަތަ ބަރުޒަޚުގެ ޢާލަމުގައި ކެއިން ބުއިމެއް ނުވެއެވެ. ކެއިންބުއިން ވަނީ ދުނިޔޭގައާއި ސުވަރުގޭގައި ނުވަތަ ނަރަކައިގައެވެ. 

މީސްތަކުންނޭވެ! މިހުރިހާ އުފާތަކެއްވެސް ލިބިގަތުމުގެ ފުރުޞަތު އަހުރެމެން ކޮންމެ މީހަކަށްވެސްވަނީ ދެއްވަވައިފައެވެ. އެނިޢްމަތްތައް ލިބެން އޮތީ އަތްއުރާލައިގެން ހުއްޓައެއް ނޫނެވެ. އެކަމަށް އެދިގެން މަސައްކަތްކުރުމުންނެވެ. އެމަސައްކަތްކުރަން މިއަދު އަހުރެމެން ކަންނެތްވެއްޖެނަމަ އަހުރެމެން ފޭލްވީއެވެ. ފޭލަވެގެންދަނީ އަމިއްލައަށެވެ. 

ވީމާ އަހުރެމެންނަށް އޮތީ ހީވާގިވެލުމެވެ. ގަދައަޅައި މަސައްކަތްކުރުމެވެ. އެކަން ކޮންމެ މުސްލިމަކަށްވެސް ރަނގަޅަށް އެނގޭނެއެވެ. ވީމާ ކަންނެތް ނުވެ ހީވާގިވެލަމާ ހިނގާށެވެ! ދުނިޔެ ހޯދަން ކުރާ މަސައްކަތަށްވުރެ އާޚިރަތް ލިބިގަންނަން ކުރާ މަސައްކަތް އިތުރުކުރަންވީ މި ބަޔާންކުރި ސަބަބުތަކަށްޓަކައެވެ. 

- މަޢުލޫމާތު: ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން 

މިއަދު އޮންލައިން