ޢަލީ އިޙްޞާން ފިރާޤް
ރ. عكرمة بن عبد الله البربري: ޢިކްރިމަތު ބިން ޢަބްދުﷲ އަލްބަރްބަރީއަކީ ޠާބިއީންގެ ތެރެއިން ޤުރްއާން ތަފްސީރުގެ ޢިލްމުގައި ވަރަށް މަޝްހޫރު ބޭކަލެކެވެ. އެކަލޭގެފާނަކީ އިބްނުޢައްބާސްގެފާނުގެ މަވާލީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭލަކެވެ. އުފަންވެވަޑައިގެންނެވީ ހިޖްރައިން 25 ވަނަ އަހަރުގައެވެ. އެކަލޭގެފާނުވަނީ ޞަޙާބީންގެ ކުރިއަށް ތިއްބެވި ބޭކަލުންގެ އަރިހުން ޢިލްމު ހާސިލު ކުރައްވައިފައެވެ. އޭގެ ތެރޭގައި ޢާއިޝަތުގެފާނު ހިމެނިވަޑައިގަންނަވައެވެ. ޢިކްރިމާ އަވަހާރަވީ ހިޖްރައިން 105 ވަނަ އަހަރުގެ ތެރޭގައެވެ.
ބ. مُجاهِد بْن جَبْر : މުޖާހިދު ބިން ޖަބަރު އުފަންވެވަޑައިގަތީ ހިޖްރައިން 21 ވަނަ އަހަރުގެ ތެރޭގައެވެ. މުޖާހިދަކީ ތަފްސީރު ޢިލްމުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެވަޑައިގެން ހުންނެވި ބޭކަލެކެވެ. މީގެ އިތުރަށް އެކަލޭގެފާނަކީ ފިޤުހު ޢިލްމާއި، ޙަދީޘް ޢިލްމުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެވަޑައިގެން ހުންނެވި ބޭކަލެކެވެ. އެކަލޭގެފާނުވަނީ ޞަޙާބީންގެ ތެރެއިން ކުރިއަށް ތިއްބެވި ބޭކަލުންގެ އަރިހުން ޢިލްމު އުނގެނިވަޑައިގެންފައެވެ. އޭގެ ތެރޭގައި އިބްނުޢައްބާސްގެފާނާއި، ޢާއިޝަތުގެފާނާއި، އަބޫހުރައިރަތުގެފާނާއި، ޖާބިރުގެފާނާއި، އިބްނުޢުމަރުގެފާނު ފާހަގަކޮށްލެވެއެވެ. މުޖާހިދު އަވަހާރަވީ ހިޖްރައިން 104 ވަނަ އަހަރުގައެވެ.
ޅ. الإمام الشعبي: އިމާމު ޝަޢުބީއަކީވެސް ޢާއިޝަތުގެފާނުގެ ދަރިވަރެކެވެ. އިމާމު ޝަޢުބީ އުފަންވެވަޑައިގެންވި ތާރީޚާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ހިނގައިފައިވެއެވެ. ބައެއް ރިވާޔަތްތަކުގައިވަނީ އެކަލޭގެފާނު އުފަންވެވަޑައިގެންނެވީ ޢުމަރުގެފާނުގެ ޚަލީފާކަމުގެ ދުވަސްވަރުގައި ކަމަށެވެ. ހިޖްރައިން 21 ވަނަ އަހަރުގެ ތެރޭގައެވެ. އެކަލޭގެފާނަކީ ޠާބިޢީންގެ ތެރޭގައި އަރާ ހުންނެވި ފިޤހުވެރި މުޙައްދިޘެކެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖްރީ ސަނަތުން 103 -106 މިދެމެދުގެ އަހަރުތަކެއްގައެވެ.
ކ. مسروق بن الأجدع: މަސްރޫޤު ބުނުލް އަޖްދަޢުއަކީ ޢާއިޝަތުގެފާނުގެ ދަރިވަރުންގެ ތެރެއިން އެކަމަނާ ވަރަށް ލޯބިފުޅުވާ ބޭކަލެކެވެ. އެކަލޭގެފާނަކީ ޢާއިޝަތުގެފާނުގެ އަރިހަށް ވަރަށް ގިނައިން ވަޑައިގެން އެކަމަނާގެ ޢިލްމީ ޚަޒާނާއި ފައިދާ ހޯއްދެވި ބޭކަލެކެވެ. އެކަލޭގެފާނާ ބެހޭ ގޮތުން ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. [އޭ މަސްރޫޤެވެ. ތިޔައީ އަހަރެންގެ ދަރިއެއް ފަދަ ކުއްޖެކެވެ.] މަސްރޫޤަކީ ވަރަށް ދީންވެރި ތަޤުވާވެރި، ޢިލްމުވެރި ބޭކަލެކެވެ. އިންސާފުން ޙުކުމްކުރެވި އަދުލުވެރި ޙާކިމެކެވެ. އެކަލޭގެފާނު އަވަހާރަވީ ކޫފާގައެވެ. އެއީ ހިޖްރީ ސަނަތުން 62 ވަނަ އަހަރުގެ ތެރޭގައެވެ.
އ. الأسود بن يزيد النخعي: އަލްއަސްވަދު ބިން ޔަޒީދު އައްނަޚްޢީއަކީ ޠާބިޢިންގެ ތެރެއިން ޙަދީޘް ޢިލްމަށް އަރާ ހުންނެވި ބޭކަލެކެވެ. އެކަލޭގެފާނުވަނީ ވަރަށް ގިނަ ޞަޙާބީންގެ އަރިހުން ޙަދީޘް ރިވާކުރައްވައިފައެވެ. އޭގެ ތެރޭގައި މުޢާޛު ބިން ޖަބަލުގެފާނާއި، ބިލާލުގެފާނާއި، އިބްނުމަސްޢޫދުގެފާނާއި، ޢާއިޝަތުގެފާނާއި، ޙުޒައިފަތުގެފާނު ފަދަ މަޝްހޫރު ބޭކައުކަނބަލުން ހިމެނި ވަޑައިގަންނަވައެވެ. އިމާމު ޝަޢުބީ އެކަލޭގެފާނު ސިފަ ކުރައްވައިފައިވަނީ ގިނަގިނައިން ރޯދަފުޅު ހިއްޕަވާ، ގިނަގިނައިން ރޭއަޅުކަން ކުރައްވާ، ގިނައިން ޙައްޖުވެވަޑައިގަންނަވާ ބޭކަލެއްގެ ގޮތުގައެވެ. އަސްވަދު އަވަހާރަވީ ހިޖްރައިން 75 ވަނަ އަހަރުގައެވެ.
ވ. سعيد بن الْمُسَيِّب: ސަޢީދު ބިން މުސައްޔަބު އުފަންވެވަޑައިގެންނެވީ ޢުމަރުގެފާނުގެ ޚަލީފާކަމުގެ ދުވަސްވަރު ހިޖްރައިން 15 ވަނަ އަހަރުގައެވެ. އެކަލޭގެފާނަކީ މަދީނާގެ އެންމެ މަޝްހޫރު ހަތް ފިޤުހުވެރިންގެ ތެރެއިން އެއްބޭކަލެކެވެ. އެކަލޭގެފާނުގެ ލަޤަބުފުޅުތަކުގެ ތެރޭގައި، عالم أهل المدينة އާއި سيد التابعين ހިމެނެއެވެ. އެކަލޭގެފާނުވަނީ ޢާއިޝަތުގެފާނާއި ޞަޙާބީންގެ ތެރެއިން ކުރިއަށް ތިއްބެވި ޢިލްމުވެރިންގެ އަރިހުން ޢިލްމު އުނގެނިވަޑައިގެންފައެވެ. ސަޢީދު ބިން މުސައްޔަބު އަވަހާރަވީ ހިޖްރައިން 94 ވަނަ އަހަރުގެ ތެރޭގައެވެ. އޭރު ޚަލީފާއަކަށް ހުންނެވީ ވަލީދު ބިން ޢަބްދުލް މަލިކެވެ.
އިސްވެ ދެންނެވުނު ބޭކަލުންގެ ތެރެއިން ޢާއިޝަތުގެފާނުގެ ދަރިވަރުންގެ ތެރޭގައި ފާހަގަކޮށްލެވޭ ފިރިހެން ބޭފުޅުންނަކީ محمد بن سيرين ، طاووس بن كيسان، عطاء بن أبي رباح، سليمان بن يسار، على بن الحسين، يحيى بن يعمر، ابن أبي مليكة، أبو بردة بن أبي موسى الأشعري، أبو الزبير المكي ، مطرف بن عبد الله بن الشخير އެވެ. އަދި މިނޫންވެސް ވަރަށް ގިނަ ބޭކަލުން ޢާއިޝަތުގެފާނުގެ އަރިހުން ޢިލްމު އުނގެނިވަޑައިގެންނެވިއެވެ.