ޢިބްރަތްތެރި ވާހަކަ: ދުޢާކޮށް ނަމާދުން ފައިބާއިރަށް މުޅި ހެނދުނުން ޙައްލުނުކުރެވުނު މައްސަލައެއް ޙައްލުކުރެވުނު ގޮތުގެ ވާހަކައާ އޭނާކުރި ދުޢާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ޢިބްރަތްތެރި ވާހަކަ: ދުޢާކޮށް ނަމާދުން ފައިބާއިރަށް މުޅި ހެނދުނުން ޙައްލުނުކުރެވުނު މައްސަލައެއް ޙައްލުކުރެވުނު ގޮތުގެ ވާހަކައާ އޭނާކުރި ދުޢާ-

އަޅުގަނޑަކީ ކުންފުންޏެއްގެ ކޮމްޕިޔުޓަރުތަކަށް ޖެހޭ މައްސަލަތައް ޙައްލުކުރުމުގެ ވަޒީފާއަދާކުރަމުން އަންނަ މުވައްޒިފަކީމެވެ. އެއީ އަޅުގަނޑަށް ކުރަން އުނދަގޫ މަސައްކަތެއް ނޫނެވެ. އަދި ކުރަން ބޮޑު މަސައްކަތެއްވެސް ނޫނެވެ. އެހެނެއްކަމަކު އެއީ އަޅުގަނޑަށް އަމާންދޭން ޖެހުނު ދުވަހެކެވެ.

ބޮސް އާއި ބޮސްގެ ސެކެޓްރީގެ ޕީސީ އެކުގައި ސްޓަކްވީއެވެ. ވީގޮތެއް ނުއެނގުނެވެ. ދަންނަހައި ޓެކްނިކެއް ބޭނުންކުރީމެވެ. އެކަމަކުވެސް ކުރިއަށް ދެވޭނެ ގޮތެއް ނުފެނުމުން ވަރަށް ބޮޑު މާޔޫސްކަމެއްގައި ހުއްޓައި މެންދުރު ނަމާދަށް ބަންގިގޮވައިފިއެވެ. މަސައްކަތް މެދުކަނޑާލާފައި ނަމާދަށް ހިނގައްޖެނަމަ ބޮސް ރުޅި އަތުވެދާނެ ކަމަށް ބިރުންހުރެވެސް ދިއައީ ނަމާދަށެވެ. އެއީ ބޮސްއަށްވުރެ މާބޮޑަށް މާތް ﷲ ދެކެ ބިރުގަންނާތީއެވެ. 

ކިތަންމެ ބޮޑަށް ޚުޝޫޢާތްތެރިވާން މަސައްކަތްކުރި ނަމަވެސް ދޭތެރެއަކުން ޝައިޠޯނާ ސިކުނޑިއަށް ވަދެގަނެ ކޮމްޕިޔުޓަރު ނުހެދި ހުރިކަމާއި ބޮސް ރުޅިއަތުވަދާނެކަން ހަނދާންކޮށްދެއެވެ. ވަޒީފާއިން ވަކިކޮށްފާނެ ކަމުގެ ބިރުވެސް ހިތަށް ވައްދުވައެވެ. 

އެހެންކަމާއިއެކުވެސް ވީހައިބޮޑަށް ޚުޝޫޢަތްތެރިވާން މަސައްކަތްކުރީމެވެ. އަދި ﷲ ތަޢާލާއަށް ވަކީލްކުރައްވަވައި އިބްރާހީމްގެފާނު ކުރެއްވެވި ދުޢާ ސަޖިދައިގައި އޮވެ ކުރީމެވެ.

" حَسْبُنَا ٱللَّهُ وَنِعْمَ ٱلْوَكِيلُ " 

ކޮންމެއަކަސް ނަމާދުން އަވަދިވެގެން އައިސް ޖެހި ފުރަތަމަ "އެޓެމްޕްޓް" އާއިއެކު ޙައްލުތައް ފެންނަން ފަށައިފިއެވެ. މުޅި ހެނދުނު އެކަމަކަށް ހޭދަކުރިއިރުވެސް ޙައްލު ނުހޯދިގެން އުޅުނު މައްސަލަތައް ބައިގަޑިއެއްހައިއިރުގެ ތެރޭގައި ޙައްލުކުރެވިއްޖެއެވެ.  

އަޅުގަނޑަށް ކުރެވިފައިވާ މިތަޖުރިބާ ޙިއްޞާމިކުރަނީ ވަރަށް ބޮޑު ބޭނުމަކުއެވެ. ތިމާގެ ކިބައިގައި ޢިލްމާއި ތަޖުރިބާ ހުރިނަމަވެސް އެއިން ފައިދާކުރާނީ މާތް ﷲ މިންވަރު ކުރެއްވެވުމުން ކަމާއި ކުރަން ފަށައިގެން އުޅޭ މަސައްކަތަކީ ކިތަންމެ މުހިންމު މަސައްކަތެއް ނަމަވެސް އަދި އެ މަސައްކަތެއް ނުނިމި ހުރިނަމަވެސް ބަންގި ގޮވުމުން ބަންގިއަށް ޢިޖާބަ ދިނުމުގެ މުހިންމުކަން ބަޔާންކުރުމަށެވެ.

- މިޝޭލް ސްކާފިއާގެ ލިޔުމަކުން  

 

މިއަދު އޮންލައިން