ދުނިޔޭގަ މިލިއަނަރަކަށް ނުވެވުނީތީ ކަންބޮޑުނުވާށެވެ! ސުވަރުގޭގަ އެންމެ މަތީ ދަރަޖަ ލިބެނީ އަޅުކަމުގަ މަހުޖަނުންނަށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ދުނިޔޭގަ މިލިއަނަރަކަށް ނުވެވުނީތީ ކަންބޮޑުނުވާށެވެ! ސުވަރުގޭގަ އެންމެ މަތީ ދަރަޖަ ލިބެނީ އަޅުކަމުގަ މަހުޖަނުންނަށެވެ!

އޭނާގެ ގެ ބޮޑުވެ އުސްވެފައި އޭނާ އެންމެ އަގުބޮޑު ކާރު ދުއްވާތީ، ހެލިކޮޕްޓަރާއި ޖެޓުގައި އުދުހޭތީ ކަންބޮޑުނުވާށެވެ! ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ލިބެނީ އަޅުކަމުގަ މަހުޖަނުންނަށެވެ! ގަދައަޅައި މަސައްކަތްކުރަންވީ ސުވަރުގޭގެ މަހުޖަނަކަށްވުމަށެވެ!

ހަމައެއާއިއެކު މިކަންކަމަށްވެސް ވިސްނައިލާށެވެ! 

މުއްސަނދިން އެމީހުންގެ ދިރިއުޅުމުގައި އަގުބޮޑު ކާރާއި ލޯންޗްފަހަރާއި އަދި އަމިއްލަ ހެލިކޮޕްޓަރާއި ޖެޓްވެސް ބޭނުންކުރާތީ ބައެއް މީހުން އެބަ ނަފުރަތު ކުރެއެވެ. އެއީ ދެއްކުންތެރި އަމަލެއް ކަމަށްވެސް އެބަ ބުނެއެވެ. 

ނަމަވެސް އެކަން އެގޮތަށް އެހައި ފަސޭހައިން ނުނިންމާށެވެ! އެމިހާއަކީ ފަރުޟުތައް ފުރިހަމައަށް އަދާކޮށް ރިވެތި ބަހުން މީސްތަކުންނާއި މުޢާމަލާތުކުރާ އަދި ނިކަމެތިންނަށް ރަޙުމްކުރާ އޯގާތެރިއަކު ކަމުގައިވާނަމަ އެމީހާއަށް ފާޑުކިޔާނީ ކިހިނަކުން ހެއްޔެވެ؟ 

ޒަކާތް ދައްކައި އަދި ޞަދަޤާތް ދެމުން އެމީހަކު އެހީތެރިވެ ބަލަހައްޓަންޖެހޭ މީހުން ބަލަހައްޓަމުން އަދި ޙައްޖުވެ ޢުމުރާވަމުން އެމީހާގެ އުފަލުގައި ކުރާ ކަންކަމާއި ނުބެހޭށެވެ. އަދި އެކަންކަން ނުކުރިނަމަވެސް އޭނަގެ ދިރިއުޅުމާއި ނުބެހޭށެވެ. ހަސަދަވެރިވެވުމާ ޣީބަ ބުނުމުގެ ފާފައިގައި މީހާ ތާށިވެދާނެއެވެ! ފުރުޞަތެއް ލިބިއްޖެ ނަމަ ހެޔޮ ނަޞޭޙަތްދޭށެވެ! އެއީ ކޮންމެ މުސްލިމަކުވެސް އޭނާގެ އަޚާއަށްޓަކައި އަދާކުރަންޖެހޭ ޙައްޤެކެވެ! 

ވަރަށް އާދައިގެ  ފެންވަރުގެ މީހުންގެ ތެރޭގައި ވެސް ދެއްކުންތެރި ދިރިއުޅުން އުޅޭ އަޚްލާޤީ ގޮތުން ދަށުދަރަޖައިގެ މީހުން އެބައުޅެއެވެ. ދެއްކުންތެރި ކަންކަންކުރާ މީހުންނަށް ނުވިސްނިގެން މިއުޅެނީ މީހާގެ ދަރަޖަ ކަނޑައަޅަނީ ލައިގެން ހުންނަ ހެދުމަކުން ، ދިރިއުޅޭގެއަކުން، ދުއްވާ ކާރަކުން ނޫންކަމެވެ! އެމީހާގެ އަޚްލާޤުންނާއި ތަޤްވާވެރިކަމުންކަމެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

މިއަދު އޮންލައިން