މިފަދަ ވާހަކަތައް ދެއްކުމުން ސަމާލުކަން ނުދޭ ބައަކުވެސް އުޅެއެވެ. އެއީ ޒިނޭކުރުން ފަދަ ނުބައި، ބޮޑެތި ފާފަތައް ކުރުމަކީ އެއްވެސް ކަމެއް ނޫންކަމަށް ޤަބޫލުކުރެވޭތީއެވެ. އެފަދަ ފާފަތައް ކުރުމުން ތިމާއަށް ކުރިމަތިވެދާނެ ނުރައްކައިތެރިކަމާއި ލިބިދާނެ ގެއްލުމުގެ ބޮޑުކަމާއިމެދު ވިސްނައި ނުލެވޭތީއެވެ.
ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި އޮތީ "ޒިނޭ އާއި ކައިރިނުވާށެވެ!" އެވަރުގެ އަމުރުފުޅެއް އޮތުމުންވެސް ހިތަށް ބިރުވެރިކަން ނުވަންނަނީއެވެ. ނިކަން ވިސްނައިލަބަލާށެވެ! ޒިނޭކުރުމަކީ ގެއެއްގެ ފުރާޅު ވެއްޓިގެންދާ އުޞޫލުން މީހާގެ އީމާންކަން ގެއްލިގެންދާ ކަމެއްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ!
އިތުރަށްވެސް ވިސްނައިލާށެވެ! ގެއެއްގެ ފުރާޅުވެއްޓުމުން އެގެއަކުން ހިޔާވާނީ ކޮންތަނެއްހެއްޔްޔެވެ؟ އެއިރުން އެގެއަކަށްވާނެ ގޮތް ހިތަށް ގެންނާށެވެ! އީމާންކަމާއި ގުޅުއްވަވައިގެން މިފަދަ މިޘާލުތައް ޖައްސަވާފައިއެވަނީ އީމާންކަން ގެއްލިގެން ހިނގައްޖެނަމަ މީހާގެ ހުރިހާ ރަނގަޅުކަމެއް ގެއްލިގެންދާނެތީއެވެ!
ހަމަ އެއާއިއެކު ޒިނޭކުރުން ހުއްޓާލައި ތައުބާވުމުން ފުރާޅު އަލުން ރުޖޫޢަވާނެކަމަށްވެސް ޙަދީޘްފުޅުގައި އެބައޮތެވެ. އެކަމުން އެނގިގެންދަނީ އީމާންކަން އަނބުރައިލިބިގަތުމަށްޓަކައި ޒިނޭކުރުން ހުއްޓާލަންޖެހޭ ކަމެވެ. ހުއްޓާލައި އިޚްލާޞްތެރި ތައުބާއަކުން ތައުބާވުމުން ކުރެވުނު ފާފަތަކުން ސަލާމަތްވުމުގެ ފުރުޞަތު އެބައޮތްކަމެވެ.
މިޙަދީޘްފުޅުން އަހަރެންނަށް މާނަކުރެވެނީ ޒިނޭކުރުމުން ﷲ ތަޢާލާގެ ޙިމާޔަތާއި ރައްކައުތެރިކަމުން އެމީހަކު ބޭރުވެގެންދާކަމެވެ. އަދި އެކަން ހުއްޓާލައި ތައުބާވުމުން އަލުން އަނބުރައި ރުޖޫޢަކުރައްވަވައި ދެއްވަވާ ކަމަށެވެ. ގޭގެ ފުރާޅު އަހަރެންނަށް ސިފަކުރެވެނީ ﷲ ތަޢާލާގެ ޙިމާޔަތާއި ރައްކައުތެރިކަމުގެ ގޮތުގައެވެ. އެހެނީ ﷲ ތަޢާލާގެ ޙިމާޔަތާއި ރައްކައުތެރިކަން ގެއްލިއްޖެ މީހަކީ ހުރިހާ ހިޔަވާވަހިކަމެއް ގެއްލިފައިވާ މީހެކެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން