ޢާއިޝަތުގެފާނުގެ ސީރަތު: ޢާއިޝަތުގެފާނުގެ ބައެއް ދަރިވަރުންގެ ތެރެއިން ޢުރްވަތާއި، ޤާސިމާއި، ޢަލްޤަމާގެ ތައާރަފު

ކިޔުމަށް ހޭދަވާނީ 2މ 34ސ
ޢާއިޝަތުގެފާނުގެ ސީރަތު: ޢާއިޝަތުގެފާނުގެ ބައެއް ދަރިވަރުންގެ ތެރެއިން ޢުރްވަތާއި، ޤާސިމާއި، ޢަލްޤަމާގެ ތައާރަފު

ޢަލީ އިޙްޞާން ފިރާޤް

 

ޢާއިޝަތުގެފާނުގެ އަރިހުން ޢިލްމު އުނގެނިވަޑައިގެންނެވި ޠާބިޢީންގެ އަދަދު ވަރަށް ގިނައެވެ. އެކަމަނާގެ އަރިހުން ޢިލްމު އުނގެނިވަޑައިގެންނެވި ބޭކައުކަނބަލުން ވެވަޑައިގެންނެވީ ޢިލްމީ މައިދާނުގައި ނުހަނު ފުންނާބު އުސް ބޭފުޅުންނަށެވެ.  ތިރީގައި މި ބަޔާންކޮށްލަނީ އޭގެ ތެރެއިން ހޮވައިލެވިފައިވާ ބޭކަލުންގެ ކުރު ތަޢާރަފެކެވެ. 

ހ. عُروة بن الزُبير: ޢުރުވަތު ބުނުއްޒުބައިރަކީ ޢާއިޝަތުގެފާނުގެ ދޮށީ ދައިތާފުޅު އަސްމާގެފާނުގެ ދަރިކަލެކެވެ. ބަފައިކަލުންނަކީ ސުވަރުގެވަންތަވެރި ދިހަ ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެއްކަމުގައި ޒުބައިރުބުނުލް ޢައްވާމް ރަޟިޔަﷲ ޢަންހުއެވެ. ޢުރުވަތު އުފަންވެވަޑައިގެންނެވީ ހިޖްރައިން 23 ވަނަ އަހަރުގެ ތެރޭގައެވެ. އެކަލޭގެފާނުގެ ބަފައިފުށުގެ ބޮޑުދައިތާފުޅަކީ ޚަދީޖަތުގެފާނެވެ. މައިފުށުގެ ބޮޑުދައިތާފުޅަކީ ޢާއިޝަތުގެފާނެވެ. ޢުރުވަތު ވެވަޑައިގެންފައިވަނީ ޢާއިޝަތުގެފާނުގެ ފަރާތްޕުޅުން އެންމެ ގިނައިން ޢިލްމު ހޯއްދެއްވި އެއް ފަރާތަށެވެ.

ޢުރްވަތުގެ ޢިލްމުވެރިކަމާމެދު މުސްލިމުންގެ ޚަލީފާ ޢުމަރު ބުން ޢަބްދުލްޢަޒީޒު ވިދާޅުވެފައިވެއެވެ. [ޢުރުވަތު ބިން ޒުބައިރަށްވުރެ ޢިލްމުވެރި މީހަކު އަހަރެން ނުދެކެމެވެ.] ޢުރުވަތަކީ ވަރަށް ދީންވެރި، ވަރަށް ތަޤުވާވެރި ބޭކަލެކެވެ. އެކަލޭގެފާނުގެ ޒަމާނުގައި ޢިލްމުވެރިކަމާއި ފިޤުހުވެރިކަމަށް އެންމެ މަޝްހޫރު އެއްބޭކަލެކެވެ. އެކަލޭގެފާނު އަވަހާރަވި ތާރީޚަކާމެދު މުއައްރިޚުންގެ މެދުގައި ޚިލާފެއް ހިނގައިފައިވެއެވެ. އެންމެ ރާޖިޙު ބަހެއްކަމުގައިވަނީ އެކަލޭގެފާނު އަވަހާރަވީ ހިޖްރައިން 94 ވަނަ އަހަރުގައި ކަމަށް ބުނާ ބަހެވެ. 

ށ. القاسم بن محمد بن أبي بكر: އަލްޤާސިމް ބިން މުޙައްމަދު ބިން އަބީބަކުރަކީ ޢާއިޝަތުގެފާނާ އެއްބައްޕާފުޅު އަޚެއްކަމުގައިވާ މުޙައްމަދުގެ ދަރިކަލެކެވެ. އެކަލޭގެފާނު އުފަންވެވަޑައިގެންނެވީ ހިޖްރައިން 35 ވަނަ އަހަރު އަމީރުލް މުއުމިނީން ޢަލީގެފާނުގެ ޚަލީފާކަމުގެ ދުވަސްވަރުގައެވެ. އެކަލޭގެފާނުގެ މައިކަނބަލުންނަކީ އުއްމުވަލަދެކެވެ. ނަންފުޅަކީ ސައުދާއެވެ. ހިޖްރައިން 36 ވަނަ އަހަރުގެ ތެރޭގައި އެކަލޭގެފާނުގެ ބައްޕާފުޅު މުޙައްމަދު ވަރަށް އަނިޔާވެރިކޮށް ޝަހީދުކޮށްލެވުނެވެ. އޭގެފަހުން ޢާއިޝަތުގެފާނު، ތުއްޕުޅު ޤާސިމް އެކަމަނާގެ ބެއްލެވުމުގެ ދަށަށް ގެންނެވިއެވެ. ޤާސިމް ބޮޑުފުޅުވީ ޙުރްމަތްތެރި ބޮޑުދައިދާފުޅުގެ އުނގުފުޅުގެ ތެރޭގައެވެ. ޤާސިމްވަނީ ޢާއިޝަތުގެފާނުގެ އަރިހުން ޢިލްމު އުނގެވިވަޑައިގެންފައެވެ. އެކަލޭގެފާނު ހިމެނިވަޑައިގެންފައިވަނީ މަދީނާގެ އެންމެ މޮޅު ހަތް ފިޤުހުވެރިންގެ ތެރޭގައެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖްރައިން 106 ނުވަތަ 107 ވަނަ އަހަރު އުމުރުފުޅުން 72 އަހަރުގައެވެ. 

ނ.  علقمة بن قيس النَّخعي: ޢަލްޤަމަތު ބިން ޤައިސް އުފަންވެވަޑައިގެންނެވީ މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ ޒަމާނުގައެވެ. ނަމަވެސް އެކަލޭގެފާނު ދިރިއުޅުއްވީ ޢިރާޤުގެ ކޫފާގައެވެ. އެކަލޭގެފާނަކީ އިބްނު މަސްޢޫދުގެ ޚާއްޞަ ދަރިވަރެކެވެ. ވަރަށް ބޮޑު ޢިލްމުވެރިއެކެވެ. އެކަލޭގެފާނުވަނީ ޢުމަރުގެފާނާއި، ޢުޘްމާނުގެފާނާއި، ޢަލީގެފާނުގެ އަރިހުން ޢިލްމު ހާސިލު ކުރައްވައިފައެވެ. ޢާއިޝަތުގެފާނުގެ އަރިހުންވެސްވަނީ ގިނަ ޢިލްމުތަކެއް ހާސިލު ކުރައްވައިފައެވެ. ޢަލްޤަމާ އަވަހާރަވީ ހިޖްރައިން 62 ވަނަ އަހަރުގައެވެ.

މިއަދު އޮންލައިން